01 Mar 2020, 08:57
"އިޔާންގެ ކަންތަކޭ" އައިރީން ބުނެލިއެވެ. އަދި ރަކި ގޮތަކަށް ހީލިއެވެ. އޭނާއަށް އެންމެ މީރު ފަތް މަސްހުނި ތައްޓަށް އަޅާ ރޮށިކޮޅުގައި ލާފައި އަނގަޔަށް ލީތަނާ އައިރީންއަށް އޯކާ ދެމެވުނެވެ. އެހެންޏާ މީރަސް މިއަދު އެ އޭނާއަށް ވަރަށް ނުބައި ވެއްޖެއެވެ.
ގޮނޑިން ތެދުވެގެން އައިރީން ދިޔައި ޒިންކާ ދިމާލަށެވެ. ޒިންކު ދޮށަށް ދެވުނީ ކިރިއާއެވެ. އޭނާއަށް ހޮޑުލެވިއްޖެއެވެ. އޭރު އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އައި އިޔާންވެސް އަރާ ހަމަވަނީއެވެ.
"ރީން..." އައިރީންގެ ކޮނޑުގައި ހިފައްޓާލަމުން އޭނާ ކަންބޮޑުވެފައިވާ އަޑަކުން ގޮވާލިއެވެ.
"އައެމް އޯކޭ....." އައިރީން ތުންދޮވެލާފައި ދުރަށް ޖެހިލިއެވެ. އިޔާން ފެންތައްޓެއް ގެނެސްދިނުމުން އެއިން ފެން ފޮދެއް ބޯލާފައި އައިރީން ފުން ކޮށް ނޭވާއެއްލިއެވެ.
"ރީން... ޔަޤީންތަ ރަނގަޅުކަން" އިޔާން އަހާލިއެވެ.
"އާނ... އެވަރު ކަމެއް ނޫނޭ" އައިރީން ހިނިތުންވެލިއެވެ. ދެމީހުން އެކުގައި ގޮސް މޭޒު ދޮށުގައި އިށީންއިރު އެންމެންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައި ވެއެވެ. ތަރުކާރީ ސެލެޑް ތަށިން އެތިކޮޅެއް އައިރީންގެ ތައްޓަށް އެޅުމަށްފަހު އިޔާން އެ ކެއުމަށް އެދުނެވެ. އިޔާން މިއުޅޭ ގޮތަކުން އެންމެން ތިބީ ހައިރާންވެފައެވެ. ޒަލަފް ވެސް މެއެވެ. އެވަގުތު ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަށް ނުވެސް އައީއެވެ.
"އައިރީން... އަދިވެސް ހުންގަނޑު އެކީ ނުފިލަނީތަ؟" ފަލަކް އަހާލިއެވެ. އައިރީން ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ.
"އިތުރަށް ހޮޑު ލެވެންޏާ ވާނެ އަދި އެއްފަހަރު ޑޮކްޓަރަށް ދައްކާލަން ދާން" ފަލަކް ބުނެލިއެވެ.
"ތެދެއް... ވަރަށް ރޯގާ އެބައުޅޭ" އާމިރުވެސް އެއްބަސްވިއެވެ.
"އިޔާން އައިރީންއަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭނާ ބުމައަރުވާލުމާއެކު އައިރީން ދެފަރާތަށް ބޯ ހޫރާލިއެވެ. އިޔާންއެ އުޅެނީ އެވާހަކަ ބުނާށެވެ. އެހެންނަމަވެސް އައިރީން އިނީ ލަދުންނެވެ.
"ދެމީހުން ލޮލުންނާ ބޮލުންނާ އަތުގެ އިނގިލިތަކުން ކޮން ވާހަކަ އެއް ތި ދައްކަނީ؟" ކުއްލިއަކަށް ޒަލަފް އެހެން ބުނެލުމާއެކު އެންމެން އެކީ އަނެއްކާވެސް އެދެމީހުންނަށް ބަލާލައިފިއެވެ.
"ކޮންމެވެސް ކަމެއް އެބަ ހިނގާ... ބުނޭ!" ޒަލަފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"މަންމާ... ބައްޕާ... މާމާ ކާފާ..." އިޔާން ފަހަރަކު މީހެއްގެ މޫނަށް ވަކި ވަކިން ބަލާލިއެވެ. އެއަށްފަހު އޭނާ އައިރީންއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. އައިރީންގެ އަތުގައި ހިފައްޓާލިތަން ފެނި ޒަލަފް އަނެއްކާވެސް ލާނެއް އެއްޗެއް ބުނެލިއެވެ. އައިރީން ޒަލަފްއާ ދިމާ ބަލާލާ ލޯ އަޅާލުމާއެކު ޒަލަފް އެއްލޯ މަރާލަމުން ދޫ ނެރެލިއެވެ.
"ރީން ބަނޑު ބޮނޑު" އިޔާން އައިރީންގެ އަތަށް ބާރުކޮށްލަމުން ބުނެލިއެވެ. އެއާއެކު ޒަލަފް އަނގައިގައި ޖަހައިގެން އިން ސަމުސާ އާ އެކު މީހާ ގަނޑުވިއެވެ. އެ ގުޅުން އެހާ ހިސާބަށް ވެސް ދިޔައީ ހެއްޔެވެ؟
"ރީން" ފަލަކްއަށް ގޮވާލެވުނެވެ. އޭނާ އަށް ފުރަތަމަ މާމަ ދަރިފުޅު ލިބެން އުޅެނީހެއްޔެވެ. އައިރީންއަށް ބަލާލެވުނީ އަދިވެސް އިތުރަށް ޔަޤީންކޮށްދޭށޭ ބުނާ ފަދައަކުންނެވެ. އެއާއެކު އައިރީން މަޑުމަޑުން ބޯ ޖަހާލާފައި އިސްޖަހާލިއެވެ.
"ޒެލް... ތި ސަމުސާ އަނގައިން ނަގާބަލަ" އަޝްރާ ބުނެލިއެވެ. އެއާއެކު އެންމެންގެ އަމާޒު ފަތްގަނޑަކަށް ޒަލަފް ވެގެން ހިނގައްޖެއެވެ. އޭނާ އަށް އިނދެވުނު ގޮތްވެސް ހަނދާންވީ ދެނެވެ. އަވަސް އަވަހަށް ސަމުސާ އަނގައިން ނައްޓާލިއެވެ. އެއާއެކު އެންމެންހީގަތެވެ.
*****
ރަޔާ ކޮޓަރިން ނުކުތުމާއެކު އެގޭގެ ފުރިހަމަ ކަން ފުރަތަމަ ފަހަރަށް އަންދާޒާ ކޮށްލެވުނެވެ. އޭނާ މަޑުމަޑުން ފިޔަވަޅުތައް ކުރިއަށް އަޅަން ފެށިއެވެ. ހުރި ގޮތަށް ގޮސް ނުކުމެ ވުނު އިރު އެންމެން ވާހަކަ ދައްކާ އަޑު އިވެއެވެ. އޭނާ އެ އަޑު އަންނަ ދިމާލަށް ދިޔައެވެ. ޖަހާފައިވާ ބިއްލޫރިތަކުގެ ފުރަގަހުން އޭނާ އަށް ކާމޭޒު ރީތިކޮށް ފެންނަމުން ދިޔައެވެ. އެކަކު އަނެކަކާ ހީހީފައި ސަކަރާތް ޖަހާ މަންޒަރުވެސް މެއެވެ. އޭނާ އެ މަންޒަރަށް ގެލިފައި އިރުކޮޅަކު މަޑުކޮށްލިއެވެ. ގޭން ނުކުންނަ ދިމާ ފެނުމާއެކު އޭނާ އެ ދިމާލަށް ދެ ފިޔަވަޅު އަޅާލާފައިވެސް މަޑުކޮށްލިއެވެ. ދަމުން ބުނެލަން ވާނެނޫންހެއްޔެވެ؟ އެމީހުން އެހާ ރަނގަޅެވެ. ރަޔާ ތުންފަތުގައި ދަތް އަޅާލިއެވެ. ހަދަންވީ ގޮތް ނޭނގިފައެވެ. އަނެއްކާވެސް ބިއްލޫރިގަނޑާ ކައިރިއަށް ފިޔަވަޅު އަޅާލިއެވެ. އެތަނުގައި މަޑުކޮށްލައިގެން ހުންނަތާ މިނިޓެއް ހާއިރު ފަހުން ފުރަތަމަ ރަޔާ އަޅައިގަތީ ޒަލަފް ގެ ލޮލުގައެވެ.
"ރަޔާ" އެންމެންގެ ތެރޭގައި އޭނާއަށް ބުނެވުނެވެ. އެއާއެކު އެންމެނަށް ލިބުނީ ސިހުމެކެވެ.
"ޒެލް... ޒެލްއަށް ކިހިނެތް ނަން އެނގުނީ" އަޝްރާ ސުވާލުކޮށްލިއެވެ. އެއާއެކު ޒަލަފްއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އަމިއްލަ ނަފްސަށް އަޑުލެވުނެވެ. އޭނާ ބުނާނެ އެއްޗަކާ މެދު ވިސްނާލިއެވެ. އިޔާންއަށް ބަލާލިއިރު އިޔާން އިނީ ނުލަފާ ވައްތަރަކަށް ހީގަނެގެންނެވެ. ކޮންމެވެސް ނުބައެއް އުޅޭކަން އިޔާން އަށް ދެނެގަނެވުނީއެވެ. ބުމައިގެ އިޝާރާތުން ކޮންމެވެސް އެއްޗެއް ބުނާށޭ ޒަލަފް ބުނެލިއެވެ.
"ކީކޭ ބުނަންވީ... ކީއްވެ ތި ބަލަނީ؟ ޒެލްއަކަށްނު އެ ކުއްޖާގެ ނަން އެނގުނު ގޮތެއް އެނގޭނީ" އިޔާން އެއްބުމަ ހިއްލާލިއެވެ. އެއާއެކު ޒަލަފްއަނެއްކާ ލަދުގަތީއެވެ. އޭނާ ދެލޯ އަޅާލިއެވެ. މާމައާއި ކާފަގެ އިތުރުން އެންމެންގެ ނަޒަރުވެސް ހުރީ އޭނާއަށް ހުއްޓި ފައެވެ.
"އެއީ... ދޮންބެ... އަނެއް.... މަންމާ... ހޮސްޕިޓަލް ގަ އުޅުނު އިރު އެތަނުން ދިމާވި ނާސް އެއްވީމަ ނަން އެނގުނީ..." އެންމެ ފަހުން ޒަލަފް ކޮންމެވެސް އެއްޗެއް ބުނެލައިފިއެވެ. އެއާއެކު އަޝްރާ އެހެންހޭ އަހާލިއެވެ. ފަލަކް ތެދުވެގެން ހިނގައިގަތުމުން ފަލަކްގެ ފަހަތުން ކަހަލަ ގޮތަކަށް އަޝްރާވެސް ތެދުވިއެވެ. ދެމީހުން ހިނގައިތުމާއެކު މޭޒު ދޮށުން އެންމެންވެސް ތެދުވެއްޖެއެވެ. ރަޔާގާތަށް ހުއްޓިލާފައި ގެންދިޔަ އެއްޗެހި ހުސްކުރިންތޯ ފަލަކް އަހާލިއެވެ. އެއާއެކު ރަޔާ ބޯ ޖަހާލިއެވެ. މަންމައާއި ބައްޕަ ނިޔާވިފަހުން އޭނާއަށް ނުލިބޭ އަޅާލުން ބޭރު ބައެއްގެ ފަރާތުން އޭނާ އަށް ލިބެމުން ދިޔައީތީ ދެލޯ ފެން ކަޅިވީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އެހެންނަމަވެސް އެ އެންމެންގެ ކުރިމަތީގައި އޭނާ އެ އިޙްސާސްތައް ކޮންޓްރޯލް ކުރިއެވެ. އެންމެނަށް ޝުކުރު އަދާކޮށްފައި ރަޔާ ފަހު ފަހަރަށް ޒަލަފްއަށް ވެސް ބަލާލިއެވެ. ޒަލަފް ވެސް ރަޔާއަށް ބަލާލަމުން ގަދަކަމުން ހިނިތުންވެލި އެވެ. ހަޤީގަތުގައި އޭނާ ހުރީ ރަޔާ އެގޮތަށް ވާރޭ ތެރޭގައި ހުންނަން ޖެހުނު ސަބަބެއް އެނގެން ކެންމަދުވެފައެވެ. ރަޔާހިނގައިގަތުމުން ރަޔާ ގެއަށް ލައިދޭން ދާނަމޭ ޒަލަފް ބުނެލިއެވެ. އެގޮތަކީ އޭނާ އަށް ރަޔާއަށް ވާހަކަ ދައްކާލެވޭނޭ ފުރުސަތު ލިބޭނޭ ހަމަ އެކަނިގޮތެވެ.
"ޑްރައިވަރު ކައިރި ބުނެލަންވީ ދޯ" އާމިރު ބުނެލިއެވެ.
"އޯކޭ ވާނެ... ޒެލް ދޭ ލާން... އަނެއްކޮޅުން ޒެލްއަށް އެނގޭ ކުއްޖެއްނު" އަޝްރާ އެކަން މަނާކުރިއެވެ. އޭނާ ޒަލަފްއަށް ބަލާލާ ހިނިތުންވެލިއެވެ. އެއާއެކު ޒަލަފް ހިނގައިގަތެވެ. ރަޔާއަނެއްކާވެސް ޝުކުރު އަދާކުރިއެވެ. އޭނާ ވެސް އެކަން މަނާ ނުކުރީ ޒަލަފްގެ ކިބައިން މާފަށް އެދެން ބޭނުންވެފައި ހުރީތީއެވެ. ވާހަކަދައްކައިލަން ވެސް ބޭނުންވީތީއެވެ.
ރަޔާއަށް ހިނގައިގަނެވުނީ ވަކި ހިސާބަކަށެވެ. ބޮލަށް އެނބުރުން އަރާ ގޮތްވެ ކުޑަކޮށް މަޑުޖެހިލެވުނެވެ. ލޯމައްޗަށް ފިސްވިއެވެ.
"ރަޔާ... އޯކޭތަ؟" ޒަލަފް ގެއަޑަށް ރަޔާ ބޯ ޖަހާލިއެވެ. އޭނާ ހިތްވަރުކުރިއެވެ. އެހެންނަމަވެސް ކުރިއަށް އެޅުނީ ދެ ފިޔަވަޅެވެ. އޭނާގެ މޫނުމައްޗަށް އަނދިރިވެ ދެން ވީ ގޮތެއް ނޭނގުނެވެ. ޒަލަފް ސިހުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. އޭނާ އައީ ރަޔާގެ ކުރީގައި ހުރެގެންނެވެ. އެ އަޑަށް އެންމެންވެސް އެ ދިމާ ބަލާލިއެވެ. ޒަލަފްއަށް ވެސް ދުއްވައިގަނެވުނެވެ. އޭރު އެންމެންވެސް އައިސް ރަޔާ ވަށާލައިފިއެވެ.
"ޑޮކްޓަރަށް ގުޅަންވީނު" އަޝްރާ ބުނެލިއެވެ. އެއާއެލު އާމިރު އަވަސްވެގަތީ ޑޮކްޓަރަށް ގުޅާށެވެ. ރަޔާ ގެންގޮސް ކޮޓަރީގައި ބޭއްވުމަށްފަހު އެންމެން ޒަލަފް މެން ނުކުތް އިރު ޒަލަފްގެ ފަހަތުން އަޝްރާވެސް ނުކުތެވެ. އޭނާ ޒަލަފްއަށް ގޮވާލާފައި ދުރަށް ޖެހިލިއެވެ.
"ރަޔާ އަކީ ހަމައެކަނި އެއްފަހަރު ފެނުނު ކުއްޖެއްތަ؟ ނޫނީ ޒެލް..." އަޝްރާ އަހާލިއެވެ. ޒަލަފް އަޝްރާއަށް ބަލާލާފައި ބުމަ އަރުވާލިއެވެ.
"އެކަމަކު... މަންމައަށް" ޒަލަފް މަޑުޖެހިލިއެވެ.
"މީ ޒެލްގެ މަންމައޭ... ޒެލްގެ މޫނުމަތިން ވަރަށް ބައިވަރު އެއްޗެހި އެނގޭނެ... ކިތަންމެ ފޮރުވަން އުޅުނަސް" އަޝްރާ ބުނެލިއެވެ. އަދި ހިނިތުންވެލިއެވެ. ޒަލަފް މެސް މެއެވެ. އެވަގުތު ޑޮކްޓަރު ވަދެގެން އައި ތަން ފެނުނެވެ. އަޝްރާ ޑޮކްޓަރަށް ކޮޓަރި ދައްކަން ހިނގައިގަތް އިރު ޑޮކްޓަރު ޒަލަފްއަށް ބަލާލާ ހިނިތުންވެލިއެވެ. ޒަލަފްވެސް މެއެވެ. އެންމެ ގިނައިން މިގެއަށް ޑޮކްޓަރަކު ގެންނަން ޖެހޭނީ ޒަލަފް ބަލިވެގެންނެވެ. ޑޮކްޓަރު ވެސް ހީކުރީ މިފަހަރުވެސް ޒަލަފް ކަމަށެވެ. އެހެންކަމުން އޭނާ ކުޑަކޮށް ހައިރާންވީއެވެ.
"މިފަހަރު ނޮޓް މީ އިނގޭ... " ޒަލަފް ޑޮކްޓަރަށް އަޑު އިވޭވަރަށް ބުނެލިއެވެ. އަދި ހީގަތެވެ. އަޝްރާ ކޮޓަރި ދައްކާލާފައި އަނެއްކާވެސް ދިޔައީ ޒަލަފް ގާތަށެވެ.
*****
ޑޮކްޓަރު ބުނީ މާ ބޮޑުކަމެއް ނޫން ކަމުގައެވެ. މާ ބޮޑަށް ހަށިގަނޑު ވީކް ވުމާއެކު ވީކަމެއް ކަމުގައެވެ. ޑޮކްޓަރު ދަމުން ދިޔައީ ދެބޭހެއް ލިޔެލަދީފައެވެ. އަޝްރާ އެތެރެއަށް ވަތް އިރު ފަލަކް ނުކުންނަނީއެވެ. އަޝްރާ ބުނީ އޭނަ އެތެރޭގައި މަޑުކުރާނޭ ކަމުގައެވެ.
"ބޮޑުދައިތާ... އަހަރެން ގޭން ނުނެރޭ" ނިދީގައި އޮވެގެން ރަޔާ ބުނެލި އަޑު އަޝްރާއަށް އިވުނެވެ. އެއާއެކު އޭނާއަށް ވީ ގޮތް އެނގުނެވެ. މަޑުކުރީ ރަޔާ ހޭލަންދެނެވެ. *****
"އޭތް ބްރޯ... ކޮންކަމެއް އެއީ" އިޔާން ކުއްލިއަކަށް އައިސް ޒަލަފްގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.
"އޭތް ބްރޯ... ކޮން ކަމެއް އެއީ؟" އިޔާން ބުނި ބަސް ތަކުރާރު ކޮށްލަމުން ޒަލަފް އައިރީންއަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު އިޔާން ހިފީ ޒަލަފްގެ ކަންފަތުގައެވެ.
"ދެން ފާޑު ފާޑު އެއްޗެހި ކިޔައިފިއްޔާ ނިމުނީ" އިޔާން ބުންޏެވެ. ޒަލަފް ކީއްހޭ ކުރެވޭނީ ކިޔާފައި ހީގަތީއެވެ. އެރޭ ޒަލަފްގާތު އަޝްރާ އެ ގުޅުމާ ބެހޭގޮތުން އިތުރަށް ސުވާލުކުރިއެވެ. ޒަލަފް ހުރިހާ ވާހަކަ އެއް ކިޔައިދިނެވެ. އޭނާ އަށް ރަޔާ ކަމުދާކަމުގައެވެ.
"މަންމައަށް ހީވަނީ ރަޔާ ގޭން ނެރިލައިގެން ހެން އުޅެނީ" އަޝްރާ ބުނެލިއެވެ. އެއާއެކު ޒަލަފްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ރޭގަނޑުގެ ކެއުމަށްފަހު އިރުކޮޅަކު ވާހަކަ ދައްކައިލަން ތިބެފައި އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައެވެ. ރަޔާ ގާތު އެގޭގައި މަޑުކޮށްލަން އަޝްރާ އެދުނެވެ. ވީ ގޮތް ކިޔައިދިނުމުން ފަލަކް ވެސް ދެކޮޅެއް ނުހަދައެވެ. ނިކަމެތިންނަށް އެހީވުމަކީ އުފަލެއް ކަމުގައި އެމީހުން ދެކެއެވެ. ރަޔާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިހެން ހީނުވެ ކޮންމެވެސް މީހަކު އައިސް ދޮރު ހުޅުވާލާ ހަލުވިކޮށް އެތެރެއަށް ދެމިގަތެވެ. އެއީ ޒަލަފްއެވެ.
"ޒަލަފް" ރަޔާއަށް ގޮވާލެވުނެވެ. ޒަލަފް ކޮޓަރި ތަޅުލުމަށްފަހު ރަޔާ އާ ކުރިމަތި ލިއެވެ.
"ރަޔާ... ކިހިނެތްވީ؟" ޒަލަފް ސުވާލުކޮށްލިއެވެ.
"ނުވޭ އެއްވެސް ކަމެއް... ޒަލަފް ދޭ! ގޭ މީހުންނަށް ފެނިއްޖެއްޔާ ކީކޭ ހިތަށް އަރާނީ" ރަޔާ ބުނެލިއެވެ.
"ތެދެއްތަ؟ ގޭން ނެރެލީތަ؟" ޒަލަފް ފަރުވާތެރިކަމާއެކު ރަޔާއަށް ބަލާލިއެވެ. ރަޔާ އެ ސުވާލަށް ޖަވާބު ނުދޭން ވެގެން ހިމޭންކަން ހިޔާރުކުރިއެވެ.
"ތި ހިމޭންކަމުގެ މާނަ އަހަރެން ނަގަންވީ ކިހިނެތްތަ؟ އާއެކޭތަ؟ ނޫނީ ނޫނެކޭތަ؟" ޒަލަފްބުނެލިއެވެ. އޭރު ރަޔާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ.
"ސޮރީ ރަޔާ" ޒަލަފްއަށް ބުނެވުނެވެ. އެހިތުގައި ރަޔާ އާ މެދު ވަނީ ލޯތްބެވެ. އޭނާގެ ހަޔާތަށް ރަޔާ ގެންނަން އެހާ ބޭނުންވި ވަގުތެއް މި ނޫނީ ނާދެއެވެ.
"ރަޔާ... އަހަންނަށް ކިޔައިދީބަލަ!" ޒަލަފް އެދުނެވެ. އޭނާ ރަޔާއާއި ދާދި ގާތަށް އައިސް މަޑުކޮށްލިއެވެ. އެހެންނަމަވެސް ރަޔާގެ ނުރުހުމުގައި ރަޔާގެ ކަރުނަތައް ފުހެދޭންވެސް ޒަލަފް ޖެހިލުންވިއެވެ.
"މާމަ މަރުވެއްޖެ...." ރަޔާ ބުނެލިއެވެ.
"މާމަ؟" ޒަލަފް ހަނދާންވީ ރަސްފަންނުން ރަޔާ އާ ދިމާވި ދުވަސް ފަހުންނެވެ. ރަޔާ ބޯ ޖަހާލިއެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތު ކިޔައިދިއެވެ.
"އަހަރެންގެ ހުރިހާވެސް މީހަކީ މާމަ... މަންމަ ނިޔާވުމަށްފަހު އަހަރެން ގެންގުޅުނީ ބޮޑުދައިތަ... އޭރުއްސުރެ އަހަރެންނަކީ އެމީހުން އަޅެއްގެ ގޮތަށް ގެންގުޅެމުން ދިޔަ މީހެއް... މާމަ ކޮންމެ ފަހަރަކު އަހަރެން ސަލާމަތް ކޮށްދެނީ... އެހެންނަމަވެސް މާމަ މުސްކުޅިވެ ގައިބާރު ދެރަވެ އެއްފަޅިން މާގި ނެތުނު ފަހުން އެ އަނިޔާތައް އިތުރުވީ... މަޑުމަޑުން މާމައަށް ވެސް އަނިޔާ ކުރަން ފެށީ... އަހަރެން... މާމަ...." ރަޔާއަށް ވާހަކަ އެއް ނުދެއްކުނެވެ. އޭނާހގެ ހަޔާތުގެ ހުރިހާ ސަފްހާއެއް ޒަލަފްއަށް ކިޔައިދޭނެހޭ ހިތްވަރެއް ނެތެވެ.
"ރަޔާ... މެރީ މީ" ރަޔާގެ ކަރުނަތައް ފޭދިގެން ދާތަށް ބަލަން ހުރެފައި ކުއްލިއަކަށް ޒަލަފް އަހާލުމާއެކު ރަޔާއަށް އިސް އުފުލާލެވުނެވެ. ޒަލަފް އަށް ބަލާލާފައި ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ.
"އަހަންނަށް ޒަލަފް އެކަށީގެންނުވޭ" ރަޔާ ބުނެލިއެވެ.
"ކޮން ކަމަކަށް ރަޔާ ބިރު ގަންނަނީ؟" އަހަރެންގެ އާއިލާ މީހުން ރަޔާ ގަބޫލުނުކޮށްފާނެތީތަ؟ ތީ ނިކަމެއްޗަކަށް ވީމަތަ؟ ނޫން... އަހަރެންގެ އާއިލާ ރަޔާ ގަބޫލުކުރާނެ... އެމީހުންގެ ގޮތް ރަޔާއަށްމި ދެ ދުވަސްތެރޭ ނޭނގޭތަ؟" ޒަލަފް ރަޔާ އާއި ގާތަސް ފިޔަވަޅު އަޅަމުން ވާހަކަ ދެއްކިއެވެ.
"ރަޔާ... ޕްލީޒް... އަހަރެން މި ބުނަނީ އަހަރެންގެ ހިތުގެ އިޙްސާސްތަކުގެ މައްޗަށް ޔަޤީންކަން އޮވެ" ޒަލަފް ބުނެލިއެވެ. ރަޔާއެދުނީ ޒަލަފްއެހަށް ދިޔުމަށެވެ. ޖެހިގެން އައި ދުވަހުވެސް އަޝްރާ އެދުނީ މަޑު ކުރުމަށެވެ. އެއްވެސް މީހަކު އެކަމަކާ ދެކޮޅެއް ނަހަދައެވެ. ޒަލަފް ގަޔާވާތީ އެވާހަކަ އަޝްރާ ފުރަތަމަ ޚިޔާރުކުރީ ފަލަކްއާއެވެ. ފަލަކްވެސް އެއްބަސްވިއެވެ.
"އެކަމަކު އަބަދު ކިހިނެތް މިގޭގަ ބަހައްޓާނީ... ޒެލްއަށް ކަމު ދިޔަޔަސް ކައިވެނި ކުރެވުނީމަ އެއްނު މިގޭގަ އުޅެން ފެށޭނީ... އެހެންނޫނީ މީހުން ކީކޭ ކިޔާނީ އަނެއްކޮޅުން ތި ބުނީ އެ ކުއްޖާ ގަޔާވާކަމެއް ވެސް ނޭނގޭ" ފަލަކް ބުނެލިއެވެ.
"އާނ... އެކަމަކު... ޒެލްގެ ދެލޮލުން އަހަރެން ދުވަހަކުވެސް އެ އަސަރުތަކެއް ނުދެކެން" އަޝްރާ ބުނެލިއެވެ. ފަލަކް ބުނީ އާމިރުއާ ވާހަކަދައްކާނެކަމުގައެވެ.
*****
ތިން ދުވަސްފަސް *****
އައިރީން އިޔާންގެ ފޯނަށް ގުޅަ ގުޅާ ވަރުބަލިވެއްޖެއެވެ. އުޑުމަތީގައި އެންމެ ތަރިއެއްވެސް ފެންނާކަށް ނެތެވެ. އޭރު ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެމުންދިޔައެވެ. ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އައިރީން ކަންބޮޑުވިއެވެ. ޒަލަފް ގާތު އިޔާން އޮފީހުގައި އުޅޭތޯ ބަލާލަން ދާން ވެސް ބުނަން އުޅުނެވެ. އެހެންނަމަވެސް އެ ގަޑީގައި ޒަލަފް ނިދާފައި އޮތީތީ އުނދަގޫ ކުރަން ނުކެރުނީއެވެ. އައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ހިނދެއް ހިނދަކުން ގަދަވަމުން ދިޔައިރު އޭނާ ވަމުން ދިޔަ ފިނިން ރައްކާތެރިވުމަށް ދެއަތުން މުޅި ހަށިގަނޑު ވަށައިލެވޭތޯ މަސައްކަތް ކުރިއެވެ. އުޑުމަތީގައި ސަކަރާތްޖަހަމުން ދިޔަ ވިލާތަކަށް ގެއްލިފައި އައިރީން ހުރީ އިޔާންގެ ހަނދާނުގައެވެ.
"ހޭ ބޭބީ" ކުއްލިއަކަށް ފަހަތުން އިވުނު އަޑާއެކު އައިރީން ފަހަތް ބަލާލިއެވެ. އެއާއެކު އޭނާއަށް ރެއިލިން ދޫކޮށްލެވުނެވެ. ކިރިރާ ބަނޑު ފޮރުވާވަރުގެ އަތްކެނޑި ޓޮޕް ކޮޅަކާއި ކަކުލާ ހިސާބަށް އަންނަ ހަރުވާޅުކޮޅެއްގައި ހުރި އަންހެން ކުއްޖާ ފެނި އޭނާއަށް އިޔާންއަށް ބަލާލެވުނެވެ. އެ ކުއްޖާ ހުރީ އިޔާންގެ އަތުގައި އޮޅުލައިގެންނެވެ. އިސްތަށިގަނޑު ފަނެވެ. މޫނުހީވަނީ ފުއްބަސްތާއެއް ތެރެއަށް ލާފައި ނަގާފައި ހުރިހެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތް ކުލައިގެ ސަބަބުން ތުންފަތް ހީވަނީ ރަތް ލޭކޮޅެއް ހެންނެވެ. އައިރީން އިޔާންއަށް ބަލާލުމާއެކު އިޔާން ދުރުބަލާލާ ނަޒަރު ވަކިކޮށްލިއެވެ. އައިރީންގެ ދެފައިން ވާގި ދޫވެ މީހާ އަރިއަޅާލިއެވެ. އެހެންނަމަވެސް އޭނާ ރެއިލިންގެ އެހީ ހޯދިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަށް އޮހެމުންދިޔައިރު އިޔާން އާ މެދު އެތައް ޝަކުވާއެއް ކުރެވެމުން ދިޔައެވެ. (ނުނިމޭ)