ޤާހިރާ (ޑިސެމްބަރ 8) : މިސްރުގެ އައު ސަރުކާރުގެ ބޮޑުވަޒީރާއި ކެބިނެޓް، މިސްރުގެ ޢަސްކަރީ އެންމެ މަތީ މަޖިލީހުގެ ރައީސް މުޙައްމަދު ޙުސައިން ތަންތާވީގެ ކުރިފުޅުމަތީގައި ވެރިކަމުގެ ޤާނޫނީ ހުވާ ކޮށްފިއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ތަންތާވީ ދެއްކެވި ވާހަކާގައި މިސްރުގެ ފަގީރުންނަށް އަޅާލުމަށާއި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް އައު ސަރުކާރުގެ ކިބައިން އެދިވަޑައިގެންނެވިއެވެ. މިސްރުގެ އައު ސަރުކާރުގެ ބޮޑުވަޒީރު ކަމާލް ޖަންޒޫރީއަކީ ޙުސްނީ މުބާރަކްގެ ދުވަސްވަރުގައިވެސް ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ބޮޑުވަޒީރުކަމަށް ޖަންޒޫރީ ޢައްޔަންކުރެވުނީ މިދިޔަ އޮކްޓޯބަރ މަހާއި ޑިސެމްބަރ މަހު ކުރީގެ ބޮޑުވަޒީރު ޢިސާމް ޝަރަފްގެ ސަރުކާރާއި މިސްރުގެ ވެރިކަމުގެ އެންމެ ބާރުގަދަ ފަރާތް ކަމަށްވާ ޢަސްކަރީ އެންމެމަތީ މަޖިލީހާ ދެކޮޅަށް ރައްޔިތުންކުރި މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ޝަރަފްއާއި އޭނާގެ ކެބިނެޓް އިސްތިއުފާ ދެއްވުމުންނެވެ. ޢަސްކަރީ މަޖިލީހުގެ މެންބަރުން މިސްރުގެ ވެރިކަމުގައި ދިގުމުއްދަތަކަށް ދެމިތިއްބެވުމަށް މަސައްކަތްކުރައްވާ ކަމަށްބުނެ އެކަމާ ދެކޮޅަށް ރައްޔިތުންކުރި މުޒާހަރާ ތަކުގައި 43 މީހަކު މަރުވެ އެތަށްސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ.

ޖަންޒޫރީގެ ބޮޑުވަޒީރު ކަމުގައި އެކުލަވާލި އައު ސަރުކާރަކީ އަންނައަހަރުގެ މެދެއްހާ ހިސާބު މިސްރުގައި ރިޔާސީ އިންތިޚާބެއް ބާއްވައި ދިމުޤްރާތީ ގޮތުން ރައީސަކު އިންތިޚާބު ކުރެވެންދެން ޤައުމު ހިންގުމަށް އުފެއްދި "ޤައުމު ސަލާމަތްކުރުމުގެ ސަރުކާރެއް" ކަމަށް ޢަސްކަރީ މަޖިލީހުގެ ވެރިޔާ މުޙައްމަދު ޙުސައިން ތަންތާވީ ވިދާޅުވިއެވެ.

އަނެއްކޮޅުން މިސްރުގައި ދާދިފަހުން ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިޚްވާނުލްމުސްލިމީން ޖަމާޢަތުންވަނީ އެބުރުގެ ވޯޓުތަކުގެ ދެބައިކުޅަ އެއްބައަށްވުރެވެސް ބޮޑު އަޣްލަބިއްޔަތެއް ހޯދާފައެވެ. އިސްލާމީ ޚިޔާލުގެ އެހެން ޖަމާއަތެއް ކަމަށްވާ ސަލަފީންނާއި އިޚްވާނުންނަށް ލިބުނު ވޯޓުތައް އެއްކޮށްލުމުން ފުރުތަމަ ބުރުގެ ނަތީޖާގެ 67% ވަނީ އިސްލާމީ ޚިޔާލުގެ ޖަމާއަތްތަކުން ޙާސިލްކޮށްފައެވެ.

މިކަމާގުޅިގެން އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެމެރިކާއާއި ޔޫރަޕުން، މިސްރުގެ ޕާލަމެޓްރީ އިންތިޚާބުގެ ފުރަތަމަ ބުރުގެ މިނަތީޖާއާމެދު އެއްޗެކޭ ނުބުނި ނަމަވެސް މިކަމުގެ ސަބަބުން ހުޅަނގުގެ ލީޑަރުން މާޔޫސްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް