މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން އާންމުންގެ ބައްދަލުވުންތައް މަޖިލީހުގައި ބޭއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ހުށަހަޅުއްވައިފައެވެ.

ބިލު ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރައީސް ނަޝީދު ފާހަގަ ކުރެއްވީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވަން މަޖިލީހުގެ ގަވައިދުވެސް ލާޒިމު ކުރާ ކަމެވެ.

އެ ފުރުސަތު ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ކުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރާއި، މަޖިލީހުގެ އަމީންއާންމާއި، ކައުންސިލާ ޖެނެރަލްއާ މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް މަޖިލީހަށް ގޮސް، ބިލުތަކަށް ހިޔާލު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ބައްދަލުވުން ކުރިއަށް ގެންދާނީ މަޖިލީހުގެ އާ އިމާރާތުގެ ހޯލެއްގައި ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ބިލު ހުށަހަޅުއްވާ މެމްބަރާއި، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއް ނަމަ ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރާއި، ސަރުކާރުގެ ފަރާތުން އެ ބިލާ ބެހޭގޮތުން އިތުރު މައުލޫމާތު ދެވޭނެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެފަދަ ބައްދަލުވުންތައް ބާއްވާނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހިޔާލު މި ހުރީ ރައްޔިތުންނަށް މިތަނަށް އާދެވި ބިލުތަކާ ގުޅޭ ގޮތުން މި ބާވަތުގެ މަޝްވަރާތަކުގައި ބައިވެރިވެވޭނެ ގޮތަކަށް އަޅުގަނޑުމެން މަޖިލީހުގެ އިންތިޒާހު ހަމަޖައްސައިދިނުން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިހާރު ބިލުތަކަށް ހިޔާލު ހޯދަން ހުޅުވާލަނީ އިބްތިދާއީ ބަހުސް ނިމި، ބިލު ކޮމިޓީއަށް ފޮނުވުމުން ކޮމިޓީއިންނެވެ. އަދި ހިޔާލު ހުށަހަޅަން ޖެހެނީ ލިޔުމުންނެވެ.