ވޮޝިންގޓަން (ޑިސެމްބަރ 8) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަކީ މޮޔަ އެއް ނޫނީ އެޤައުމުގައި ހިނގަމުންދާ ކަންތައްތައް ދެނެވަޑައިގަތުމުގެ ޤާބިލްކަން ނެތް ބޭފުޅެއް ކަމަށް އެމެރިކާއިން ސިފަކޮށްފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން މާރކް ޓޫނަރ މިއަދު ދެއްވި ބަޔާނެއްގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް ސިފަކުރެއްވީ މޮޔަބޭފުޅެއް ނޫނީ އޭނާގެ ޤައުމުގައި ހިނގަމުންދާ ކަންތައްތައް ދެނެވަޑައިގަތުމުގެ ޤާބިލްކަންނެތް ބޭފުޅެއްގެ ގޮތުގައެވެ.
ޓޫނަރ ވިދާޅުވީ ރައީސް ބައްޝާރުލްއަސަދަކީ ވެރިކަމުގެ ޝަރްޢިއްޔަތު ގެއްލިފައިވާ ޚުދުމުޚްތާރު ވެރިއެއް ކަމުގައެވެ. އަސަދަށް އޮތް ހަމައެކަނި މަގަކީ އިސްތިއުފާގެ މަގުކަމަށްވެސް އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް މިހާހަރުކަށި ޢިބާރާތުން ވާހަކަ ދައްކަވާފައިވަނީ ސޫރިޔާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތައް މެރުމަށް އަމުރުކުރައްވާފައިނުވާ ކަމަށް ވިދާޅުވެ ރައީސް ބައްޝާރުލްއަސަދް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

އެމެރިކާގެ އޭ.ބީ.ސީ. ނިއުސް ނެޓްވާރކަށް ދެއްވި ބަސްދީގަތުމެއްގައި އަސަދް ވިދާޅުވީ އޭނާގެ ޤައުމުގައި ސަރުކާރާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކުގައި މަލާލެވެމުންދާ މީހުންގެ މަރުގެ ޒިންމާ އޭނާ އުފުއްލަވަން ނުޖެހޭ ކަމަށާއި މިކަމުން އޭނާ ބަރީއަވެ ވަޑައިގަންނަވާ ކަމުގައެވެ. މޮޔައަކު ނޫނީ އަމިއްލަ ޤައުމުގެ ރައްޔިތުން މެރުމަށް އަމުރުނުކުރާނެ ކަމަށާއި ސަރުކާރާ އިދިކޮޅު މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ކަމަށްވެސް އަސަދް ވިދާޅުވިއެވެ.

އަސަދް މިހެން ވިދާޅުވެފައިވާއިރު އޭނާގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބަޑިއާއި ބަރުހަތިޔާރުން ޙަމަލާތައްދީ 3500 އެއްހާމީހުން މަރާލާފައިވާ ކަމަށް ރިޕޯޓްތައްބުނެއެވެ.

އަސަދްގެ މިވާހަކަތަކާ ދެކޮޅަށް ވައިޓް ހައުސްގެ ތަރްޖަމާން ޖޭގާނީ ވެސްވަނީ ރުޅިވެރިކަމާއެކު ވާހަކަ ދައްކަވާފައެވެ. ގާނީ ވިދާޅުވީ ސޫރިޔާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތައް މެރުމަށް އަމުރުކުރައްވާފައިނުވާ ކަމަށް ވިދާޅުވެ ރައީސް ބައްޝާރުލްއަސަދް ދެއްކެވި ވާހަކަ ތަކަކީ އެއްވެސް މީހަކު ޤަބޫލުނުކުރާނެ އަސާސެއްނެތް ވާހަކަތަކެއް ކަމުގައެވެ. ސޫރިޔާ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ހިންގަމުންގެންދާ ކަމަށްވެސް ވައިޓް ހައުސްގެ ތަރްޖަމާން ތުހުމަތު ކުރެއްވިއެވެ. -- ނޫސްއެޖެންސީތައް