01 Mar 2020, 16:24
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުއްވި ސާކިޔުލާއެއްގައި ބުނީ ކޮވިޑް 19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ދަރިވަރުން ބަލިތަކުން ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހެޗްޕީއޭގެ ފަންނީ ލަފަޔާއެކު ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެއެވެ.
ސާކިޔުލާގައި ފާހަގަކޮށްފައިވާގޮތުން ހިމަބިހިވެސް ރާއްޖޭގައި ފެތުރެމުންދާއިރު ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށްވެސް މި ބަލި ޖެހިފައިވެއެވެ. އިތުރު ހަރަކާތްތައް މެދުކަނޑާލި އަނެއް ސަބަބަކީ ހިމަބިހި ކޮންޓްރޯލު ކުރުންކަމަށް ސާކިޔުލާގައި ބުނެފައިވެ އެވެ.
މިނިސްޓްރީ އިން ބުނީ ކޮވިޑް 19 ޓާސްކް ފޯހުގެ ލަފަޔާއެކު ސްކޫލު ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެގޮތް ކުރިއަށް އޮތްތަނުގައި ސްކޫލުތަކަށް އަންގަމުން ދާނެ ކަމަށެވެ. އަދި ސްކޫލުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ސްކޫލުތަކަށް އަންގާނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.
މިއަދުން ފެށިގެން އަންނަ މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރު ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަމަލީ ދަތުރުތަކާއި ކުޅިވަރު މުބާރާތްތައް، ޕްރެކްޓިސްތައް، ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ.
މީގެ އިތުރުން ސްކޫލު ފެއާތަކާއި އެކްޓިވިޓީ ކަލަންޑަރުގައި މާޗު މަހުން މެއި މަހުގެ ނިޔަލަށް ހިމަނާފައިވާ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.
އެޑިއުކޭޝަނުން ބުނީ ކޮވިޑް 19 ރާއްޖެ އައުމުގެ ފުރުސަތު ކުޑަކުރުމަށާއި އެ ބަލި ރާއްޖެއިން ފެނިއްޖެނަމަ ބަލި ކޮންޓްރޯލު ކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.