10:00


ސަންއެފްއެމުން ހޮވާ، ރައްޔިތުންގެ މަޖިލީހުގެ އެންމެ މަގުބޫލް ޝަހުސިއްޔަތު ހޮވުމާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކަކާއެކު، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޝަހުސިއްޔަތު ހޮވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.


އާ ގަވައިދުގައިވާ ގޮތުން ސަންއެފްއެމް މަޖިލީހުގެ ޝަހުސިއްޔަތު ހޮވާނީ އެސްއެމްއެސް ފޮނުވައިގެން އެހުންތެރިން ދޭ ވޯޓުގެ 40 ޕަސެންޓް މާކްސް އާއި ފަނޑިޔާރުންގެ ޕެނަލުން ދޭ ވޯޓުގެ 60 ޕަސެންޓް މާކްސް އިންނެވެ. އަދި ފަނޑިޔާރުން މަރކްސް ދިނުމުގައި ބަލާނީ މަޖިލިސްގެ ހާޒިރީއަށާއި ޖަލްސާތަކުގައި ވާހަކަ ދެއްކުމާއި ޚިޔާލު ފާޅުކުރުމުގައި ބައިވެރިވުމާއި، މަޖިލީހުގައި ދައްކަވާ ވާހައިކައިގެ އަޚްލާގްގެ އިތުރުން މެމްބަރުކަން ކުރުމުގައި ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އަށް އަމަލުކުރައްވާ ގޮތެވެ.


ސަންއެފްއެމް މަޖިލީހުގެ ޝަހުސިއްޔަތަށް ނަން ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 28 ވާ ހޯމަ ދުވަހުގެ 12:00 އެވެ. އަދި ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ފަނޑިޔާރުންގެ ޕެނަލުން 10 ނަމެއް ހޮވާ އެނަންތަކުގެ ތެރެއިން ގަދަ ފަހެއް ހޮވުމަށް އާންމުންނަށް ފުރުސަތު ހުޅުވާލާނެ އެވެ. އަދި އެ ފަސް ނަމުގެ ތެރެއިން ނަމެއް ހޮވާނީ އާންމުންގެ އެސްއެމްސް ވޯޓްގެ 40 ޕަސެންޓާ ފަނޑިޔާރުންދޭ 60 ޕަސެންޓް މާކްސް އެއްކޮލައިގެން އެންމެ ގިނަ މާކްސް އެއް ލިބޭ ފަރާތަކަށެވެ.