ރާއްޖޭގެ ސިއްހީ ނިޒާމް އާ ހަރުފަތަކަށް ގެންދެވޭނެކަމާ މެދު ޝައްކުނުކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތްގެ 20 ޕްރޮޖެކްޓެއް ލާމަރުކަޒީކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައިއިރު ސިއްހީ ނިޒާމް އޮތީ ވަރަށް ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ.

"ސިއްހީ ހިދުމަތަކީ އެ ހިދުމަތް އަބދުވެސް ރަނގަޅުކޮށް އެކަށީގެންވާ ހިދުމަތް ރަނގަޅުކުރުމަށް ކުރެވޭ ކަމެއް. ހުރިހާ ސަރުކާރަކުންވެސް އެ މަސައްކަތް ކުރައްވާ އެހެންނަމަވެސް ހުރިހާ ސަރުކާރަކުންވެސް މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެންނަށް އައި ހޭލުންތެރިކަމާ ސިއްހީގޮތަށް އައި ހޭލުންތެރިކަމާ އަދި މުޅި ދުނިޔޭގެ ދިރިއުޅުން ތަރުތީބުވެފައި ހުރި ގޮތުން ގޮންޖެހުންތަކަށް އަމާޒުހިފޭނެގޮތަކަށް ބައްޓަންވާންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން" އަމީން ވިދާޅުވި އެވެ.

އެހެންކަމުން މާލެއަށް ސިއްހީ ހިދުމަތް ހޯދަން އަންނަން ޖެހޭ އައުން ކުޑަކުރެވި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ނިޒާމެއް ގާއިމްކުރެވި ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އެންމެ އަސާސީ އެއް އަމާޒުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ އަމާޒަށް ވާސިލްވުމުގައި މިހާރުގެ ހާލަތު ހުރިގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގައިގެ ދަތިކަމާ ވަސީލަތުގެ ދަތިކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ހައްލުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އަދި އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސިއްހީ ނިޒާމްގެ މައްސަލަތަކަށް ހައްލު ލިބިގެންދާއިރު ޒަމާނީ ހޮސްޕިޓަލްތައް ޒަމާނީ ވަސީލަތްތަކާއެކު މަތީ ފެންވަރުގެ ހިދުމަތްތެރިން ފެންނާނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ އަމާޒަށް ވާސިލްވެވޭނެކަމަށް އަމީން ވިދާޅުވި އެވެ.

"މިކަންކަމާ ދޭތެރޭ ޝައްކު އުފައްދާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ކެތްތެރިކަމާއެކީގަ ސަރުކާރުގެ ސިޔާސަތުތަކާއެކީގައި މަސައްކަތްކުރާ ފަރާތްތަކަށް މީގެ ހަގީގީ ފޮނިމީރުކަމާ ހިސާބަށް ދެވޭނެކަމާ ދޭތެރޭ ޝައްކުނުކުރައްވާށޭ." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ކަންކަން މިހާރު ކުރެވެނ ދުރަށް ވިސްނައިގެން ރާާވައިގެން ރައްޔިތުންނަށް ހަގީގީ ފައިދާ ފޯރުކޮށްދެވޭގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ހަމައެކަނި މީހަކު ބުނާ ބުނުމަށް އިވޭ އަޑަށް މަސައްކަތް ކުރަން ޖެހިއްޖެ ކަަމަށް ވާނަަމަ ކުދިކުދި ތަންތަން އެކްސްޓެންޝަންތަކުގެ ގޮތުގައި ހެދިގެން އަހަރުތަކަށް ވެގެންދާއިރު ފަސްއަހަރުން ނިމޭއިރު ފަސްއަހަރުން ކުރޭ ހޭދަ ފަސްއަހަރުން ކުރެވޭ ހަރަދު އެއަށްވުރެ މާ ނަފާހޭދަވާ ގޮތަށް 15 އަހަރަށް ދިގު ދެމިގެންދާގޮތަށް ހާލަތު އެބައާދޭ. މިއަދު އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް" އަމީން ވިދާޅުވި އެވެ.