01 Mar 2020, 14:35
ސ. ހުޅުދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
ޑިޒައިން އެންޑް ބިލްޑު އުސޫލުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ކޮންޓްރެކްޓުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 375 ދުވަހުގެ ތެރޭގަ އެވެ. މަސައްކަތުގެ އަގަކީ 65.1 މިލިއަން ރުފިޔާ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ހުޅުދޫގައި 114 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކަށި ގާއިމުކޮށް 742 މީޓަރުގެ އެއްގަމު ތޮއްޓާއި 624 މީޓަރުގެ ރިވެޓްމެންޓް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. މީގެ އިތުރުން 2250 މީޓަރުގެ ޕޭވްމެންޓް ގާއިމްކޮށް އެއް ކޮންކްރީޓް ބްރިޖު އަޅައި ބަނދަރު ފުންކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.