01 Mar 2020, 10:54
ދައުޙާ (1 މާޗް 2020) : އަފްޣާނިސްތާނުގައި ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލައި އެގައުމަށް ސުލްހަ ގެނައުމުގެ އެއްބަސްވުމެއްގައި އެމެރިކާއާއި އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރާ ތާލިބާން ޖަމާއަތުން ސޮއިކޮށްފިއެވެ.
ގަތަރުގެ ވެރިރަށް ދައުޙާގައި މިއެއްބައިވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ޒަލްމޭ ޚަލީލް ޒާދުއެވެ. ތާލިބާނުންގެ ފަރާތުން ސޮއިކުރީ އެޖަމާއަތުގެ ސިޔާސީ ކަންތައްތަކާބެހޭ ވެރިޔާގެ ނައިބު އަބްދުލްޣަނީ ބަރާދިރު އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއެއްބަސްވުން ބިނާކޮށްފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ސިފައިން 14 މަސްތެރޭގައި އެގައުމުން ބާލާގޮތަށެވެ. މީގެބަދަލުގައި ތާލިބާނުން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުފައިވާ އެއްވެސް ސަރަހައްދެއްގައި އަލްގައިދާ ޖަމާއަތުން އޮޕަރޭޓް ކުރުމުގެ ހުއްދަވެސް އަދި ފުރުސަތުވެސް ދީގެންނުވާނެކަމަށް އެ އެއްބަސްވުން ބުނެއެވެ.
އެމެރިކާއިން އަފްޣާނިސްތާނަށް އަސްކަރި ގޮތުން އެރީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އަލްގާއިދާގެ ޙަމަލާތަކެއްކަމަށް ނިންމުމަށްފަހު އެޖަމާއަތާ ހަނގުރާމަކުރުމުގެ ނަމުގައެވެ.

އެމެރިކާއާއި ތާލިބާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރަނީ
އެމެރިކާގެ 2 ލައްކަ ސިފައިން އަފްޣާނިސްތާނަށް ފޮނުވައި އެދުވަސްވަރު އެގައުމުގައި ވެރިކަންކުރި ތާލިބާން ޖަމާއަތުގެ ވެރިކަން ވަރަށް އަވަހަށް ވައްޓާލިއެވެ. ތާލިބާނުންގެ މައްޗަށް އެމެރިކާ ކުރީ އަލްގާއިދާއަށް އެހީތެރިވެދިން ކަމުގެ ތުހުމަތެވެ. އެމެރިކާއިން ވަރަށް ފަސޭހައިން ތާލިބާނުންގެ ވެރިކަން ވައްޓާލި ނަމަވެސް އެއަށްފަހު އަލްގާއިދާއާއި ތާލިބާނުން ބަލިކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ.
އަފްޣާން ހަނގުރާމައިގައި އެމެރިކާގެ ގާތްގަނޑަކަށް 3 ހާސް ސިފައިން ތާލިބާނުންގެ އަތްދަށުން މަރުވިއެވެ. އަދި 30 ހާހަށްވުރެ ގިނަ އެމެރިކާ ސިފައިން ޒަޚަމްވެފައިވާއިރު އެމެރިކާ ބައެއް ސިފައިންގެ އަތްފައިވެސް ބުރިވެފައިވެއެވެ. އަދި 900 ވަރަކަށް ބިލިޔަން ޑޮލަރު އެމެރިކާ އަފްޣާން ހަނގުރާމައަށް ޚަރަދުކުރިއެވެ. އެމެރިކާގެ ޙަމަލާތަކުގައި މަރުވި ތާލިބާނުންގެ އަދަދު ނޭންގުނު ނަމަވެސް އަފްޣާން އާންމުންގެ ލައްކަ އެއްހާ މީހުން އެމެރިކާގެ ޙަމަލާތަކުގައި މަރުވި ކަމަށް މުސްތަގިއްލު ރިޕޯޓްތައް ބުނެއެވެ.
2014 ގައި އެމެރިކާ ވަނީ އެގައުމުގެ ސިފައިންގެ ބޮޑުބައި އަފްޣާނިސްތާނުން ބާލާފައެވެ. މިހާރު އަފްޣާނިސްތާނުގައި ތިބެނީ އެމެރިކާގެ 12 ވަރަކަށް ހާސް ސިފައިންނާއި ނޭޓޯގެ 3 ވަރަކަށް ހާސް ސިފައިންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއާއި ތާލިބާނުންގެ ސުލްހައިގެ އެއްބަސްވުމަށް މަރުޙަބާ ވިދާޅުވެފައެވެ. އެމެރިކާކުރާ އެންމެ ދިގުލީ ހަނގުރާމަ ކަމަށްވާ އަފްޣާން ހަނގުރާމަ މިއެއްބަސްވުމުގެ ދަށުން ނިމުމަކަށް ގެނެސް އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެނެވޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)