ޓެކްސް އެޕީލް ޓްރެބިއުނަލް އުފެއްދި ފަހުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ އިރު އެ ޓްރައިބިޔުނަލަށް އަހަރަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާކަށް ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން ހޭދަކުރާ މިނިވަން މުއައްސަސާތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އެކުލަވާލެއްވި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިމަނާފައިވާ އިރު އެ މުއައްސަސާ އަށް 8.5 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނއަޅާފަ އެވެ. އެއީ ޓްރައިބިޔުނަލްގެ މުވައްޒިފުންގެ މުސާރަ އާއި އަދި އެހެނިހެން ވެސް ރިކަރަންޓް ހަރަދުތަކަށް ހިނގާ 7.7 މިލިއަން ރުފިޔާ އާއި އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރާ 821،619ރ. އެކު އެވެ.

ޓެކްސްގެ އިދާރީ ގާނޫނުގެ ދަށުން އަށް މެންބަރުން އެ ޓްރައިބިޔުނަލުގައި ތިއްބަވާ އިރު މި އަހަރު ވެސް އެ ޓްރައިބިޔުނަލަށް 6.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް އެ ޓްރައިބިޔުނަލުން 3.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކަ އެވެ.
އެ ޓްރައިބިޔުނަލަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 2.2 މިލިއަން ރުފިޔާ، ނޫނީ 25 ޕަސެންޓް ވަރު ބޮޑު ބަޖެޓެކެވެ.

ޓެކްސް ދައްކާ އަދަދާ މެދު ހިޔާލުތަފާތު ވެއްޖެ ނަމަ އެކަމުގައި ފަހު ގޮތް ކަނޑައެޅުމުގެ ބާރު އަދި އެފަދަ މައްސަލައެއްގައި ލިޔެ ކިޔުންތައް ބަލައި ފާސްކުރުމުގެ ބާރު ލިބިގެން ވަނީ އެ ޓްރެބިޔުނަލަށެވެ.

ޓެކްސްޓްރައިބިޔުނަލުގެ މެންބަރު ނަސްރުﷲ ޖަމީލް "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރަށް ލަފާކުރާ ބަޖެޓު މިއަހަރަށް ވުރެ ބޮޑުކޮށްފައި ވަނީ މުވައްޒިފުންގެ ޓްރެއިނިންތަކަށް މިއަންނަ އަހަރު ހަރަދުކުރާ ވަރު ބޮޑުވާނެ ތީ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެ ޓްރައިބިއުނަލް އިން މައްސަލައެއް ބެލިފައި ނުވިޔަސް އަންނަ އަހަރުގެ ތެރޭގައި މައްސަލަތަކެއް ހުށަހެޅޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

"މިހާތަނަށް މައްސަލައެއް ބެލިފައި ނެތީ މިހާތަނަށް ވެސް ޖީއެސްޓީ ނެގެމުން ދިޔައީ ޓޫރިޒަމް ސެކްޓާ އިން. އެއީ ވަރަށް އެސްޓެބްލިޝް ބަޔަކަށް ވާތީ އެތަނުން މައްސަލަތަކެއް ނާދެ. އެކަމަކު ޖީއެސްޓީ ނަގަން ފެށި ފަހުން ފުރަތަމަ ކުއާޓާ ނިމުނީމާ މި ބަލަނީ މައްސަލަތައް އަންނާނެ ކަމަށް،" ނަސްރުﷲ ވިދާޅުވި އެވެ.

މި އަހަރުތެރޭގައި އައު، ބޮޑަތި ގިނަ ޓެކްސްތަކެއް ތައާރަފްވުމާ އެކު ވެސް އެ ޓްރައިބިޔުނަލުން މަސައްކަތެއް ކޮށްފައި ނެތް އިރު ނަސްރުﷲ ވިދާޅުވީ އެ ބޯޑުގެ މެންބަރެއްގެ މުސާރަ އާއި އިނާޔަތްތަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 16000ރ. އާއި 18000ރ. ދެމެދުގެ އަދަދެއް ހޭދަވާ ކަމަށެވެ.

އެހެންކަމުން އެ ޓްރައިބިޔުނަލްގެ އަށް މެންބަރުންގެ މަހެއްގެ މުސާރަ އަށް އެކަނި ގާތްގަނޑަކަށް 144000ރ. ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

މެންބަރުންގެ އިތުރުން އެ ޓްރައިބިޔުނަލްގައި ނުވަ މުވައްޒިފަކު ވަޒީފާ އަދާކުރެ އެވެ.