ޗާންދަނީމަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބިދޭސީއަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 8:00 ހާ އިރު އަލިފާނުގެ ހާދިސާ ހިނގީ ޗާންދަނީމަގުގައި ހުންނަ "ބިގް މޭން އެންޑް ކޯ" ކެފޭގެ ބަދިގޭގައި ކަމަށެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ އަލިފާނުގައި މީހަކު ފިހިފައިވާ ކަމަށެވެ. އެއީ ބިދޭސީއެއް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެ ކެފޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ، އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލުކޮށްފަ އެވެ.