29 Feb 2020, 22:26
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް މިހާރުވެސް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މިރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، 12 ރަށަކުން 15 ގޮނޑިއަށް ބޭފުޅުން ކުރިމަތިލީ ގާނޫނުގައި އިންތިހާބު ކުރަން ބުނެފައިވާ އަދަދަށް ކަމަށެވެ. އަދި އެންމެ ފަރާތަކުން ކުރިމަތިލާފައި ވާތީ، އިންތިހާބު ބާއްވަން ނުޖެހެނީ، ކޮން ދާއިރާތަކެއްގައި ކަމެއް ޝަރީފް ހާމައެއް ނުކުރައްވަ އެވެ.
"ބާރަ ރަށެއްގައި 15 ގޮނޑިއަކަށް އިންތިހާބު ކުރަން ޖެހޭ ގާނޫނީ އަދަދަށް ކުރިމަތިލާފައި ވަނީ. މިވަގުތަށް ބަލާ ނަމަ، އެ ފަރާތްތައް އެވަނީ ހޮވިފައި،" ޝަރީފު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ، މިހާތަނަށް ގޮނޑި ކަށަވަރުވެފައި ވަނީ، އެމްޑީޕީއަށް 13 އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި ކަމަށެެވެ. އިންތިހާބެއް ބާއްވަން ނުޖެހޭ މި ދާއިރާތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ ގޮނޑިތައް ހިމެނޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެއީ އެދެ ސިޓީގެ ކޮން ދާއިރާތަކެއް ކަމެއް އީސީއިން މިރޭ ހާމައެއް ނުކުރެ އެވެ.
ޕްރެސްކޮންފަރެންސްގައި ޝަރީފު އިތުރަށް ވިދާޅުވީ، އެ ދާއިރާތައް ހާމަ ކުރައްވާނީ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރުމަށް ގުރުލާ ދުވަހު ކަމަށެވެ. ގުރު ނެގުން އޮތީ އަންނަ ހަފްތާ ބުދަ ދުވަހު އެވެ.
ޝަރީފު ވިދާޅުވީ އެ މުއްދަތާ ހަމަޔަށް، ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހު ހަތަރު ވަނަ ދުވަހު އެވެ.