މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ސެމީ ފައިނަލުގެ ޖާގަތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހޯދައިފި އެވެ.

އެ ހަތަރު ޓީމުން ސެމީގެ ޖާގަތައް ހޯދާފައި ވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އިއްޔެ ކުޅުނު ކުއާޓާގެ މެޗުގައި އެމްއޭސީއެލުން ވަނީ ސްޓެލްކޯ އަތުން 2-1 ގޭމުން މޮޅުވެފަ އެވެ. އެ މެޗުގެ ފުރަތަމަ ގޭމު އެމްއޭސީއެލުން ގެންދިޔައީ 4-3 ފްރޭމުންނެވެ. ދެ ވަނަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްއޭސީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ ސްޓެލްކޯ އެވެ.

ކުއާޓާގައި އެމްޓީސީސީ އަތުން ކަސްޓަމްސް މޮޅުވީ 1-2 ގޭމުންނެވެ. ފުރަތަމަ ގޭމުން ކަސްޓަމްސް މޮޅުވީ 2-4 ފްރޭމުންނެވެ. ދެ ވަނަ ގޭމު 4-2 ފްރޭމުން އެމްޓީސީސީ ގެންދިޔަ ނަމަވެސް، ތިން ވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ ކަސްޓަމްސް އެވެ.

ކުއާޓާގައި އެމްޑަބްލިޔުއެސްސީ އަތުން އެމްއެންޑީއެފް މޮޅުވީ ދެ ގޭމުންނެވެ. ފުރަތަމަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ 4-1 ފްރޭމުންނެވެ. ދެ ވަނަ ގޭމު ނިމިގެންދިޔައީ 3-3 ފްރޭމުން ދެޓީމު އެއްވަރުވެގެންނެވެ. އަދި ތިން ވަނަ ގޭމު އެމްއެންޑީއެފުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ.

ކުއާޓާގެ ފަހު މެޗުގައި ޕޮލިސް ކްލަބު އަތުން އެމްޕީއެލް ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން ގެންދިޔައީ އެމްޕީއެލް އެވެ. ދެވަނަ ގޭމު 2-1 ފްރޭމުން އެމްޕީއެލް ގެންދިޔަ އިރު، ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 4-2 ފްރޭމުންނެވެ.

އެ މުބާރާތުގެ ސެމީގެ މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު 5:30ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި ކަސްޓަމްސްއެވެ. އަދި މިރޭ 7:00ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި އެމްޕީއެލް އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގަތައް ހޯދި ކުޅުންތެރިން ވެސް ވަނީ ކަށަވަރުވެފަ އެވެ. ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ސެމީން ޖާގަ ހޯދާފައި ވަނީ އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލާއި އެމްއޭސީއެލްގެ އިސްމާއިލް ސުވައިދާއި ކަސްޓަމްސްގެ ޔޫސުފް ޒުބައިރު އަދި އެމްޕީއެލްގެ މުހައްމަދު ދުންޔާޒެވެ. އަންހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ސެމީން ޖާގަ ހޯދާފައި ވަނީ ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދާއި ދިރާގުގެ އާމިނަތު ލީނާ އަދި އެމްއެންޑީއެފްގެ އާއިޝަތު ޒީނާއެވެ.

ފިރިހެން ޑިވިޝަންގެ ސެމީން ފަތުހުﷲ ޖާގަ ހޯދީ ކުއާޓާގެ މެޗުގައި ސީދާ ހަތަރު ފްރޭމުން އެމްޓީސީސީގެ އަހުމަދު ރިޔާޝް ބަލިކޮށްގެންނެވެ. ކުއާޓާގައި 1-4 ފްރޭމުން އެމްއެންޑީއެފްގެ އިބްރާހިމް ރަޝީދު ބަލިކޮށް ޒުބައިރު ސެމީން ޖާގަ ހޯދި އިރު، ސުވައިދު ސެމީން ޖާގަ ހޯދީ ކުއާޓާގައި ސީދާ ހަތަރު ފްރޭމުން ސްޓެލްކޯގެ އަހުމަދު އަފްރާހު އިސްމާއީލް ބަލިކޮށްގެންނެވެ. އަދި ސެމީން ދުންޔާޒް ޖާގަ ހޯދީ ކުއާޓާގައި ސީދާ ހަތަރު ފްރޭމުން ރައީސް އޮފީހުގެ އަހުމަދު ނަފީލް ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަންގެ ސެމީން ދިލް ޖާގަ ހޯދީ ކުއާޓާގެ މެޗުގައި 4-1 ފްރޭމުން އެމްއޭސީއެލްގެ އާއިޝަތު މަލީޝާ ބަލިކޮށްގެންނެވެ. ކުއާޓާގައި 1-4 ފްރޭމުން ފެނަކަގެ ނަޝްފާ ނާޝިދު ބަލިކޮށް ދިރާގުގެ ލީނާ ސެމީން ޖާގަ ހޯދި އިރު، ރައުފާ ސެމީން ޖާގަ ހޯދީ ކުއާޓާގައި 1-4 ފްރޭމުން ޓީމްއޭގެ މަރިޔަމް ޖަސްރާ އަހުމަދު ބަލިކޮށްގެންނެވެ. އަދި ސެމީން ޒީނާ ޖާގަ ހޯދީ ކުއާޓާގައި ސީދާ ހަތަރު ފްރޭމުން އެމްއެންޑީއެފްގެ އާއިޝަތު ޒަހާ ބަލިކޮށްގެންނެވެ.

ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 1:00ގަ އެވެ. ފިރިހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލާއި އެމްއޭސީއެލްގެ އިސްމާއިލް ސުވައިދު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަސްޓަމްސްގެ ޔޫސުފް ޒުބައިރާއި އެމްޕީއެލްގެ މުހައްމަދު ދުންޔާޒެވެ. އަންހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިރާގުގެ އާމިނަތު ލީނާ އާއި އެމްއެންޑީއެފްގެ އާއިޝަތު ޒީނާ އެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެ އެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެ އެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެ އެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.