ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވިލިމާލޭ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ނަހުލާ އަލީގެ ކެމްޕެއިމް ޖަގަހައަށް ގެއްލުން ދީފި އެވެ.

ރޭގެ ވަގުތެއްގައި ނަހުލާގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑުތައް ވަނީ ތަޅާލައިފަ އެވެ.

އެ މައްސަލާގައި ނަހުލާ ވިދާޅުވީ، ކޮންމެ މީހަކު ކުރިކަމެއް ނަމަވެސް މިއީ ވަރަށް ދެރަކަމެއް ކަމަށާއި ކުރާ ފުރައްސާރައެއްގެ ސަބަބުން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ވިލިމާލޭގައި ހުންނަ ސިޔާސީ ޕާޓީއެއްގެ ޖަގަހައަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭ 3:15 ހާއިރު ވިލިމާލެތެރެ ބަލަހައްޓަމުން ދިޔަ ފުލުހުންނަށް އެ ޖަގަހަ ކައިރީ ބަޔަކު އެއްވެފައި ތިބި މަންޒަރު ފެނުމުން ބެލިއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ، އެހެން މައްސަލައެއްގެ ތުހުމަތުގައި ރޭ ހައްޔަރު ކޮށްފައިވާ ކަމަށާއި ޖަގަހައަށް ގެއްލުން ދިން މައްސަލަ ބަލަމުންދާ ކަމަށެވެ.