މެލޭޝިއާގެ މެނޭޖްމަންޓް އެންްޑް ސައިންސް ޔުނިވާސިޓީގެ ކޯސްތައް ސައިރިކްސް ކޮލަޖުން ހިންގަން ތައްޔާރުވެއްޖެ އެވެ.

މިއަދު ސައިރިކްސް ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެމްއެސްޔޫ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އެވެ. އަދި ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޑރ. އަލީ ފަވާޒް ޝަރީފް އެވެ.

މިއަދުވި އެއްބަސްވުމުގެ ދަށުން އެމްއެސްޔޫ ޔުނިވާސިޓީގެ ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތައް ސައިރިކްސް ކޮލެޖުން ހިންގާނެ އެވެ.

އޭގެ ތެރޭގައި އެޑިއުކޭޝަން، ސައިކޮލުޖީ، ހޮސްޕިޓާލިޓީ، ބިޒްނަސްއާއި އައިޓީ ދާއިރާގެ މާސްޓާސް އަދި ޑިގްރީ ޕްރޮގްރާމްތައް ހިމެނެ އެވެ.

އޭގެ ތެރެއިން އެންމެ އަވަހަށް ފަށާނީ އެޑިއުކޭޝަން ދާއިރާގެ ޕްރޮގްރާމްތައް ކަަމަށާއި އެ ޕްރޮގްރާމްތައް މިއަހަރުގެ ދެވަނަ ސެމިސްޓާގައި ފަށާނެ ކަމަށް ސަައިރިކްސްއިން ބުންޏެވެ.

މިއަދު ވި އެއްބަސްވުމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެކެވެ.

"މި އެއްބަސްވުމުގެ ދަށުން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސައިރިކްސް ކޮލެޖުގެ ޑިވޮލޮޕްމަންޓްއަށް އެމްއެސްޔޫއާ އެކު މަސައްކަތް ކުރެވި އަމިއްލަ ޕްރޮގްރާމްތަކެއްގެ ގޮތުގައި މި ޕްރޮގްރާމްތައް ހިންގުމަށް މި ފަސްއަހަރު ފަހުން މި އެއްބަސްވެފައި މިއޮތީ،" ސައިރިކްސް ކޮލެޖުގެ ރެކްޓާ ޑރ. ފަވާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެ ފަރާތުގެ ސްޓާފުން ދެ ޔުނިވާސިޓީގައި އެކިއެކި ޓްރެއިނިންތަކުގައި ބައިވެރވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެމްއެސްޔޫއާ ގުޅިގެން ދިރާސާ ކުރުމުގެ މަސައްކަތްތަކެއް ވެސް ނިންމަފައިވާ ކަަމަށް ސައިރިކްސްއިން ބުންޏެވެ.

"ދެ ފަރާތުން ގުޅިގެން އަޅުގަނޑުމެންގެ ސްޓާފުންގެ ރިސާޗް އެކްޓިވިޓީސް ފުޅާކުރެވިގެންދާނެ." ޑރ. ފަވާޒް ވިދާޅުވި އެވެ.