އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ 196 މިލިއަން ރުފިޔާގެ ތެރެއިން 18.4 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮމެޓީ އެލަވަންސުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓާ އަހުމަދު އިނާޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އިނާޒު މިއަދު ވިދާޅުވީ މަޖިލިސް މެންބަރުގެ ކޮމެޓީ އެލަވަންސްގެ ފައިސާ ދައުލަތުގެ ބެޖެޓްގައި ހިމަނާފައި ވަނީ މަޖީލީހުގެ އިދާރާ އިން ބަޖެޓް ފޮނުވި އިރު އެ ފައިސާ ހިމަނާފައިވާތީ ކަމަށެވެ. ކޮމެޓީ އެލަވަންސު 18.4 މިލިއަން ރުފިޔާގެ ތެރެއިން ކޮމެޓީތަކަށް ބަރާބަރަށް ހާޒިރުވާ މެންބަރަކަށް، 240،000ރ. ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ. އަދި މަހު މުސާރަ 62500ރ. އާ އެކު އަހަރު ދުވަހު ލިބޭ ޖުމްލަ އަދަދު 990000ރ. އަށް އަރާނެ އެވެ.

~
ދައުލަތުގެ ބަޖެޓްގައި މަޖިލީހުގެ އިދާރީ ހިންގުމަށް 90.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސުން އަންދާޒާކޮށްފައިވެ އެވެ. މެންބަރުންގެ މުސާރަ އާއި މަޖިލީހުގެ މުވައްޒަފުންގެ ހަރަދުތަކަށް 106.2 މިލިއަން ރުފިޔާ ޖަހާފައިވެ އެވެ.

މުސާރައިގެ އިތުރުން މެންބަރުންނަށް ޖެނުއަރީ މަހުން ފެށިގެން ކޮމެޓީ އެލަވަންސް ދޭން މާލިއްޔަތު ކޮމެޓީން ނިންމީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން ކޮމެޓީ އެލަވަންސާ ދެކޮޅަށް "އެކްޓިވިސްޓުންތަކެއް" ވަނީ ތެދުވެފަ އެވެ. އެކްޓިވިސްޓުން ބުނަމުން ގެންދިޔައީ މެންބަރަކަށް ކޮންމެ މަހަކުދޭ 62500ރ.ގެ މުސާރައަކީ މަޖިލީހުގެ މަސައްކަތުގެ އުޖޫރަ ކަމަށެވެ. އެލަވަންސްގެ ނަމުގައި އިތުރު ފައިސާއެއް މެންބަރުނަށް ދެވިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ މި ސަރަހައްދުގެ ޕާލަމެންޓްތަކުގެ ތެރެއިން އެންމެ މުސާރަ ބޮޑު ގައުމު ކަމަށް ބުނެ މެންބަރުންގެ މުސާރަ ކުޑަ ކުރުމަށް ވެސް އެކްޓިވިސްޓުން އަޑު އުފުލާފައިވެ އެވެ.

ކޮމެޓީ އެލަވަސް ހުއްޓުވުމަށް ސިވިލް ކޯޓަށް އެ މީހުން ވަނީ މައްސަލަ ވެސް ވައްދާފަ އެވެ. ނަމަވެސް ތިން މަސް ދުވަހު ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކޮމެޓީ އެލަވަންސް ދޫނުކުރުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.