01 Mar 2020, 21:07
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާ އެކު އެ ކޮމިޝަންގެ ހަތަރު މެންބަރަކު ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޝަނުން ވަކިކުރަން ފާސްކުރީ ސީއެސްސީގެ ރައީސް ޑރ. ޝަމީމްގެ އިތުރުން، ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަން މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި އިބްރާހިމް ޝަހީގު ވަކިކުރުމަށް ކޮމިޓީއަށް ފެންނަ ކަމަށެވެ.
އެ ހަތަރު މެމްބަރުން ވަކިކުރަން ފާސްކުރީ ބައްދަލުވުމަށް ހާޒިރުވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. މިރޭގެ ކޮމިޓީގައި ނެގި ވޯޓަށް ފަހު މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކޮމިޓީގެ ފަސް މެމްބަރަކަށް މިވަގުތު މާލޭގައި ނެތުމުގެ ސަބަބުން ބައްދަލުވުމުގައި ބައިވެރިނުވެވުނު ކަމަށެވެ.
އެހެން ނަމަވެސް މި މައްސަލައިގައި އެބޭފުޅުންގެ ރައުޔު ކޮމިޓީއާއި ހިއްސާކުރައްވާފައިވާ ކަމަށާއި، އެ ހުރިހާ މެމްބަރުން ވެސް ހަތަރު މެމްބަރުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާ ގޮތަށް ތާއީދު ކުރާކަން ކޮމިޓީއަށް އަންގަވާފައިވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ހަތަރު މެމްބަރުން ވަކިކުރަން ފާސްކުރީ އެބޭފުޅުންގެ ކިބައިގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ކޮމިޓީއަށް ފެނުމުންނެވެ.
މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދެއްކެވި މެމްބަރުން ވަނީ ސަރުކާރުގެ ކޮންމެ ކޮމިޝަނެއް ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ޖެހޭ ކޮންމެ ކަމެއް ބަލާނެ ކަމަށާއި އަދި އެބައެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ، ދެން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.
ފެބްރުއަރީ 10 ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދައުލަތުގެ ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމުން، ސިވިލް ސާވިސް ކޮމިޝަނުން ކުރަންޖެހޭ ކަންކަން ނުކުރުމުގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ދަތިވެ، ހުރަސްތަކެއް އެޅޭ ކަމަށް ވަޒީރުން ވަނީ ވިދާޅުވެފަ އެވެ.
އެ ދުވަހު މިނިވަން މުއައްސަސާ ކޮމިޓީން ނިންމީ ސިވިލް ސާވިސް ކޮމިޝަނުގެ ހަތަރު މެމްބަރުން ވަކިކުރާށެވެ. މިއަދު އެގޮތަށް ކޮމިޓީން ފާސްކުރި އިރު، ލިޔުމުން ޖަވާބުދާރީވާން އެ ހަތަރު މެމްބަރުންނަށް ވެސް ފުރުސަތު ދީފައިވެއެވެ.