01 Mar 2020, 17:44
ބޭންކޮކް (މާޗް 1): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) ޖެހި އެމެރިކާ، އޮސްޓްރޭލިއާ އަދި ތައިލޭންޑުން ފުރަތަމަ ފަހަރަށް މީހުން މަރުވެއްޖެ އެވެ.
ތައިލޭންޑުގެ ޑިޕާޓްމެންޓް އޮފް ޑިޒީސް ކޮންޓްރޯލްއިން ބުނި ގޮތުގައި ކޮވިޑް-19 ޖެހިގެން އިއްޔެ އެގައުމުން މަރުވެފައި ވަނީ ޑެންގީ ހުން ހުރި، 35 އަހަރުގެ ފިރިހެނެކެވެ. އަދި އޮސްޓްރޭލިއާއިން ބުނި ގޮތުގައި އެގައުމުގައި މަރުވެފައި ވަނީ ޖަޕާން ކައިރީ ކަރަންޓީނު ކުރި ކްރޫޒް ލައިނާއިން ދަތުރު ކުރި 78 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށެވެ.
ޑައިމަންޑް ޕްރިންސެސް ކިޔާ އެ ކްރޫޒް ލައިނާ ކަރަންޓީނު ކުރީ އޭގެއިން ދަތުރު ކުރުމަށް ފަހު ހޮންކޮންގަށް ދިޔަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އަދި މިހާރުވެސް ކަރަންޓީނުކޮށްފައި އޮތް އެބޯޓުގައި ތިބި ބައެއް މީހުން އެމީހުންގެ ގައުމުތަކަށް އަނބުރާ ދިޔުމަށް ފަހު ވަނީ އަނެއްކާވެސް ކަރަންޓީނުކޮށްފަ އެވެ. އެ ބޯޓުގައި ތިބި 3,711 މީހުންގެ ތެރެއިން 705 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މީގެ އިތުރުން، އިއްޔެ އެމެރިކާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކު އެގައުމުގައި މަރުވެފައިވާ ކަމަށް ބުނެފަ އެވެ. ވޮޝިންޓަން ސްޓޭޓުގެ ހެލްތު އޮފިޝަލުން ވިދާޅުވި ގޮތުގައި މަރުވި މީހާއަކީ އުމުރުން 50 އަހަރާ 60 އަހަރާ ދެމެދުގެ މީހެކެވެ. އަދި އޭނާއަކީ އެހެން ސިއްހީ މައްސަލަތައް ހުރި މީހެއް ކަމަށާއި ކޮވިޑް-19 ފެތުރިފައިވާ ސަރަހައްދަކަށް އޭނާ ދަތުރު ކޮށްފައިވާ ނުވާ ކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން އެމީހާއަށް ބަލި ޖެހުނު ގޮތެއް އަދި ޔަގީން ނުވެ އެވެ.
ތައިލޭންޑުގައި މިހާތަނަށް 42 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، އޮސްޓްރޭލިއާގައި 23 މީހަކަށާއި އެމެރިކާގައި 62 މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ފުރަތަމަ ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަހަށް މުޅި ދުނިޔެއިން މިހާތަނަށް 87،600އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ހުރި 2,994 މީހަކު ވަނީ މަރުވެފަ އެވެ.