އެއްގައުމު އަނެއް ގައުމާ އަޅާ ނުކިޔާވެސް ތައުރީފްކުރެވިދާނެކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީޖޮންގް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފި އެވެ.

އިންޑިއާގެ ގުޖުރާތުގައި މިހާރު ކުރިއަށްދާ އިންޑިއާ ކޮންކްލޭސް ސަމިޓްގައި ރައީސް ނަޝީދު އިއްޔެ ދެއްވި ތަގުރީރުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ބާރުތަކެއް ވެގެންް ދިޔަ ގޮތާއި އެ ބާރުތަކުގެ ސަބަބުން ދުނިޔެއަށް ކުރި އަސަރުތަކަށް ވަނީ އަލިއަޅުވާލައްވައިފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެތަކެއް ބާރުތަކެއް އުފެދި އަދި އެބާރުތައް ނެތިގެން ދިޔަތަން ތާރީހުން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އިންޑިއާއަކީ ބޮޑު ބާރު ނުވަތަ "ސުޕަޕަވާ" އަކަށް ވާތަން ގައިމު ވެސް ފެންނަމުންދާ ކަމަށެވެ.

ބޮޑުބާރަކަށް ވަމުންދާ އިރު އިންޑިއާއިން އެ ގައުމުގެ އަވަށްޓެރިންނަށް ބިރަކަށް ވާތަން ނުފެންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަމަވެސް ޗައިނާއިން ދުނިޔޭގެ ބޮޑުބާރަކަށް ވަމުން އަންނައިރު އެގައުމުން ފެންނަމުންދަނީ އަވަށްޓެރިންނަށް ބިރަަކަށް ވާތަންކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޗައިނާއިން ރާއްޖޭގެ ޕާލިމަންޓް ގަނެލި. މާލިއްޔަތު ގާނޫނު ބަދަލުކުރުވި. ގާނޫނު ބަދަލުކުރި. ގަވައިދާ ހިލާފަށް ކޮންޓްރެޓްތައް ހެދި. ޗައިނާއިން ރާއްޖެއައިސް ހުރިހާ ކަމެއް ކޮށްފައި މިފޮނުވީ މަތީ އަގުތަކެއް ޖަހާފައިވާ ބިލް. ދެން މިހާރު އެ ބިލްތައް ރާއްޖެއަށް ދެއްކޭކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވައި، އަދި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ޓެގްކުރައްވައި ސަފީރު ވިދާޅުވީ ޗައިނާއިން އަވަށްޓެރި ގައުމުތަކާ ގުޅުން ބާއްވަނީ ވަކި އުސޫލަކުން ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެއްގައުމު އަނެއް ގައުމަކާ އަޅާނުކިޔާވެސް އަވަށްޓެރިންނަށް ތައުރީފްކޮށް، 'ޑީސަންޓް' ކޮށް މަސްއޫލިއްޔަތު އަދާކުރެވިދާނެ. އަޅުގަނޑުމެން(ޗައިނާއިން) އިންޑިއާ ކަނޑުގައި އޮންނަ ގައުމުތަކާ ގުޅުން ބަދަހިކުރަނީ އެއް ގައުމު އަނެއްގައުމާއެކު ގުޅިގެން ސުލްހަވެރިކަމާއެކު އުޅެވޭނެގޮތަށް ފަސް އަސާސެއްގެ މައްޗަށް. އަދި ކުރިއަށް އޮތް ތަނުގައިވެސް އެގައުމުތަކުގެ ތަރައްގީއަށް އެހީތެރިވެދޭނަން." ސަފީރުގެ ޓުވީޓުގައިވެ އެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ޗައިނާއާ ގުޅޭގޮތުން ދައްކަވާ އެކި ވާހަކަތަކާ ގުޅިގެން ހޫނު ރައްދެއް ސަފީރު ދެއްވަ އެވެ.