02 Mar 2020, 10:02
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ތައާރަފްކުރި، ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާގެ މަހު މުސާރައެއް ދިނުމުގެ ސްކީމްގެ ދަށުން އެ ފައިސާ ލިބުނީ އެންމެ ދޯންޏަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރުގެ ސުވާލަކަށް ޖަވާބު ދެއްވަން މިއަދު މިނިސްޓަރު ޒަހާ މަޖިލީހަށް ވަޑައިގަތެވެ. މެމްބަރު ޖާބިރުގެ ސުވާލަށް ފަހު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ސުވާލު ކުރެއްވީ ބެޔަސް ނުބެޔަސް ސިޔާސަތުގެ ދަށުން ފައިސާ ދިނީ ކިތައް ދޯންޏަށްތޯ އާއި އެ ސިޔާސަތާ މެދު މިހާރު އަމަލު ކުރަނީ ކިހިނެއްތޯ އެވެ.
"ބެޔަސް ނުބެޔަސް ދެވިފައި ވަނީ އެންމެ އުޅަނދަކަށް. އެއީކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެހެންކަމުން އަޅުގަނޑުމެން އެކަމެއް ތަންފީޒެއް ނުކުރަން،" ޒަހާ ވިދާޅުވި އެވެ.
އެ ސުވާލަށް ޒަހާ ޖަވާބު ދެއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ ކޮން ގެއެއްގެ ދޯންޏެއް ތޯ ހިތަށް އަރާވަޑައިގެންނެވި ކަމަށެވެ.
"އިއްޒަތްތެރި ވަޒީރު އަޅުގަނޑުގެ ހިތަށް ވަނީ އެއީ ކޮން ގެއެއްގެ އޮޑިއެއް ބާވައޭ،" ސަމާސާ ރާގަކަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އެއީ ކޮން ދޯންޏެއްތޯ ބަލަން ވަރަށް ގިނަ މަސްވެރިން ބޭނުންވާ ކަމަށް ވިދާޅުވެ، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސުވާލު ކުރެއްވި އެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު ޒަހާ ވިދާޅުވީ، މަޖިލީހަށް މިއަދު ވަޑައިގަތީ އެ މައުލޫމާތު ސާފުކޮށްގެން ނޫން ކަމަށެވެ. އެއީ ސީދާ ކޮން ދޯންޏެއްކަން އެނގިވަޑައިނުގަތަސް، އެއީ ށ. އަތޮޅަށް ނިސްބަސްވާ ދޯންޏެއް ކަމަށް ވިދާޅުވި އެވެ.
ބެޔަސް ނުބެޔަސް އަކީ، މަސްވެރިކަން ދަށް މޫސުމުގައި ނުވަތަ މޫސުން ގޯސްވެގެން މަހަށް ނުދެވޭ ދުވަސްވަރު، މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ފައިސާ ލިބޭނެ ސްކީމެކެވެ. އެފަދަ ސްކީމެއް ތައާރަފް ކުރުމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނެރުއްވި މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެވައުދު އެކަށީގެންވާ ގޮތުގައި ނުފުއްދިގެން އެމަނިކުފާނުގެ ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.