01 Mar 2020, 10:22
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ" އާ އެކު ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅީން އާ މޫނެއް ތައާރަފުވާން ތައްޔާރުވެއްޖެ އެވެ. މިއަހަރު ނެރޭ އުއްމީދީ ފިލްމު ނީނާގެ ލީޑް ރޯލުން ޝަރަފް އަބްދުﷲ ނަމަކަށް ކިޔާ ފަންނާނެއް ތައާރަފުކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. ބޮޑު ސްކްރީނުން ޝަރަފްގެ އެކްޓިން ހުނަރު ބަލާލުމުގެ ކުރީން ޝަރަފް އެއީ ކާކުތޯ އެނގުން މުހިއްމެވެ.
"ސަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި، ޝަރަފް ވަނީ އޭނާގެ ހަޔާތާއި ނީނާ އާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ.
ފުލް ޓައިމް ވަޒީފާއެއްގައި މަސައްކަތް ކުރަމުން ނީނާގެ ޝޫޓިން އަށް ދިޔައީ ޗުއްޓީއެއް ނަގައިގެނެވެ. ވީޓީވީގައި ޓެކްނިކަލް އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ޝަރަފް އަށް ނީނާއިން ފުރުސަތު ލިބުނީ މަސައްކަތުގެ މާހައުލުންނެވެ.
އޭނާ ބުނިގޮތުގައި އިއްލެ އާ ދިމާވީ އޭނާ ވީޓީވީގައި މަސައްކަތްކުރިއިރު އެވެ. އެގޮތުން އިއްލެގެ ފިލްމެއްގެ ރޯލެއް ކުޅުމަށް ޝަރަފް އަށް އިޝާރާތްކުރި ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އިއްލެ އެކަމާ ސީރިއަސް ކަމެއް ކުރިން ނޭނގޭ ކަމަށް ޝަރަފް ފާހަގަކުރި އެވެ.
ނީނާ ފިލްމުގެ ޝޫޓިން މިހާރު ނިމިފައިވާއިރު މުޅި ފިލްމުގެ އެކްސްޕީރިއަންސްއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ދާއިރާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ޝަރަފް ބުނީ، ފިލްމު އިންޑަސްޓްރީއިން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އަދި އެކްޓުކުރުމުން ތަޖުރިބާ ހޯދުމަށްފަހު ބޭނުންވަނީ ފިލްމު ޑައިރެކްޓު ކުރުމަށް ދާން ކަމަށް އޭނާ ފާހަގަކުރި އެވެ.
އިންޓަވިއުގައި ޝަރަފް ވަނީ ނީނާއިން ފާހަގަކޮށްލެވޭ ކަންތައްތައްވެސް ކިޔައިދީފަ އެވެ. އެގޮތުން ފިލްމުގައި ލ. އަތޮޅު ސަރަހައްދެއްގެ ތުނޑި ދައްކައިދޭ މަންޒަރަކަށް އިޝާރާތްކޮށް އޭނާ ބުނީ އެއީ މުޅިން ޝޫޓިންގެ ތެރެއިންވެސް ވަރަށް ފާހަގަކޮށްލެވޭ ސީނެއް ކަމަށެވެ.
އަދި އެ ފިލްމު ބަލާ އެންމެނަށްވެސް ފިލްމު ކަމުދާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.