29 Feb 2020, 18:03
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ޖެހުނު ވިއެޓްނާމް އެންމެން ރަނގަޅުވެއްޖެކަމަށް އެގަމުން ބުނެފި އެވެ.
ވިއެޓްނާމްއިން ބުނީ ބަލި ޖެހުނީ 16 މީހަކަށް ކަމަށާއި އެ އެންމެން ވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 72 އަހަރުގެ މީހެއްވެސް ހިމެނެ އެވެ.
ޑަބްލިއުއެޗްއޯއިން ކުރިން ބުނީ ކޮވިޑް ޖެހުމުން އުމުރުން ދުވަސްވީމީހުންނަށް ވަރަށް ބޮޑަށް އަސަރުކޮށް މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ވިއެޓްނާމްގެ ހެލްތު މިނިސްޓްރީން ބުނީ ކޮވިޑްއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ވަރަށް ކާމިޔާބު ކަމަށެވެ. އެހެންނަމަވެސް ކޮންމެ ވަގުތަކުވެސް އަނެއްކާވެސް ބަލި ފެތުރިދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ފާއިތުވި 15 ދުވަސް ތެރޭ ކޮވިޑް 19 ގެ އަސަރެއް އެއްވެސް މީހެއްގެ ގައިން ނުފެންނަކަމަށް ވިއެޓްނާމްއިން ބުންޏެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް 19 ވިއެޓްނާމްގައި ކޮންޓްރޯލް ކުރެވުނީ އެގައުމުން އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
އެ ބަލި މިހާތަނަށް 83،000 މީހުންނަށް ޖެހުނުއިރު 3000 އެއްހާ މީހުން ވަނީ މަރުވަފަ އެވެ.
ކޮވިޑް 19 އަށް އަަދި ސީދާ ބޭހެއް ނެތެވެ. އެ ބައްޔަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.