އިމިގްރޭޝަންގެ "ބޯޑާ ކޮންޓްރޯލް ސިސްޓަމް"ގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބަލައި ކުރީގެ ކޮންޓްރޯލާ، ސްޓޭޓް މިނިސްޓަރު އިލްޔާސް ހުސެއިން އިބްރާހިމާއި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ސެކްޝަނުގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި އޭސީސީން ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީން ސެޕްޓެމްބަރު 2010 ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތަތްކަގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހެޅި ނެކްސް ބިޒާ، ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ކޮމިޝަނުން ބަލައި މީޑިއާ އަށް އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ ބީލަމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު ހުށަހަޅާފައިވާ "ރިކްއެސްޓް ފޯ ޕްރޮޕޯސަލް" (އާރްއެފްޕީ) އަކީ ނެޝެނަލް ޕްލޭނިން ކައުންސިލުން ފާސްކޮށްފައިވާ ޕްރޮޕޯސަލެއް ނޫން ކަމަށެވެ.

އޭސީސީ ބުނީ ކައުންސިލުން ފާސްކޮށްފައިވާ ޕްރޮޕޯސަލްގައި ހިމެނޭ 14 މޮޑިއުލްގެ ތެރެއިން ހަތް މޮޑިއުލެއް އާރްއެފްޕީގައި އުނިކޮށް ބައެއް މޮޑިއުލްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ރައީސް އޮފީހުގެ ދެންނެވުމަކާއެކު ނެރެފައިވާ ތަރައްގީގެ މަޝްރޫޢުތަކާބެހޭ ކަންތައް ކުރިއަށް ގެންދިއުމުގެ އުސޫލާ ޚިލާފަށް ޕްލޭނިން ކައުންސިލްގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ބަހެއް ނެތި ޕްލޭނިން ކައުންސިލުން ފާސްކޮށްފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލަށް އުނި އިތުރެއް ގެނައުމުގެ ބާރު ކޮންޓްރޯލާ އަށް ލިބިގެން ނުވާ ކަމަށެވެ. އެކަމުގައި އިލްޔާހަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ އެއް ހޯދައި ދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.


އޭސީސީން ބުނީ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އިއްޔެ ކަމަށާއި އެއީ އެ ގޮތަށް ނިންމެވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރާ ގާނޫނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އޭސީސީން ބުނީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ އީއޯއައި ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި އީއައިއޯގައި ބެލުމަށް ކަނޑައަޅާފައިވާ ބައިތަކުގެ އިތުރަށް ބަލާ ވަކި ފަރާތަކަށް ގިނައިން މާކްސް ދީފައިވާއިރު ބައެއް ބައިތަކަށް މާކްސް ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާ ކަމަށެވެ.

ނެކްސްބިޒާއިއެކު އިމިގްރޭޝަނުން ސޮއިކޮށްފައިވާ ކޮންސެޝަން އެގްރިމެންޓްގައި، ނެކްސްބިޒްގެ ފަރާތުން ޕްރޮޖެކްޓަށް ހުށަހެޅި ޓެކްނިކަލް ޕްރޮޕޯސަލްގައި ދައުލަތައް ހިލޭ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ 29 ސްކޮލާޝިޕާއި ދެ ލައްކަ އައިޑީކާޑު ހިމަނާފައިނުވާ ކަމަށާއި ފައިނޭންޝަލް ޕްރޮޕޯސަލްގައި ކޮންމެ ފަސިންޖަރެއްގެ އަތުން ދެ ޑޮލަރު ނެގުމަށް ހުށަހަޅާފައި ވީ ނަމަވެސް ރާއްޖެ އަށް އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ދެ ޑޮލަރާއި ފުރައިގެންދާ ފަސިންޖަރެއްގެ އަތުން ދެ ޑޮލަރު ނެގުމަށް ކޮންސެޝަން އެގްރިމެންޓްގައި ހިމަނާފައިވާ ކަމަށެވެ.

ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އެއް ނުދައްކާ ގޮތަށް އެއްބަސްވެފައިވާ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ. އަދި އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިލްޔާސް ކަމަށާއި އެއީ ދައުލަތަށް ލިބެން އޮތް ފައިދާ އެއް ނުލިބޭގޮތަށް އިލްޔާސް ކޮށްފައިވާ ޢަމަލެއް ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

އޭސީސީން ބުނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓެގް ޓެކްނިކަލް އިވެލުއޭޝަން ހެދުމަށް ދެވަނަ ފަހަރަށް އެކުލަވާލި ޓީމުން މާކްސް ދިނުމުގައި އޮޅުވާލާފައިވަނީ ސާމީ އަގީލްގެ ބެލުމުގެ ދަށުން ކަމަށެވެ.

އަދި ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓެގް ޕްރައިސް ޕްރޮޕޯސަލް އަށް މާކްސްދޭންވީ މިންގަނޑެއް އާރްއެފްޕީގައި ބަޔާންކޮށްފައި ވަނިކޮށް އެ މިންގަނޑާ ޚިލާފަށް އެނޫން ގޮތަކަށް މާކްސް ދިނުމުގެ ސަބަބުން ފައިނޭންޝިއަލް އިވެލުއޭޝަންގެ ނަތީޖާ އަށް ބަދަލު އައިސްފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ޕްރޮޖެކްޓްގެ ބައެއް ބައިތަކަށް މާކްސް ދިނުމުގައި އޮޅުވާލައިފައިވާއިރު އެއީ މަގާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް ސާމީ އަގީލް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީން ވަނީ ތުހުމަތު ކޮށްފަ އެވެ.

ސާމީ އަގީލާއި އިލްޔާސްގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވާއިރު މީގެ 10 މަސް ކުރިން ކޮންޓްރޯލާގެ މަގާމުން އިލްޔާސް ވަކި ކުރެއްވުމަފަހު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމަށް ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އައްޔަން ކުރައްވާފަ އެވެ. އަދި އިލްޔާސް ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ.