02 Mar 2020, 09:02
"ޓެލް މީ..." އަދާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. އަނެއްކާ މިންކާ ވެސް އަރްސަންއައި ހެދި އުޅެނީ ހެއްޔެވެ. އެހެނެއް ނުވާނެއެވެ. ހިތަށް އަރުވަންވެސް ނުބައި ވިސްނުމެކެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ އަރްސަންއަށް އެފަދަ ނަޒަރަކުން ބަލައިލާން ހިތަށްވެސް ނާރުވާނެއެވެ. ފަހަރެއްގައި އަދި ލޯބި ވެވުނަސް އޭނަ ފުރާނަވެސް ގުރުބާންކޮށްފާނެއެވެ.
"އަމިއްލަ ކޮއްކޮ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ބަޔެއްގެ ހަމަލާގައި މަރުވެފައިވުމުން އެބަޔަކު ދެކެ ހޭޓްކުރުން އިންސާނާގެ ތަބީއަތުކަމުގައިވާނެ. ނަފްސާނީ ޑޮކްގެ އެހީގައި ބޭސްކައިގެން ނިދާލެވޭ އެކަމަކު އަދިވެސް ބިރުވެރި ހުވަފެންތައް ފެނޭ. ހިތަށް ބާރުވެފައި އަބަދު ހިތްދަތިވެފައި ހުރެވެނީ. މާޔޫސްވެ އުއްމީދު ގެއްލިފައި މުޅި ދުވަހު. އެހެން ހުރެފައި ދެން ހިތަށް އެރީ އެކްސްޓްރީމިސްޓުންގެ ޕޭޖުތައް ބަލައިލާނީއޭ. އެހާ ރަހުމްކުޑަކޮށް މީހުން މަރާލާފަދަ ވިސްނުން އަންނަނީ ކިހިނެއްހެއްޔޭ. އަހަރެން ބޭނުންވީ އިތުރަށް އެމީހުންނާއި ބެހޭގޮތުން ހޯދަން. މިހެން ބަލަމުންގޮސް އާލިއާ ކިޔާ ކުއްޖަކު ހިންގާ ޕޭޖެއް ފެނުނީ. އޭނަގެ ވިއު ތަފާތު. އައި މީން އޭނަ އިނޮސެންޓް މީހުން މެރުމާއި ދެކޮޅު. އެކަމަކު އެއަށްވުރެ ބޮޑަށް އެ ގާލް ހުރީ ހިތާމަތަކުން އަރައިގެންނަން ޕްރޭ ކުރުންފަދަ ހައްލު ތަކުގެ ވާހަކަ ލިޔެފައި. ދެން ކުރީދުވަހު މި ގާލްއަށް މެސެޖްކުރީ. ވަރަށް ފްރެންޑްލީކޮށް ރިޕްލައި ކޮށްފައި އިން. އެހެންވެ ހިތަށް އަރަނީ އޭނައާއި މީޓްކޮށްލާނީއޭ....." މިންކާ ބުނެލިއެވެ.
"ނޫން ނޫން ނޫން...ޕްލީޒް ނޫން މިންކް ނޫން." އަދާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ.
"ކިހިނެއްވީ؟ " މިންކާ އެހިއެވެ.
"އެގޮތަށޭ އެމީހުން ބްރެއިން ވޮޝްކޮށްލަނީ.. ތިހެން ކިޔަމުންގޮސް އެންމެ ފަހުން ޖިހާދީއަކަށް ހަދާފައި ނިންމާލާނީ. ޓްރަސްޓް މީ މިންކް. ތިއީ ރަގަޅު ޚިޔާލެއްނޫން.." އަދާ މިންކާގެ އަތުގައި ހިފައިފާ ބާރުކޮށްލިއިރު އެއަތްތިލަ މަޑު ގަނޑުފެންކޮޅެއް ފަދައެވެ.
"އަހަރެން ކިހިނެއް އުފާވެރިކަން ހޯދާނީ.. އާލިޔާ އެބަބުނޭ ދުއާއިން އުފަވެރިކަން ލިބޭނެއޭ"
"ޔަޕް އަހަރެމެންވެސް އަހަރެމެންގެ ގޮތުގައި އަޅުކަން އެބަކުރަމޭ. އެތައް ފަހަރު އަރްސަންއަށްޓަކާ ދުއާ ކުރަން. އޭނަގެ އުމުރު ދިގުކުރެއްވުމަށް އެދި. އަހަރެމެން ދޭތެރޭ އޮތް ލޯބި އެއަށް ވުރެ ވަރުގަދަވުމަށް އެދި. އަހަރެމެން މުސްކުޅިވާންދެން އެކީގައި ވުމަށް އެދި. އެގޮތަށް އެތައް ފަހަރު ދުޢާކުރެވޭ. އެގޮތަށް ހަދާ. އެކަމަކު ތިކަހަލަ ވައްހާބީއިންނާއި ގާތްވާން ވެއްޖެއްޔާ ސިރިޔާގެ ޖަލެއްގައި ސީރިޔާގެ ނުލަފާ ސިފައިންގެ އަތްދަށުގައި ދިރިއުޅުން ނިމިގެންދާނީ. އެގޮތަށް ވާން ބޭނުންތަ؟ " އަދާ މަޑުމަޑުން ބުނެލިއެވެ.
***
މިންކާ "ނޫރު ހިޖާބު" ފިހާރައަށް ވަދެފައި ކުލަ ކުލައިގެ ޝޯލްތަކާއި ތަފާތު ވައްތަރުގެ އަބާޔާތައް ބަލަމުން ދިޔައެވެ. އެ ފިހާރައަށް ވަދެވުމުން ހަމަ ކުއްލިއަކަށް އަރަބި ތަނަކަށް ވަދެވުނުހެން ހީވިއެވެ. އެތަނުގައި ހުރި ޓީވީއަކުން ހަރަމްފުޅުގައި ތަރާވީހު ނަމާދު ކުރާ މަންޒަރުގެ ރިކޯޑިންއެއް ދައްކަމުން ދިޔައެވެ. ޝުރައިމްގެ އަޑުން ފުރުގާން ސޫރަތް ކިޔަވާއިރު ޔަގީނުންވެސް އެތަނުގައި ހުރި އަންހެންކުއްޖާ ހުރީ ޝައުގުވެރިވެފައެވެ.
"މިއީ ކާކުގެ ފިހާރައެއްތަ؟" މިންކާ އެހިއެވެ.
"ޝޭޚު އަދުނާންގެ....."
"ދުވަހަކު އަޑުނާހަން. އެކަމަކު ހާދަ ރީތިކޮށޭ މި ކިޔަވަނީ.....މިއީ ޝޭޚު އަދުނާންތަ؟" މިންކާ އަހާލައިފިއެވެ. ޝުރައިމްފަދަ މަޝްހޫރު ޝޭޚަކު ނޭގުމުން އެކުއްޖާ ހައިރާންވިއެވެ.
"ނޫން. މިއީ ހަރަމްފުޅުގެ އިމާމް ޝުރައިމްގެ ތަރާވީސް ނަމާދު ރިކޯޑިން އެއް. މިހާރު ވަރަށް ޔަންގް ކުދިންވެސް އުމްރާއަށް ދެއެއްނު................" އެކުއްޖާ ބުނެލިއެވެ. މިންކާ ދަންނަ ގޮތުން އެތަނަށް ދާން ޖެހެނީ ކާފަމެންގެ އުމުރުގެ މީހުން ނޫންހެއްޔެވެ؟ އޭނަގެ ކާފައާއި މާމަ ދިޔަ ހަދާނެއް ވިއެވެ. އެދަތުރު އެންމެނަށް ހަދިޔާއަކަށް ރަނުގެ ގަހަނާތައް ލިބުނެވެ. އަދިވެސް އޭނަގެ އަތުގައި ހައްޖު ހަދިޔާތައް ވެއެވެ.
"ފްރެންޑެއްގެ އުފަން ދުވަހަށް ގިފްޓެއް ޗޫޒްކޮށް ދީފާނަންތަ؟ އެކުއްޖާ މޫނު ބުރުގާވެސް އަޅާ. މިކަހަލަ ކަންތައްތަކަށް ވަރަށް އާވާނެ އެހެންވެ..........................." މިންކާ ކައުންޓަރުގައި އިން އަންހެންކުއްޖާއާއި ހިނިތުންވެލިއެވެ.
"މޫނު ބުރުގާ އަޅާ ކުއްޖެއްވިއްޔާ ތަންކޮޅެއް އާދައިގެ ކަޅު ހެދުމަކާއި ބޮޑު ބުރުގާއެއް ބޮޑަށް ރަގަޅުވާނީ.. ތަފާތު ކޮލިޓީ ފޮތިތައް ހުންނާނެ. ދެރަ ފޮތްޗާއި މޮޅު ފޮތި ހުންނަންވާނެތާ................" އެކުއްޖާ އެކި ފޮތީގެ ނަންތައް ކިޔަމުން ދިޔައިރު މަހާ ހިތާހިތުން ޖެއްސުންކުރިއެވެ. އޭނަ އެއްވެސް ޝައުގެއް ހުރީއެއް ނޫނެވެ. މޫނު އަޅާފައި ތިބޭ އަންހެނުންދެކެ އޭނަ ނަފްރަތުކުރާ ވަރު އެނގޭނެނަމައެވެ. އޭނަ ދެތިން ހެދުން ގަނެލުމަށްފަހު އަވި އައިނު ރަގަޅުކޮށްލުމަށްފަހު ހިނގައިގަންނަމުން އެކުއްޖާއަށް ޝުކުރު އަދާކުރިއެވެ. ބޭރަށް ނުކުތްއިރު ފުދޭވަރަކަށް އުޑުމަތި ބަނަވިޔަސް ކާރެއް ނަގަން ޚިޔާލެއް ނުކުރިއެވެ. ގެއަށް ދާނީ ހިނގާފައެވެ.
***
މޫނު ބުރުގާ އަޅާފައި ހުރި މިންކާ "ގެޒެއިނިއާ" ގެ ދޮރާށިން ވަނެވެ. އޭރު އޭނައަށް ހޫނުވެ އުދާސްވެގެން ދަލުގެ ރޮގުތައް އެކި ދިމާލުން ތިރިއަށް ދެމެން ފަށައިފިއެވެ. ބޮލުގައި ރިއްސަން ފަށައިފިއެވެ. އަންހެންވެރިން ކަޅު ހެދުން ލައިގެން ކެތްކުރަނީ ކިހިނެއްބާވައެވެ. އިރުކޮޅެއްވީއިރު އޭނަ އަނބުރައި ނުގެން ސަލާމަތުން ހުރެވުނީތީވެސް ހައިރާންވިއެވެ. މަރުހަބާ ކިޔަން ނުކުތީ އާލިއާއެވެ.
"ހެލޯ..." މިންކާ ވަށައިގެން ހޯދާލީ މީހަކަށް ފެނިދާނެކަމުގެ ބިރަށެވެ.
"އައްސަލާމް އަލައިކުމް...." އާލިއާ ސަލާމް ގޮވާލިއެވެ. އަންހެންވަންތަ ހިތްގައިމު އަޑެކެވެ.
"މިންކާ. މިންކާ މަންސޫރު. ބުނި ގަޑިއަށް މިއައީ. ބަރާބަރު ހަތަރެއްޖެހީ............" މިންކާ އަމިއްލައަށް ތައާރަފުވެލިއެވެ. އޭނަ ހުރީ މޫނު ބުރުގާ ދަމައިގަނެ އެއްލައިލަން ބޭނުންވެފައެވެ.
"އެތެރެއަށް ވަންނަވާ....."
އާލިއާ މިންކާ ގޮވައިގެން ސިޑިއަކުން އެރިއެވެ. މަތީބައިގެ ކޮރިޑޯގެ ދެފަރާތުގައި ހުރި ކޮޓަރިތަކުން އެންމެ ފުރަތަމައަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންނަން އިޝާރާތްކުރިއެވެ. މަޑު ވައިލެޓާއި ފިޔާތޮށިކުލައިން ޒީނަތްތެރިވެފައިވާ ކޮޓަރީގައި ދުވަނީ ލުއި މީރުވަހެކެވެ. ސާފުތާހިރުކަމާއި ތަރުތީބުކަން އެންމެ ނަޒަރަކުންވެސް ފާހަގަވިއެވެ. އެއްފަރާތުގައި ހުރި ޝެލްފްގައިވާ ފޮތްތައްވެސް އަތުރާފައި ހުރީ އެހާ ތަރުތީބުންނެވެ. އޭނައާއި ދިމާ އިދިކޮޅޭ ހިތަށް އެރިއެވެ. ނަމަވެސް އަދާގެ މިޒާޖައި ގުޅޭ ކަހަލަ ގޮތެއް މި ކޮޓަރީގައި އެބަހުއްޓެވެ. ކުލަ ގުޅުވާފައިވާ ގޮތާއި މިކުއްޖާގެ އަޑުގައި މިހިރަ މަޑުމޮޅިކަންވެސް އަދާ ފަދައެވެ.
އާލިއާ މިންކާ ގާތު އިށީންނަން އެދުނެވެ. މިންކާ އަކީ ކާކުގެ ކުއްޖެއްކަމެއް ހަގީގީ ނަމެއްވެސް އޭނައަކަށް ނޭގެއެވެ. އެނަގެ ޕޭޖަށް މެސެޖްކޮށްފައި އޭނަ ޑިޕްރެޝަނަށް ވެއްޓި މާޔޫސްވެފައިވާވަރު ކިޔާދިނެވެ. އޭނަގެ ގާތް ކުއްޖެއްގެ މަރުން ހިތް ހަލާކުވެފައިވާ ކަމަށާއި އެ ހިތާމަތަކުން އަރާ ނުގަނެވިގެން އުޅޭކަމުގައި ބުންޏެވެ. އާލިޔާއާއި ބައްދަލުކުރަން ބޭނުން ކަމުގައި ބުނުމުން އޭނަ ހުއްދަދިނީއެވެ.
"އަޅުގަނޑު ކުޑަ އެއްޗެއް ތައްޔާރުކޮށްލާފައި ހުންނާނެ. ކޮފީ ނޫނީ ސައިތޯ؟ "
"ކޮފީ ލިބިއްޖެއްޔާ ނުކައިވެސް ހުރެދާނަން...." މިންކާ އޭރުވެސް އިނީ މޫނު ނުނަގައެވެ.
އާލިޔާ މޫނު ފޮތިކޮޅު ނެގުމަށްފަހު ކަޅު އަބާޔާވެސް ބާލައިފިއެވެ. އެތެރެއިން ލާފައި ހުރީ ކުރުތާފާޑު ހެދުމަކާއި ފްލޯރަލް ހަރުވާޅެކެވެ. އޭނަ ހެދުން އަލަމާރީގެ ތެރޭ ރީތިކޮށް އަޅުވައިފިއެވެ. އެހެދުމުގައި އާލިއާގެ ހަށިގަނޑުގެ ބައްޓަން ރީތިކަން ފާޅުވާން ހުއްޓެވެ.
އާލިޔާ އެނބުރުނެވެ. އެމޫނުގެ ޅަކަމާއި ރީތިކަމުން މިންކާ ސިހިގެން ދިޔަގޮތަށް ނަޒަރު އެމޫނުގައި ހަރުލައިފިއެވެ. ކަޅުފޮތި ބޮނޑީގެ ނިވަލުގައި މިފަދަ ރީތި ކުއްޖެއް ފިލާ ހުރެދާނެކަމަކަށް ހިޔެއް ނުކުރެއެވެ. އޭރު ސިފަވީ މާމައެއްހެން ވިއްޔައެވެ. އޭނަ ހީކުރީ މިވަރަށް ފޮރުވިގެން ހުންނަނީ ލިބިފައިވާ ހުތުރު ސިފައެއްގެ ސަބަބުން ކަމުގައެވެ. ނަމަވެސް އާލިޔާގެ މޫނަކީ ރީތިކަމުގެ މިސާލެކެވެ.
މިންކާގެ ހިތުގައި ހަސަދައިގެ ބިޔަ ރާޅެއްނެގިއެވެ. ހިންދިރުވާލެވިއްޖެއެވެ. އަމިއްލަ ކޮއްކޮ މީރާއާއިމެދު ހިތުގައި ހަސަދައިގެ އަލިފާން ރޯވީވެސް މީރާގެ ސޫރައިގެ ރީތިކަމެވެ. މީރާއާއި ބަލާއިރު އަދި އާލިޔާގެ ސިފަތައް މާ "ޔުނިކް" އީ އެވެ. ލޮލުގައި އެހެރަ އަޅި ކުލައާއެކު ހަތަރެސްކަން މޫނުގެ ދޮންކަން އަދި ހިމަ މުށިކުލަ އަރާ ބުމައިންވެސް އެހެން އަންހެންކުދިންނާއި ތަފާތުވެއްޖެއެވެ. ބުރުގާ ނުނެގިޔަސް މިކުއްޖާގެ އިސްތަށިގަނޑު ފަންވާނެ ވަރު ހިތަށް ނަގައިގަނެވުނެވެ. މިންކާއަށް ލިބިފައިވާ އެންމެ ސިފައަކާއިވެސް އޭނަ ގަޔާނުވަނީއެވެ. އެންމެ ރުޅި އަރަނީ ކުދިކުދި ފޯލިތަކެއްފަދައިން ބުޅިކޮށް އޮންނަ އިސްތަށިގަނޑާއި ގަދަ ޗޮކްލެޓްކުލައިގެ ލޮލަށެވެ. އެފްރިކާ ނަސްލުން އައި މީހެކޭ ތަފާތެއްނެތެވެ. މަހުދީ ދީފައިވާ ވަނަމަކީ "ބަބުރު"އެވެ. އެނަމާއި އޭނަ ހަގީގަތުގައި ގުޅެއެވެ.
"ގްރްރް އައި ހޭޓް ދިސް ވުމަން.. އެހާ ފޮނި. ތިމާ ޔޫރަޕް ކުއްޖަކާ ވައްތަރުވީމަ ބޮޑާވެފައިހެން ހީވޭ. އެހާ ފަސޭހައިން މޫނު ނެގީވެސް ފޮނިދައްކަންކަން ޔަގީން....." ވަގުތު ބަލާފައި ޝައިތާނާ މިންކާގެ ސިކުނޑިއަށް ޖެހިގަތެވެ. މިންކާ ބޭނުންވީ އައި ބާރު މިނުގައި މިތަނުން ނުކުމެގެން ދާށެވެ. ހަސަދަވެރިވާ މީހެއްގެ ފަރާތުން ކައުންސެލިން ހޯދުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. މިހާ ރީތި މީހެއްގެ ކައިރީ އޭނަގެ މޫނު ފޮތިކޮޅު ނެގުމަށްވެސް ފަސްޖެހެވުނެވެ.
"ޔޫ އާ ޕްރިޓީ....." މިންކާގެ ހިކިފައިވާ ތުންފަތުގެ ތެރެއިން އަޑުއައީ ކެނޑިގެންނެވެ. އެއީ އޭނަ ހިތުގެ ފުންމިނުން ބުނި ޖުމްލައެއް ނޫނެވެ.
"މާތްﷲއަށް ހަމްދުހުރި. އިންސާނާ އެންމެ ފުރިހަމަ ސޫރައިގާ ޚަލްގުކުރެއްވި އެކަމަކު ސޫރައަށްވުރެ މީހާގެ ހިތާއި ފުރާނަ ރީތިކުރަންވީ. ގިނަފަހަރަށް ރީތިކަން ވިހައަކަށްދެވޭ. އެކަން އަޅުގަނޑުމެން އިންސާނުންނަށް ގަބޫލެއް ނުކުރެވޭ. އެންމެންވެސް ރީތި ސިފަތަކަށް ލޯބިކުރޭ އެކަމަކު އެއްވެސް އަންހެންކުއްޖަކު ހަގީގަތުގައި އޭނަ ހައްދަވާފައިވާ ސިފައަށް ޝުކުރު ނުކުރޭ. ކޮންމެވެސް ކަމަކާ ޝަކުވާ ކުރޭ. ފާޑުފާޑު އެއްޗެހި ބޭނުންކޮށްގެން ރީތިވެގެން ހިތްހަމަޖެހުން ހޯދާ. އެއްވެސް ކުއްޖަކު ހަގީގީ ރޫހާނީ ހިތްހަމަޖެހުން ހޯދާކަށް މަސައްކަތެއް ނުކުރޭ. ހުރިހާ ހިއްސުތައް ސަލާމަތުން ދެއްވިކަމަށްޓަކާ ޝުކުރުކޮށް ހެއްދެވި ފަރާތާއި ގުޅުން ރަގަޅުކުރަން މަސައްކަތްކުރުން ގިނަ ކުދިންނަށް އުދަގޫ. މިންކާއަށް އެނގޭތަ؟ ގިނަފަހަރު ރީތި އަންހެންކުދިންނަށް ފާފަތަކަށް އަރައިގަންނަން ފަސޭހަވާނެ. މީހުންގެ ސަމާލުކަން ލިބުމާއި ފިރިހެނުންގެ ދަހިވެތި ނަޒަރުގެ ޝިކާރައަކަށްވުންފަދަ އެތައް ގޯނާތަކާއި ދިމާވޭ. އެކަމުން ރައްކާތެރިކުރެއްވުމަށް ﷲ ސުބުހާނާ ވަތައާލާ މުއުމިނުންނަށް ފަރުދާވާން އެންގެވީ. އަޅުގަނޑުގެ ބައްޕަ ކުޑައިރުއްސުރެ ކުޑައިރުއްސުރެ އަޅުގަނޑު ބުރުގާ އަޅުވައިފި. އެކަމާ ވަރަށް އުފާކުރަން. ހިލޭ ފިރިހެނުންގެ ނަޒަރުން ސަލާމަތްވެގެން އުޅެވޭނީ ނަސީބު ރަގަޅު އަންހެންކުދިންނަށް ކަމުގައި ގަބޫލުކުރެވޭ.........." އާލިއާ ހިނިތުންވެލިއެވެ.
ހިނިތުންވެލުމުން ފެންނަން ހުރީ ކުފި ދަތްތަކެވެ. އާލިއާގެ ތުންފަތް މަތީގައި އަބަދު ހަރުލާފައިވަނީ ފަނޑު ހިނިތުންވުމެކެވެ. އަލި މޫނެކެވެ. ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެންކުއްޖާ ފަދައެވެ.
"އެބައަންނަން ކޮފީ ހިފައިގެން....." މިންކާ ތުންގަނޑު ހަދާލައިގެން އިނދެފައި އަތް މުއްކެވިއެވެ. ކަންތައް މިވަނީ އޭނަ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އޭނަގެ އެތެރެހަށި ފިހެމުންދަނީއެވެ. ކުރު ނޭވާވެސް އެބަ ލެވެއެވެ. އާލިޔާގެ ކޮޓަރިއަށް ވަނުމުން ވަކިން ބޮޑަށް އޭނަ މާުޔޫސްވެ ރުޅިގަދަވެއްޖެއެވެ. ރުޅި މައިތިރިކުރަން އޭނަ ކުރިހާ މަސައްކަތަށް ފެނަށްވެގެން ދިޔައެވެ.
"މިއީ އަހަންނާއި އެކަށީގެންވާ ތަނެއް ނޫން. ދާންވީ..." މިންކާ ފުންމައިގެން ކޮޅަށް ތެދުވުނެވެ. ލޯގަނޑު ކުރިމަތީ ހުއްޓުނުއިރު އޭނަގެ ބަދަލުގައި ފެންނަން ހުރީ މުޅިން އެހެން މީހެކެވެ. އޭނަގެ އަމިއްލަވަންތަކަން ގެއްލި ކުރެވުނީ ނުބައި އިހުސާސްއެކެވެ.
"ހައި މޮންސްޓާ..." މިންކާ ވައްތަރެއް ޖައްސައިލިއެވެ. "ސީރިޔަސްކޮށް ކުޑަކުދިންނަށް ނަފްސާނީ މައްސަލަ ދިމާވާނެ..."
އޭނަ ލައިގެން ހުރި ކަޅު އަބާޔާ ގަޔަށް ބާރުވެ އޭނަގެ ނޭވާ ހަފުސްކުރަމުން ދަނީއެވެ. އިތުރަށް އެންމެ މިނިޓަކަށްވެެސް އޭނައަށް ކެތެއް ނުކުރެވޭނެެއެވެ. މިންކާ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ނަސީބަކުން އެކަކަށްވެސް ނުފެނި ދޮރާށްޓާއި ހަމަޔަށް އާދެވުނެވެ.
***
އާލިއާ މިންކާ ނުފެނިގެން މުޅި ގޭތެރެ ހޯދާލާފައި ހެދުމުގެ މަތިން ކަޅުހެދުން ލާފައި ބުރުގާ އެޅިއެވެ. ދޮރާށި ކައިރިއަށް ނުކުތެވެ. މިންކާ ދާން ޖެހުނީ ކީއްވެހެއްޔެވެ؟ އެކުއްޖާއަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާކުއްޖަކަށް ވާ ހިނދު އަމިއްލައަށް މަރުވާންވެސް ފަހެއް ނުޖެހޭނެއެވެ. އާލިޔާ އަވަހަށް މިންކާގެ ފޯނަށް ވައިބާ މެސެޖެއްކޮށްލިއެވެ. އަވަހަށް ޖަވާބެއް ދޭން އެދުނެވެ.
"މަންމަ ގުޅައިގެން އަވަހަށް ދާން ޖެހުނީ. އަހަރެން މިގެއަށް އައިކަން އެހެން މީހަކަށް އެނގިގެން ނުވާނެ..." މިންކާ ޓައިޕް ކުރިއެވެ.
***
ޖެހި ގުގުރީގެ ބާރު އަޑާއިއެކު ރާހިލްވެސް ސިހޭގޮތްވިއެވެ. އުޑުމައްޗަށް ބަލައިލުމުން ފަރުބަދަފަޅިވަރުގެ ވިލާތައް ހަލުވިކަމާއެކު ދަތުރުކުރަމުންދާއިރު ދެންމެ ދެންމެ ވެހިގެންފާނެކަހަލައެވެ. ކިތަންމެ ރީތިކޮށް އޮވެފައިވެސް މޫސުމް ގޯސްވާކަށް ހިނދުކޮޅެއްވެސް ނުނަގައެވެ. ރާހިލްއަށް ފޯނެއް އައުމުން އޭނަ މަގުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. އޭނައަށް މަޑުކޮށްލެވުނީ މިސްކިތެއްގެ ކައިރީގައެވެ. ބަންގާޅީ ޒުވާން ފިރިހެންކުއްޖަކު މިސްކިތު ތެރެއިން ނުކުމެގެން އައީ ދުވެލާފައެވެ. އޭނަ އަތުގައި ހުރި އަތަރު ފުޅިން އެތިފޮދެއް ރާހިލްގެ ޓީޝާޓުގައި ލާ ދިނުމުން އޭނަ ހުރީ އުދަގޫވެފައެވެ.
"އައްސަލާމް އަލައިކުމް. ބޮސް ހާލު ކިހިނެއް؟ " އޭނަ އަހާލިއެވެ.
"ރަގަޅު ތިބެނީ.." ރާހިލް ބުނެލިއެވެ.
"މާޝާﷲ އަލްހަމްދުލިﷲ. ބޮސް މަންމަ ބައްޕަ ކިހިނެއް؟ "
"ރަގަޅު ތިބެނީ......"
"ދުޢާ ދުޢާ. އިންޝާﷲ ރަގަޅުވަނީ......" އޭނަ ދުއާއަށް އަތް އުފުލިއެވެ. "اللّٰهُمَّ ……."
"ބޮސް މަންމަ ލަންޑަން ތިބެނީ ދޯ....."
"އާނ ކުރިން ލަންޑަނުގައި. މިހާރު މާލޭގައި ވީ........" ރާހިލްއަށް މަޖާވިއެވެ. މީނައަށް އެމީހުން ކިހާވަރަކަށް އެނގޭހެއްޔޭ ހިތަށް އެރިއެވެ.
"ބޮސް ބަރާބަރު މަންމަ ބައްޕަ ބަރާބަރު ފެމިލީ ބަރާބަރު އަލްހަމްދުލިﷲ މާޝާﷲ. ޝާދީ ތިބޭތަ؟ އަންހެނީ ތިބޭތަ؟ ބައްޗާ ތިބޭތަ؟" އޭނަ އެހިއެވެ.
"ޝާދީ ނެތީ..." ރާހިލް ހަމަޖެހިލާފައި ހުރެ ވީޑިއޯ ނަގަމުން ދިޔައެވެ.
"އެ މައްސަލަ ނެތީ. ފަހުން ޝާދީ ކުރަނީ........"
ރާހިލް އެ ޒުވާނާ ކައިރިން ނަން އެހިއެވެ. ނަމަކީ ރުކުންއެވެ. މަސައްތަކުރަން މާލެ ގެނައި ބަަޔަކު އޭނަ މަގުމައްޗަށް ދޫކޮށްލުމުން މިސްކިތް ސާފުކުރުމުގައި އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. އޭނައާއި ދިމާވާ ގިނަ ބަޔަކު ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއެވެ. އެންމެނާ ގުޅޭ ހިތްހެޔޮ ޒުވާނެކެވެ.
މިސްކިތާއި ދާދި ކައިރީގައި ހުރި ގެއަކުން ބާރުބާރަށް ހެވީމެޓަލް މިއުޒިކެއް ކުޅެން ފެށުމުން ރުކުން ދެބުމަގޮށްޖަހައިލިއެވެ. އޭނައަށް އުދަގޫވީއިރު ރާހިލްއަށް އެ އަޑު އިވުމުން ލޭ އަވަސްވެލާ ފޯރި ހިތުގައި ހިނގައިގަތެވެ. މިއުޒިކަކީ ފުރާނައިގެ ކާނާ ކަމުގައި ދެކޭ މީހަކަށް ވާނެ ހުރިހާ ގޮތްގޮތް ރާހިލްއަށް ވިއެވެ.
"އެއީ ކޮން ވައްތަރު މުސްލިމް. ބަންގި ގަޑީގައި ޕާޓީ ކުރަނީ. ލަވަ ޖަހަނީ. ނަމާދު ކުރާމީހުންނަށް އުދަގޫކުރަނީ......ކަމަކު ނުދަނީ.. ސަކަރާތް ވައްތަރު......" ރުކުން ކުދި ކިއެވެ.
މަސައްކަތަށް ގެނެސްފައި ތިބޭ ބޭރު ގައުމުތަކުގެ މީހުންގެވެސް ހަރުކަށި ފިކުރު އެބަހުރިތާއޭ ހިތަށް އަރާފައި އޭނަ ދާން ހިނގައިގަތެވެ. އޭރު ވާރޭ ކަނި ޖަހަން ފެށިއެވެ. މިސްކިތާއި އަރާ ހަމަވީއިރު އިޝާ ނަމާދަށް މީހުން މިސްކިތަށް ވަންނަމުން ދިޔައެވެ. އޭނައަކީ މުސްލިމަކަށްވާ ހިނދު ދުވަހަކު ނަމާދަށް މިސްކިތަށް ނާރަނީ ކީއްވެ ބާވައޭ އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. ނަމާދަށް އެރޭނީ ކިޔާ އެއްޗެއްވެސް އެނގިގެން ނޫންހެއްޔެވެ؟އޭނަ ފަަދަ ކިތައް ޒުވާނުން ހަމައެކަނި ނަމެއްގައި މިދީނުގައި ތިބޭނެހެއްޔެވެ؟ ބޭރު ގައުމުތަކުގައި އުޅޭ ދަރިންނަށް ދީނަކީ އެއްވެސް މުހިއްމު އެއްޗެއް ނޫނެވެ. އެއަށްވުރެ ސިޔާސީ ލީޑަރުންދެކެވެސް އެކުދިން ލޯބިކުރެއެވެ. އޭނަގެ ބައްޕައަކީ ޒުވާނުންގެ ހިތުގެ ވިންދެވެ. އެތައް ޒުވާނުންނެއްގެ ޕްރޮފައިލްގަ ބައްޕަ ރަސްކަން ކުރެއެވެ. ފިކުރުތަކެއްގައި ހުއްޓާ ގޮސް މުޑިޖެހުނީ ޒުވާނެއްގެ ގައިގައެވެ.
"ހޭ....ތިއީ ފްލައިޓުން ދިމާވި ޑޮކްޓަރދޯ......" ރާހިލްއަށް ބުނެވުނެވެ.
"އެބައޮތް ހަދިޔާއެއް ދޭންވެފައި. ގުޅާލައްޗޭ..." އޭނަ ވޮލެޓުން ނެގި ކާޑެއް ދިއްކޮށްލަމުން ހިނިތުންވެލިއެވެ. އަދި މަޑުނުކޮށް މިސްކިތަށް އެރިއެވެ. ރުކުން ރާހިލް ގާތު މިސްކިތަށް ވަންނަން އެދުނެވެ. އޭނަ އިޖާބައެއް ނުދިނެވެ. ބަންގީގެ ހިތްގައިމު އަޑު ރާހިލްގެ ކަންފަތުގައި ހަރުލިއިރު އޭނަގެ ފިޔަވަޅުތައް އެޅީ މިސްކިތާއި ދުރަށެވެ. ހިދާޔަތް ނުލިބުމަކީ ބަދުނަސީބެވެ.
***
އަދާގެ ތަނަވަސް ކޮޓަރި ތެރެ ޓެޑީ ބެއާސް ވިއްކާ ފިހާރައެކޭ ތަފާތެއް ނެތެވެ. އެނދުމަތީގައާއި ދޫލަމަތީގައިވެސް އެކި ސައިޒުގެ އެކި ވައްތަރުގެ ޓެޑީތަކެވެ. އަދާގެ އަލަމާރީގެ ފުރެންދެން ބަރާކޮށްފައި ހުރި ޓެޑީތައް ނެރެގެން ވަކިގޮތަކަށް ތަރުތީބުކޮށްގެން އޭނަ އުޅުނީ އަރްސަންގެ ފޮޓޯއެއް ނަގާށެެވެ. އަރްސަން އަދާގެ އެނދުގައި އޮށޯވެލައިގެން ބެއާއަކާއި ބައްދާލައިގެން ލޯ މަރާލައިގެން އޮތެވެ.
"ޑޭމިޓް. ޔޫ އާ ޓޫ ހޮޓް. ބަލައިލުމުން ހިތުގައި ރޯވެއްޖެ........................." އަދާ އޭނަގެ އައި ފޯނު ނެގިއެވެ. އެކިގޮތްގޮތަށް އަރްސަންއާއެކު ފޮޓޯތައް ނެގިއެވެ. އެހެން މީހުންނާއި ހިއްސާކުރެވޭހެން ހީވާވަރުގެ ރީތި ދެތިން ފޮޓޯއެއް އެފްބީ އަށް ލިއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ތަޅައިގަތީ ހޭކުޑަކޮށްލާފައެވެ.
"ކިހާވަރެއްގެ ބޮޑު އިމަޖެންސީއެއް ބާ. ތަނެއްގައި ރޯވީތަ......" އަދާ އޭނަ ލައިގެން ހުރި ތުނި ހެދުމުގެ މަތިން ޖެެކެޓެއް މަހައިލަމުން ދުއްވައިގަތީ ދޮރާއި ދިމާލަށެވެ.
-ނުނިމޭ-