02 Mar 2020, 11:49
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓުގައި ފިޝަރީޒް މިނިސްޓަރުކަން ކުރައްވާ މިނިސްޓަރު ޒަހާ ވަހީދު ކުރައްވާފައިވާ މަސައްކަތްތަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭ ރިޕޯޓެއް ދެއްވައިފި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަން މިއަދު ޒަހާ ވަނީ މަޖިލީހަށް ހާޒިރުވެފަ އެވެ. ޖާބިރު ކުރެއްވި ސުވާލަކީ މަސްވެރިކަން ޒަމާނީ ކުރުމަށް އެއްވެސް ދިރާސާއެއް ސަރުކާރުން ކޮށްފައިވޭތޯ އެވެ. ޒަހާ ވިދާޅުވީ، އެފަދަ އެއްވެސް ދިރާސާއެއް ހެދިފައި ނެތް ނަމަވެސް، އެކަމާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެން ހޯދަން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދަން ކުރައްވަނީ ކޮން މަސައްކަތްތަކެއްތޯވެސް ޖާބިރު ސުވާލު ކުރެއްވި އެވެ. ޒަހާ ވިދާޅުވީ، ގއ. މާނާގަލާގައި އެން އާލާކުރުުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއަށް ސުވާލު ކުރައްވަން ލިބުނު ފުރުސަތުގައި ވިދާޅުވީ، ދިއްފުށީ ބޮއި ކަނޑައިގެންގޮސްފައި ވާތީ އެކަން މީގެ ކުރިން މިނިސްޓަރު ޒަހާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެ ބޮއި އަލުން އަޅަން ކިހާ ދުވަހެއް ނަގާނެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޒަހާ ވިދާޅުވީ، ދިއްފުށި ބޮއި މިއަދު ހެނދުނު އަޅައި ނިމިއްޖެ ކަމަށެވެ. އެއާ އެކު ބައެއް މެމްބަރުން އަތްތިލަބަޑި ޖެއްސެވި އެވެ.
"ރިޕޯޓު ކާޑުގައި ޖަހަންވެއްޖެ ނަމަ އަޅުގަނޑު ހިތުން އޭއަކަށް މިހާރު އިއްޒަތްތެރި ވަޒީރު ވަޑައިގެންފި،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޒަހާ މަގާމަށް ވަޑައިގެންނެވި އިރު ޔޫރަޕިއަން ޔުނިއަނުން އޮތީ ރާއްޖެއިން މަސް ނުގަންނަ ހިސާބުގައިކަންވެސް ރައީސް ނަޝީދު މިއަދު ފާހަގަކުރެއްވި އެވެ. އެކަމަކު، މިހާރު އެ ހާލަތު ބަދަލުވެއްޖެކަން ފާހަގަކުރައްވައި ނަޝީދު މިނިސްޓަރަށް މަރުހަބާ ދެންނެވި އެވެ.
"އިއްޒަތްތެރި ވަޒީރަށް ވަރަށް ބޮޑަށް މަރުހަބާ. އިއްޒަތްތެރި ވަޒީރު ފާހަގަކުރެއްވީ އިއްޒަތްތެރި ވަޒީރު މަގާމާ ހަވާލުވެވަޑައިގެންނެވި އިރުގައި ޔޫރަޕިއަން ޔުނިއަނުން އޮތީ ދިވެހިރާއްޖޭގެ މަސް ނުގަންނަ ހިސާބަށް ސަރުކާރުން އޭރު ސިޔާސަތު ހިންގަމުން ގެންދިޔަ ގޮތުގެ ސަބަބުން އެ ފައްތަރަށް އައިސް. އެހެންނަމަވެސް، އިއްޒަތްތެރި ވަޒީރުގެ މިދިޔަ އެއް އަހަރު ދުވަހުގެ މަސައްކަތުން އެކަމުން ދިވެހިރާއްޖެ މިވަނީ އަރައިގަނެވިފައި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ޒަހާއަށް ތައުރީފު ކުރައްވާފައިވާއިރު ސަރުކާރު ހިންގާ އެމްޑީޕިއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުގެ މިނިސްޓަރުންނަށް ފާޑުކިޔައިފަ އެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ ޒަހާ އިސްތިއުފާއަށް ގޮވާލައިފަ އެވެ.
މަސްވެރިކަމުގެ ބިލް ފާސްކޮށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދުތަކާ އުސޫލުތައް އަދިވެސް އެކުލަވާލެވިފައި ނުވާ ކަމަށް ވިދާޅުވެ މިދިޔަ ހަފްތާގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މީގެ ކުރިން ރައީސް ނަޝީދު އޭ ރިޕޯޓެއް ދެއްވި ހަމައެކަނި މިނިސްޓަރަކީ އެމްޑީޕީގެ ސްލޮޓެއްގައި ހުންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.