އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ ޕާޓީއަކީ ހުޅަނގުގެ ގައުުމުތަކުގައި އޮތް ކަހަލަ ފޭޝިސްޓް ބައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފޭޝިޒަމްއަކީ ޖަރުމަނުގައި ކުރިން ވެރިކަން ކުރި ނާޒީން ވިސްނުމަކަށް އިޝާރަތްކޮށް އާންމުކޮށް ކިޔާ އުސޫލެކެވެ. ފޭޝިސްޓް ދައުލަތް އާންމުކޮށް ފާހަގަކުރެވެނީ ގައުމުތަކުގައި ދިރިއުޅޭ ބައިމަދު މީހުންގެ ހައްގުތަކަށް އަރައިގަނެ ކަނާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ ވަތަނީ ތަނެއްގެގޮތުގަ އެވެ.

އިންޑިއާގެ ގުޖުރާތުގައި މިހާރު ކުރިއަށްދާ އިންޑިއާ ކޮންކްލޭސް ސަމިޓްގައި ނަޝީދު ވިދާޅުވީ އެގައުމުގެ ވެރިކަން ކުރާ ބީޖޭޕީއިން އަމިނިކުފާނާ ގަޔާވާ ކަމަށެވެ.

އެގޮތުން ބީޖޭޕީއަކީ "ކޮންޒަވޭޓިވް" އުސޫލުތަކުގައި ހިފަހައްޓާ ޕާޓީއަކަށް ވިޔަސް ކުރިން ހުޅަނގުގެ ކޮންޒަވޭޓިވް ގައުމުތަކުގައި އޮތް ކަހަލަ ވަތަނީ އަދި ފޭޝިޒަމްގެ އަސަރު އިންޑިއާ އިން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އާންމުކޮށް ކޮންޒެވޭޓިވް އުސޫލުގައި ގައުމުގެ ސަގާފާތާއި ކުރީގެ ވިސްނުމަށް ވަރަށް ބޮޑަށް އިސްކަންދެ އެވެ. އެގޮތުން ދީނާއި އެހެނިހެން މުހިންމު އުސޫލުތަކުގައި ވަރަށް ބޮޑަށް އިސްކަންދެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބީޖޭޕީއެކޭ އެއްފަދައިން ކޮންޒަވޭޓިވްގެ ރަނގަޅު ކަންތައްތަކަށް އެމަނިކުފާނު ވެސް ގަބޫލްކުރައްވާ ކަމަށެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއަކީ ފޭޝިޒަމްގެ އުސޫލުތައް ގަބޫލުކުރާ ޕާޓީއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު އެ ގައުމުގައި މުސްލިމުންނަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ދާދި ފަހުން އިންޑިއާގައި ފާސްކުރި ބިލްގެ ދަށުން ބައެއް މުސްލިމު ރައްޔިތު ކަމުގެ ހައްގުތައް ގެއްލޭއިރު އެގާނޫނާ ދެކޮޅަށް ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި މުސްލިމުންދާ ދެކޮޅަށް ފުލުހުންނާއި ހަރުކަށި ހިންދޫން ވެސް ދަނީ ހަމަލާތައްދެމުންނެވެ. ހަރުކަށި ހިންދޫން ދިން ހަމަލާތަކުގައި މުސްލިމުންގެ މިސްކިތްތަކުގައި ދަނީ ހުޅުޖަހައި މީހުން ވެސް މަރަމުންނެވެ.