01 Mar 2020, 00:15
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިފަހުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއެކު ދެ އިންތިހާބު ބާއްވަނީ އެއްކޮށެވެ. އެގޮތުން ކައުންސިލްތަކަށް ޖުމްލަ 980 ކައުންސިލަރުން އަދި އަންހެނުންގެ ކޮމިޓީތަކަށް، 18 ރަށާއި ހަތަރު ސިޓީން 369 މެންބަރުން އިންތިހާބު ކުރާނެވެ.
މިރޭ އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލީ ވެރިކަން ކުރާ އެމްޑީޕީން ދެން ޕީޕީއެމުން ކަމަށެވެ. އެގޮތުން އެމްޑީޕީން 876 ކެންޑިޑޭޓުން އަދި ޕީޕީއެމުން 679 ކެންޑިޑޭޓުން ވާދަކުރާނެކަން ޝަރީފް ހާމަކުރެއްވި އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު 680 އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޖުމްހޫރީ، އަދާލަތު، އެމްޑީއޭ، އެމްއާރުއެމް، އަދި އެމްއެސްއެލްޑީޕީއިން ވެސް މި އިންތހާބަށް ކެންޑިޑޭޓުން ނެރެ އެވެ.

ފެބްރުއަރީ 29، 2020: އިލެކްޝަން ކޮމިޝަންގެ ފަރާތުން ކައުންސިލް އިންތިހާބާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން:
އެމްޑީޕީ - 876
- ޕީޕީއެމް - 679
- ޖުމްހޫރީ ޕާޓީ - 127
- އަދާލަތު - 30
- އެމްޑީއޭ - 22
- އެމްއާރުއެމް - 16
- އެމްއެލްއެސްޑީޕީ - 4
- ޑީއާރުޕީ - 1
- އަމިއްލަ - 680
ޝަރީފް މިރޭ ހާމަކުރެއްވި ގޮތުގައި ކައުންސިލް އިންތިހާބުގެ 980 ގޮނޑީގެ ތެރެެއިން 12 ރަށެއްގެ 15 ގޮނޑިއަށް ގާނޫނީ އަދަދު ހަމަވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ އިންތިހާބު ބާއްވާކަށް ނުޖެހެ އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި އިންތިހާބެއް ނުބާއްވާ މިހާތަނަށް ކައުންސިލްތަކުގައި ގޮނޑި ކަށަވަރުވެފައި ވަނީ، އެމްޑީޕީއަށް 13 އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި ކަމަށެެވެ.
އިންތިހާބެއް ބާއްވަން ނުޖެހޭ މި ދާއިރާތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ ގޮނޑިތައް ހިމެނޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. ނަމަވެސް އޭޣެ ތަފްސީލެއް ޝަރީފު ނުދެއްވަ އެވެ.
މީގެ އިތުރުން، އަންހެނުންގެ ކޮމިޓީއަށް 22 ރަށަކުން ސީދާ ގާނޫނީ އަދަދަށް، ބޭފުޅުން ކުރިމަތިލާފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އަންހެނުންގެ ކޮމިޓީ އިންތިހާބަށް އެއްވެސް މިންވަރަަކަށް ކުރިމަތި ނުލަނީ ދެރަށަކުންނެވެ. އެއީ ވ. ރަކީދޫ އާއި މ. ރަތް މަންދޫ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް ގުރު ނެގުން ބާއްވަން ނިންމާފައި ވަނީ އަންނަ ހަފްތާ ބުދަ ދުވަހު އެވެ.
ޝަރީފު ވިދާޅުވީ ގާނޫނީ ގޮތުން އެ މުއްދަތާ ހަމަޔަށް، ކެންޑިޑޭޓުންނަސް ނަން އަނބުރާ ފެންދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެހެންކަމުން، ދެ އިންތިހާބުގައިވެސް ގޮނޑި ކަށަވަރުވި ފަރާތްތައް އީސީއިން ހާމަ ކުރާނީ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރުމަށް ގުރުލާ ނިމުމުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހު ހަތަރު ވަނަ ދުވަހު އެވެ.