08 Dec 2011, 16:27
މޮސްކޯ (ޑިސެމްބަރ 8) : ތުރުކީގައި ނޭޓޯއިން ބިނާކުރުމަށް މަސައްކަތްކުރާ މިސައިލް އައްޑަނައާ ކުރިމަތިލުމަށްޓަކައި ޢަސްކަރީ ބާރު ވަރުގަދަކުރުން ނޫންގޮތެއް ނެތްކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ނިކޮލައި މަކަރޯފް ވިދާޅުވިގޮތުގައި ތުރުކީގައި ނޭޓޯއިން ބިނާކުރުމަށް މަސައްކަތްކުރާ މިސައިލް އައްޑަނައިގެ މައްސަލަ ކުރިމަގުގައި ވަރަށް ބޮޑުވެގެންދާނެ ކަމަށާއި މިކަމުގެ އަސަރު ރަޝިޔާއާއި ނޭޓޯގެ ގުޅުމަށް ނޭދެވޭ ގޮތެއްގައި ކުރާނެ ކަމުގައެވެ.
ނޭޓޯއިން ތުރުކީގައި މިސައިލް އައްޑަނައިގެ ނިޒާމެއް ބިނާކުރުމަށް މަސައްކަތްކުރަނީ އީރާނުން ޔޫރަޕަށް މިސައިލް ނުރައްކަލަކުން ދިފާޢުވުމަށް ކަމަށް ބުނެފައެވެ. ނަމަވެސް ރަޝިޔާ ދެކެނީ މިއީ އޮޅުވާލުމެއް ކަމަށާއި ނޭޓޯގެ މިސައިލް އައްޑަނައިގެ ޙަޤީޤީ އަމާޒަކީ ރަޝިޔާ ކަމުގައެވެ. ތުރުކީގައި މިސައިލް އައްޑަނައިގެ ނިޒާމެއް ބިނާކޮށްފިނަމަ ރަޝިޔާގެ މިސައިލްތައް ރަޝިޔާގެ ވައިގެ ސަރަޙައްދު ތެރޭގައި ދަތުރުކުރަމުންދާއިރު ހަލާކުކޮށްލުމުގެ ޤާބިލްކަން ނޭޓޯއަށް ލިބިގެންދާނެ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.
ނޭޓޯގެ މިސައިލް އައްޑަނައިގެ ނިޒާމަކީ ރަޝިޔާއަށް ބިރުހުރި އެއްޗެއް ނޫންކަން އެޤައުމަށް ވިސްނައިދިނުމަށް މިހާތަނަށް ނޭޓޯއިން ކުރިމަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ. ނޭޓޯގެ މިސައިލް އައްޑަނައަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާ މިހާރު ގެންދަނީ އެޤައުމުގެ ކެލިންގްރާޑް ގައި ޒަމާނީ ސްޓްރެޓީޖިކް ހަތިޔާރުގެ ސިސްޓަމްތައް ރުކުރުވާލުމަށް މަސައްކަތް ކުރަމުންނެވެ. -- ރޮއިޓާސް