08 Dec 2011, 16:52
ޅ.ނައިފަރުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ ޖުވެނައިލް އިން ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް)ގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކުން ޑޮލަރު ދޫނުކޮށްގެން ބޭންކުގެ މައްޗަށް ދައުވާ ކުރުމުން އެ ޖަމިއްޔާއާ އެކު ކުރަމުންދާ މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓާލައިފި އެވެ.
ބީއެމްއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ފާތުމަތު މަނިކެ ސޮއިކުރައްވައި މިދިޔަ އަންގާރަ ދުވަހު ޖުވެނައިލް ޖަމިއްޔާ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ޖަމިއްޔާ އިން ބޭންކާ ދެކޮޅަށް ދައުވާ ކުރުމުން އެ ޖަމިއްޔާ އާއި ބީއެމްއެލްއާ ދެމެދު އެދެވޭ ގޮތެއްގައި ބޭންކިން މުއާމަލާތްތަކެއް އިތުރަށް ނުކުރެވޭނެ ކަމަށެވެ. އަދި މިހިނގާ ޑިސެމްބަރު 21 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގައި އެ ޖަމިއްޔާ އިން ހުޅުވާފައި ހުރި ހުރިހާ އެކައުންޓްތަކެއް ބަންދުކުރާނެ ކަމަށާއި އެ މުއްދަތު ފަހަނައަޅާ އިރު އެ ޖަމިއްޔާގެ އިތުރު ފައިސާތަކެއް ބޭންކުގައި ހުރި ނަމަ އަނބުރާ ޖަމިއްޔާ އާ ހަވާލުކުރާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން 21 ޑިސެމްބަރުގެ ކުރިން އެ ޖަމިއްޔާ އިން ފޮނުވާފައިވާ ޗެކްތަކާއި ބޭންކަށް ޑިޕޮސިޓް ކޮށްފައި ހުރި ޕޭ އޯޑާސްތައް ކްލިއާ ކުރުމަށް ވެސް ބީއެމްއެލްގެ ސިޓީގައި ބުނެފައިވެ އެވެ.
ޖުވެނައިލް ޖަމިއްޔާ އިން ނައިފަރު ކޯޓުގައި މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހު ކުރި ދައުވާގައި ބުނެފައި ވަނީ ބީއެމްއެލްގެ ނައިފަރު ބުރާންޗުގައި އެ ޖަމިއްޔާގެ ޑޮލަރު އެކައުންޓެއް އޮވެ، ޑޮލަރު ހުރުމާ އެކު ޑޮލަރު ނަގަން ދިއުމުން ފިޒިކަލް ކޭޝް ޖަމާ ނުކުރާތީ ކަމަށް ބުނެ އެކަމުގެ ލިޔުމެއް ވެސް ނުދީ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓާފައި ވާތީ އެ ފައިސާ ދޫކޮށް ދިނުމަށް ބޭންކުގެ މައްޗަށް އަމުރެއްނެރެ ދިނުމަށެވެ.
އެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.