ކޮވިޑް-19 ނޫނީ ކޮރޯނާވައިރަސް މީހަކަށް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮރޯނާވައިރަސްގެ ޓެސްޓް ހަދައިފި އެވެ.

ހެލްތް މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޮރޯނާވައިރަސް ރާއްޖޭގައި ނޫޅޭކަން ކަށަވަރުކުރުމުގެ ގޮތުން، އެ ބަލި ޖެހިފައިވާ ގައުމަކަށް ނުދާ މީހުންގެ ތެރެއިންވެސް އަރިދަފުސް ރޯގާ އާއި ނިއުމޯނިއާ ޖެހި ސީރިއަސް ހާލަތަކަށް ދާ މީހުން އެ ބައްޔަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ނިއުމޯނިއާއަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ މީހަކު، މިއަދު ކޮވިޑް-19 އަށް ޓެސްޓްކުރިކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި ބުނީ، ޓެސްޓްކުރި މީހާ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ.

މިއީ ކޮރޯނާއަށް ޓެސްޓް ހެދޭނެ އިންތިޒާމް މި މަހުގެ ކުރީކޮޅު ރާއްޖޭގައި ގާއިމް ކުރި ފަހުން، އެ ޓެސްޓް ހެދި ފުރަތަމަ ފަހަރު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މީގެ ކުރިން ކޮރޯނާވައިރަހަށް ޝައްކުވެ ކަރަންޓީނު ކުރި މީހުންގެ ލޭގެ ސާމްޕަލްތައް ޓެސްޓްކުރަން ފޮނުވީ އިންޑިއާގެ ލެބޯޓްރީއަކަށެވެ. ނަތީޖާތައް ލިބެން ދެތިން ދުވަސް ނަގަ އެވެ.

ކޮރޯނާއަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖެއްސީ، ޑަބްލިއުއެޗްއޯގެ އެހީގަ އެވެ. އެ ޖަމާއަތުން ވަނީ ކޮރޯނާއަށް އަށް ޓެސްޓުކުރެވޭ ހާއްސަ ޓެސްޓުކިޓްތަކެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެ ކިޓްތަކުން 1000 މީހުންގެ ޓެސްޓް ހެދެ އެވެ.

ހެލްތުން މިރޭ ނެރުނު ބަޔާނުގައި ބުނީ، ކޮރޯނާވައިރަސްގެ އެއްވެސް ކޭސްއެއް މިވަގުތު ރާއްޖެއިން ފެނިފައި ނެތް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ ބަލި ހުރި މީހަކު ފެނިއްޖެނަމަ އެ މައުލޫމާތު ހާމަކުރާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ އެ ބަޔާނުގައި ދީފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި އެ ބަލި ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ވެސް އަމަލު ކުރާނެ އުސޫލުތައް އެކުލަވާލައި އެކަމަށް ތައްޔާރަށް އޮތް ކަމަށް ވެސް ހެލްތުން ބުންޏެވެ.

ޗައިނާގެ ވޫހާން ސިޓީގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ފެތުރެން ފެށި އެވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި މިހާތަނަށް 86،201 މީހަކަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރެއިން 2،942 މީހަކު ވަނީ މަރުވެފަ އެވެ.

އެ ބަލި ފެތުރެން ފެށި ޗައިނާގައި ބަލި ޖެހޭ މީހުންގެ ރޭޓް ދަށްވަމުން އަންނަ އިރު، ސައުތު ކޮރެއާ، އިޓަލީ އަދި އީރާނުގައި އަންނަނީ ވަރަށް ބާރު ދުވެލީގައި އެ ވައިރަސް ފެތުރެމުންނެވެ.

އެކަމާ ގުޅިގެން، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ އެ ގައުމުތަކަށް ދިވެހިން ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށް ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ. އަދި ސައުތު ކޮރެއާގައި ބަލި ފެތުރޭ ދެ ސަރަހައްދުން އަދި އީރާނުން ރާއްޖެއަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން، ޕެސެންޖާލައިންތައް ވެސް ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފަ އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ޗައިނާއިން ސީދާ ރާއްޖެއަށް ފްލައިޓްތައް އައުން ވެސް މަނާކޮށްފަ އެވެ.