01 Mar 2020, 18:00
މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ޕޯސްޓަރުތައް ހަރުކުރާ ފަރާތްތަކާއި، ޕޯސްޓަރު ނަގަންޖެހޭ މުއްދަތު ހަމަވުމަށްފަހު އެތަކެތި ނުނަގާ ފަރާތްތައް ޖޫރިމަނާ ކުރަން ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކައުންސިލް އިންތިހާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާތީ އެ ފަރާތްތަކަށް ފީއަކާ ނުލައި މާލޭ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ޕޯސްޓަރުތައް ހަރުކުރެވޭނީ ކައިންސިލްގެ ހުއްދައެއް ލިބިގެން ކަމަށާއި، ހުއްދަ ނުހޯދާ ޕޯސްޓަރު ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.
އެގޮތުން ހުއްދަ ނުނަގާ ޕޯސްޓަރު ހަރުކޮށްފައި ބަހައްޓާ ކޮންމެ ދުވަހަކަށް 1000 ރުފިޔާއާއި 2000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެއިތުރުން ޕޯސްޓަރު ނަގަންޖެހޭ މުއްދަތު ހަމަވުމުން ޕޯސްޓަރު ނުނަގާ ހިނގާ ކޮންމެ ދުވަހަކަހަކަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެހެންކަމުން ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ ހޯދަން އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ހުއްދައަށް އެދި ހުށަހަޅާއިރު ކެންޑިޑެސީ ބަލައިގަނެ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ ލިޔުމާއި، ހަރު ކުރަން ބޭނުންވާ ޕޯސްޓަރުގެ ހާޑް ކޮޕީ ކުލަކޮށް ހުށަހަޅަން ޖެހެއެވެ. އަދި ދީނާ ގުޅުންހުރި ލިޔުމެއް ލިޔެފައިވާ ޕޯސްޓަރެއް ނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ވެސް ހުށަހަޅަން ޖެހޭނެއެވެ.
ސިޓީ ކައުންސިލުން ބުނީ ދަމާފައިވާ ބެނާއެއްގެ ސަބަބުން އާންމު ރައްޔިތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެނަމަ އެ ބެނާ ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
އަމިއްލަ ފަރާތެއްގެ އިމާރާތެއްގައި ޕޯސްޓަރު ހަރުކުރާނަމަ، އެފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމުގެ ކޮޕީ ހުށަހެޅުމާއެކު، ހުއްދަ ދޫކުރި ލޮކޭޝަންތަކާއި ހަރުކުރަން ހުއްދަ ކުރިގޮތް އެނގެން އޮންނަން ޖެހޭނެއެވެ.
އަދި ޕޯސްޓަރުގެ މުއްދަތު ހަމަވުމުން އެތަނަކުން ޕޯސްޓަރު ނައްޓައި ތަން ސާފުކުރުމަކީ ޕޯސްޓަރު ހަރުކުރާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
ކެމްޕޭނު ޕޯސްޓަރު ހަރުނުކުރެވޭނެ ތަންތަނުގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ ދައުލަތުގެ އިމާރާތްތަކާއި ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރުތަކާއި ސަހަރާތަކާއި، ޕާކުތަލާއި އަދި ޔުޓިލިޓީސް ހިދުމަތް ދިނުމަށް މަގުމަތީ ފާރުގައި ހަރުކޮށްފައިވާ ފޮށިތަކާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކާއި، ގަސް އިންދުމަށް މަގުމަތީގައި ޖަހާފައިހުންނަ ފެންސްތަކެވެ.
މީގެ އިތުން މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ ޕޯސްޓަރުތައް ބަހައްޓައި ހަރުކުރުން ވަނީ މަނާކޮށްފައެވެ.
އެއްވެސް ބާވަތެއްގެ ޕޯސްޓަރެއް މަގުމައްޗަށާއި، މަގުމަތީގައި ހުންނަ އެއްޗިއްސަށާއި، ވެހިކަލްތަކަށާއި އެނޫންވެސް ތަންނަނަށް އެޅުމަކީ މަނާ ކަމެކެވެ.