ދައުލަތަށް ލިބޭ އާމްދަނީގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަށާއި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީއަށް އަހަރު ތެރޭގައި އަންނަ ބަދަލުތައް ދެނެގަތުމަށް ދައުލަތުގެ އޮފީސްތަކަށް ލިބޭ އާމްދަނީގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އާ ހިއްސާކުރުމަށް އަންގައިފި އެވެ.

ފިނޭންސް އިން ނެރުނު ސާކިޔުލާއެއްގައި ބުނީ ދައުލަތުގެ އޮފީސްތަކުންދޭ ހިދުމަތްތަކަށް ނަގާ ފީ ހިމެނޭނެހެން އެ އޮފީސްތަކަށް ލިބޭ ހުރިހާ އާމްދަނީއެއްގެ ތަފްސީލު އެ މިނިސްޓްރީއާ ހިއްސާ ކުރުމަށް އެދޭކަމަށެވެ.

އެގޮތުން އޮފީސްތަކަށް ލިބޭ އާމްދަނީގެ ޖީއެލް ކޯޑާއި ޖަމާކުރާ ފަންޑުގެ ތަފްސީލް، އާމްދަނީ ނެގުމަށް ހަމަޖެހިފައިވާ ގާނޫނާއި ގަވައިދު ނުވަތަ އެއްބަސްވުމުގެ ތަފްސީލު އެނގޭނެހެން އެ މައުލޫމާތު ހިއްސާ ކުރަން ވަނީ އެދިފަ އެވެ. އަދި އެ އާމްދަނީ ނަގަން ފެށި ތާރީހާއި އާމްދަނީ ނަގާ ގޮތް (ރޭޓު އަދި ފްރެކުއެންސީ އެނގޭނެން) ހިއްސާ ކުރުމަށްވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ އެދިފަ އެވެ.

މި މައުލޫމާތު އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފިނޭންސް އާ ހިއްސާ ކުރުމަށްވެސް އެ ސާކިޔުލާގައި ވަނީ އެދިފަ އެވެ.