02 Mar 2020, 09:40
މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ އެގައުމުގެ ކުރީގެ ދާހިލީ ވަޒީރު މުހްޔިއްދީން ޔާސީން ވަނީ އިއްޔެ ކުރައްވައިފަ އެވެ. ނަމަވެސް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ވަނީ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު އޮތީ އޭނާއަށް ކަމަށް ވިދާޅުވެ، އެ ނިންމުމަށް ގޮންޖައްސަވައިފަ އެވެ.
އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހާތީރު ވިދާޅުވީ އޭނާގެ ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ދާޚިލީ ވަޒީރު މުހްޔިއްދީން ޔާސީން ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވި ނަމަވެސް ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތީ މަހާތީރާއި މަހާތީރުގެ ޕާޓީއާއި ގުޅިފައިވާ ކޯލިޝަނަކަށް ކަމުގައެވެ. މިދިޔަ ހަފްތާގައި މަހާތީރު އިސްތިއުފާ ދެއްވުމުން މެލޭޝިއާގެ ރަސްގެފާނު ޢަބްދުﷲ ރިޢާޔަތުއްދީން މުޞްތަފާ ވަނީ ޕާލަމެންޓުގެ މެންބަރުން ވަކިވަކިން ހާޒިރުކޮށް އެބޭފުޅުންގެ ތާއީދުއޮތް ޕާޓީތައް ސާފުކުރައްވައި ބޮޑުވަޒީރު ކަމަށް ކުރީގެ ދާޚިލީވަޒީރު މުހްޔިއްދީން ޔާސީން އިޚްތިޔާރު ކުރައްވާފައެވެ. އަދި އިއްޔެ އޭނާވަނީ މަގާމުގެ ހުވާކުރައްވާފައެވެ.
މެލޭޝިާގައި ކުރިން ބޮޑުވަޒީރު ކަމަށް ބޭފުޅަކު އިޚްތިޔާރުކުރަނީ ޕާލަމެންޓްގެ ތެރެއިންނެވެ. އަދި ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ދަސްތޫރާ އެއްގޮތަށް އެބޭފުޅަކާ ހަވާލުކުރައްވަނީ ރަސްގެފާނެވެ. މިފަހަރުވެސް ޕާލަމެންޓްގެ ތެރެއިން އެކަން ކުރައްވަން މަހާތީރު އުޅުއްވިއެވެ. ނަމަވެސް އެކަމުގައި މެންބަރުންގެ އެއްބާރުލުން މަހާތީރަށް ނުލިބި އުޅެނިކޮށް ރަސްގެފާނު ކުރިޔަށް އެއްފިޔަވަޅު އަޅުއްވައި ޕާލަމެންޓުގެ މެންބަރުން ވަކިވަކިން ބައްދަލުކުރައްވައި ބޮޑުވަޒީރު ކަމަށް މުހްޔިއްދީން އިޚްތިޔާރު ކުރެއްވީއެވެ.

މަހާތީރާއި އަންވަރު
މިގޮތަށް ރަސްގެފާނު ކަންތައްކުރެއްވީ ރަސްގެފާނުގެ ނުރުހުން މަހާތީރަށް އޮންނާތީކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރީގެ ރަސްގެފާނު މަގާމުން އިސްތިއުފާ ދެއްވީވެސް މަހާތީރުގެ ފިއްތުންތަކުގެ ސަބަބުންނެވެ. މިހާރުގެ ރަސްގެފާނަށްވެސް މަހާތީރުގެ ފިއްތުންތައް އެބައޮތެވެ.
މަހާތީރު ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އަންވަރުގެ ހޯޕް ކޯލިޝަނުގެ ބައެއް މެންބަރުން އިދިކޮޅު އުމްނޯއާ ގުޅިގެން އާ ކޯލިޝަނެއް އުފައްދަން މަސައްކަތް ފެށުމުންނެވެ. ކުރިން އަންވަރަށް ހީވެވަޑައިގެންފައިއޮތީ އިދިކޮޅާ ގުޅުމުގެ މަސައްކަތްކުރީ މަހާތީރު އަޑީގައި ހުންނަވައިގެން ކަމުގައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ޔަގީންވުމުން އަންވަރުވަނީ މަހާތީރު އަލުން ބޮޑުވަޒީރުކަމަށް ގެނައުމަށް ތާއީދުކުރައްވާފައެވެ.
މިދިޔަ ހަފްތާގައި ކުއްލި ގޮތަކަށް މަހާތީރު އިސްތިއުފާ ދެއްވުމާއެކު މެލޭޝިއާގެ ޕާލަމެންޓް މެންބަރުން ސިޔާސީ ގޮތުން ތިންބައަކަށް ބެހިގެންދިޔައެވެ. އެ ތިން ބަޔަކީ، އަންވަރު އިބްރާހީމްގެ ހޯޕް ކޯލިޝަނާއި މަހާތީރުގެ މެލޭޝިއަން ޔުނައިޓެޑް އިންޑީޖިނަސް ޕާޓީ އާއި އިދިކޮޅު ޕާޓީ ކަމަށްވާ އުމްނޯ ކޯލިޝަންއެވެ. މިއިން އެއްވެސް ބައަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ. މީގެތެރެއިން އެންމެ ގިނަ ގޮނޑި ކަށަވަރު ކުރެވިފައިވަނީ އަންވަރު ގެ ހޯޕް ކޯލިޝަނަށެވެ. އެއީ 92 ގޮނޑިއެވެ.

އައު ބޮޑުވަޒީރަކަށް މުޙްޔިއްދީން އައްޔަން ކުރައްވަނީ
މެލޭޝިއާގެ ޕާލަމެންޓްގައި 222 މެންބަރުން ތިއްބަވާއިރު ސަރުކާރެއް އެކުލަވާލުމަށް މަދުވެގެން 113 ގޮނޑި ބޭނުންވެ އެވެ. ކުއްލިގޮތަކަށް މެލޭޝިއާގެ ސިޔާސީ ކޯލިޝަންތައް ބައިބައިވެގެންދިޔައިރު އުމްނޯ އާއި ޕީއޭއެސް ވަނީ މަހާތީރު އަލުން ބޮޑުވަޒީރުކަމަށް ގެންނަން ތާއީދު ނުކުރުމަށް ނިންމާފައެވެ. މައި އިދިކޮޅު ޕާޓީގެ ހައިޘިއްޔަތުން އުމްނޯ (ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ ކޯލިޝަން) ބޭނުންވަނީ ޤާނޫނު ހަދާ މަޖިލިސް އުވާލައި އަލުން އިންތިޚާބަކަށް ދިޔުމަށެވެ. ނަމަވެސް އުމްނޯއާ ކޯލިޝަން ހަދާފައިވާ ޕީއޭއެސްވެސް އަދި މަހާތީރުގެ ޕާޓީވެސް އަވަސް އިންތިޚާބެއް ބޭނުމެއް ނުވެއެވެ. އެއީ ތާއީދު ނުލިބިދާނެކަމުގެ ބިރު އޮތުމުންނެވެ.
ބޮޑުވަޒީރު ކަމުގެ ހުވަފެން ދެކެވަޑައިގަންނަވަމުންދާތާ 20 އަހަރުވެފައިވާ އަންވަރު އިބްރާހީމް މި ގަޑުބަޑުގެ ތެރޭގައި މިހާރު މަސައްކަތްކުރައްވަނީ މެލޭޝިއާގެ މައި ބައްރާ ވަކިން އޮންނަ ދެ ސްޓޭޓް ކަމަށްވާ ސަރަވާކްއާއި ސަބާޙް އަށް ނިސްބަތްވާ ކުދި ޕާޓީތަކާ ގުޅިގެން ޕަލަމެންޓުން އިތުރު 20 ގޮނޑި ކަށަވަރުކުރުމަށެވެ. ނަމަވެސް އިދިކޮޅު އުމްނޯ (މިހާރުގެ އައު ސަރުކާރުގެ މައި ޕާޓީ) އާއި އެޕާޓީއާ ގުޅިފައިވާ ޕީއޭއެސް އިންވަނީ މަހާތީރުގެ ބަދަލުގައި މަހާތީރުގެ ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ދާޚިލީ ވަޒީރު މުޙްޔިއްދީން ޔާސީން ބޮޑުވަޒީރަކަށް ގެނައުމަށް ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ތާއީދު ދިނުމަށް ނިންމާފައެވެ. މުހްޔިއްދީން އިއްޔެވަނީ މަގާމުގެ ހުވާކުރައްވާފައެވެ.
މެލޭޝިއާގެ ސިޔާސީ ޕާޓީތަކުގެ މެދުގައި މިހާރު ހިނގަމުންދާ އަރާރުންތައް ބިނާވެފައިވާ އެއްކަމަކީ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް އުމްނޯ އިން ކުރާ މަސައްކަތެވެ. އަނެއް ކަމަކީ އަވަސް އިންތިޚާބަކަށް ނުގޮސް ކުދި ޕާޓީތަކާ ގުޅިގެން ބޮޑުވަޒީރުކަމަށް އަންވަރު އިބްރާހީމް ގެނައުމަށް އޭނާގެ ހޯޕް ކޯލިޝަނުން ކުރާ މަސައްކަތެވެ.
އަވަސް އިންތިޚާބަކަށް ދިޔުމަށް ހުރަސްއެޅުމުގައި މަހާތީރާއި އަންވަރު އެއްގަލަކަށް އަރައި ދެބޭފުޅުންގެ މަސްލަޙަތު ގުޅުނުނަމަވެސް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ހަނގުރާމައިގާ މަހަތީރާއި އަންވަރުގެ މަސްލަޙަތު ފުށުއަރެއެވެ. އަނެއްކޮޅުން މަހާތީރުގެ ޕާޓީގެ ރައީސް މުޙްޔިއްދީން ބޮޑުވަޒީރުކަމަށް ގެންނަން އުމްނޯގެ ތާއީދު ލިބުނުނަމަވެސް މަހާތީރު އަލުން ބޮޑުވަޒީރުކަމަށް ގެނައުމަށް އުމްނޯ ތާއީދެއް ނުކުރެއެވެ.
މެލޭޝިއާގެ ސިޔާސީ ޕާޓީތަކުގެ މެދުގައި މިއަރާރުންތައް ކުރިޔަށްދާއިރު ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރުކަމަށް ރަސްގެފާނު އިޚްތިޔާރު ކުރައްވާފައިވާ މުޙްޔިއްދީން އަށް ޤާނޫނު ހަދާ މަޖިލީހުގެ ތާއީދު އޮތްކަމުގައެވެ. މިކަން ބެލުމަށްޓަކައި މިމަހުގެ 9 ގައި ޕާލަމެންޓްގައި ވޯޓެއް ނެގުމަށް މަހާތީރާއި އަންވަރު ގެންދަނީ ގުޅިގެން މަސައްކަތް ކުރައްވަމުންނެވެ.