ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ 170 ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

އެގޮތުން އިއްޔެ ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒާއި އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގައި އިއްޔެ ވަނީ ޓީޗާ ޓްރެއިނިން އޮން އިންކްލޫސިވް އެޑިޔުކޭޝަން ފޯ ނިއުޓީޗާސް ވޯކްޝޮޕް ފަށައިފަ އެވެ.

ބުދަ ދުވަހުގެ ނިޔަލަށް އޭދަފުށީގައި ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ނ، ރ. އަދި ބ. އަތޮޅުން ޖުމުލަ 29 އިންކްލޫސިވް އެޑިޔުކޭޝަން ޓީޗަރުން ބައިވެރިވެ އެވެ. އަދ އައްޑޫ ސިޓީގައި ފެށި ވޯކްޝޮޕުގައި ގއ، ގދ، އައްޑޫ އަދި ފުވައްމުލަކު ސިޓީއިްނ 41 އިންކްލޫސިވް އެޑިޔުކޭޝަން ޓީޗަރުން ބައިވެރިވެ އެވެ.

އެ ދެ ވޯކްޝޮޕު ފެސިލިޓޭޓް ކުރައްވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލް ބޭފުޅުންނާއި އިންކްލޫސިވް އެޑިޔުކޭޝަން ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ސްކޫލުތަކުގެ ޓީޗަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިމަސް ތެރޭގައި އެފަދަ އިތުރު ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކުރިއަށްގެންދަން ރާވާފައިވާކަމަށެވެ. އަދި 170 ޓީޗަރުން އެ ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ކުރުމަށް ރަވާފައިވެއިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.