01 Mar 2020, 14:07
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ނުވަތަ (ކޮރޯނާ ވައިރަސް)އާ ގުޅިގެން ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ވަޒީރުން ވެސް މުސާރަ ކުޑަ ކުރަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އިގްތިސާދީ ގޮތުން ލޮޅުންތަކެއް އަންނާނެތީވެ، ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމަށް ސަރުކާރުގެ އިދާރާތަކަށް އަންގާފަ އެވެ. އަދި އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއް ވެސް ނެރެފަ އެވެ.
ބޮންޑޭ މިއަދު "ސަން" އަށް ވިދާޅުވީ، ހަރަދު ކުޑަ ކުރަން ޖެހޭނީ އިދާރާތައް އެކަނި ނޫން ކަމަށާއި މަޖިލިސް މެމްބަރުންނާއި ވަރީޒުންގެ މުސާރަވެސް ކުޑަ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މާދަމާ މަޖިލިސް ހުޅުވުމުން އެމްޑީޕީ ޕާލިމަންޓަރީގައި އެކަމަށް މަޝްވަރާ ކުރައްވާނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
"އެމްޑީޕީ ޕީޖީ ވަކި ވަކި މެމްބަރުންގެ އެބަހުރި އެގޮތަށް ކުޑަ ކުރަން. ވަޒީރުންގެ ވެސް މުސާރައާ ހަރަދުތައް ކުޑަ ކުރަން ޖެހޭ. ވަޒީރުންގެ ދެކާރުން އެއްކާރަށް ބަދަލު ކުރަން ޖެހޭ،" ބޮންޑޭ ވިދާޅުވި އެވެ.
ކޮމިޓީތަކުގެ އެލަވަންސާއެކު ރައްޔިންތުންގެ މަޖިލިސް މެމްބަރެއްގެ މުސާރައަކީ 80،000 އެވެ.
ޓުވިޓާގައި މީހަކު ކުރި ސުވާކަަށް ޖަވާބު ދެއްވަމުން ބޮންޑޭ ވިދާޅުވީ، މުސާރައިން 10،000 އުނިކުރުމަށް ވެސް އޭނާ ތާއީދު ކުރައްވާކަމަށެވެ. އެގޮތަށް ހަދައިފި ނަމަ، ގާތްގަނޑަކަށް 870،000 ރުފިޔާ ސަލާމަތްވާނެ އެވެ.
ބޮންޑޭ އިތުރަށް ވިދާޅުވީ، ޕީޖީ ގުރޫޕުގައި އެކަމަށް މަޝްވަރާކުރުމަށް ފަހު މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ގޮތެއް ނިންމޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ވަޒީރުންގެ ކަންތައްތަކުގައި މަޖިލީހުން ގޮތެއް ނިންމުމަށްފަހު ސަރުކާރަށް ލަފާ ދެވޭނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.
ކޮރޯނާއާ ގުޅިގެން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެ ވެ. އެގޮތުން ފަތުރުވެރިން ގިނަ އަދަދަކަށް ރާއްޖެ ޒިޔާރަތް ކުރާ ޗައިނާއަށް ސީދާ ފުލައިޓްތައް ހުއްޓާލުމާއި ޗައިނާ އިން އަންނަ މީހުން ރާއްޖެ ވަނުން މަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ކުރޫސް ލައިންތައް އައުންވެސް މިދިޔަ ހަފްތާގައި ވަނީ މަނާކޮށްފަ އެވެ. މިިކަމާ ގުޅިގެން އެތަށް ބުކިންތަކެއް ވަނީ ކެންސަލްވެފަ އެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ހުރިހާ މާކެޓްތަކުގައިވެސް 2008 ވަނަ އަހަރުގެ ފަހުން އެތަށް ގުނައަކަށް ވަނީ އަޑިއަޅާލާފަ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް ސިއްހީ އެމަޖެންސީވެސް އިއުލާން ކުރައްވާފަ އެވެ.