މި މަސްވެސް ނިމެނީ އެވެ. މިއަދަކީ މި ހިނގާ ފެބްރުއަރީ މަހުގެ އެންމެ ފަހު ދުވަސްކަން އެނގޭ ހެއްޔެވެ؟

އަހަރުގެ އެެހެން މަސްތަކާ ހިލާފަށް ފެބްރުއަރީ މަހަކީ ކުރު މަހެކެވެ. ބައެއް ފަހަރު މި މަހަށް އެއް ދުވަސް އިތުރުވެ އެވެ. ހަތަރު އަހަރުން އެއްއަހަރު މި މަހުގައި 29 ދުވަސް އިންނަ ނަމަވެސް އަނެއް ތިން އަހަރު އޮންނަނީ 28 ދުވަހެވެ. މިހަރަކީ 29 ދުވަސް ނުވަތަ "ލީޕް" އަހަރެކެވެ. އެހެންކަމުން މިއަދަކީ ގައިމު ވެސް ހާއްސަ ދުވަހެކެވެ.

މިއަދު އުފަންވާ ކުދިންނަށް ކިޔަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ދިވެހިން ސީދާ އެ ކުދިންނަށް ލަފްޒެއް ނެތް ނަމަވެސް އިނގިރޭސިން އެ ކުދިންނަށް ކިޔަނީ "ލީޕްލިންގްސް" އެވެ. އެ ކުދިންގެ އެންމެ ތަފާތުކަމަކީ އުފަންދުވަސް އަންނާނީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު އައުމެވެ.

"މިއަދަކީ އަހަރެންގެ އުފަންދުވަސް. މި ޓުވީޓު ފެނިއްޖެ ނަމަ އަހަންނަށް ވިޝްކޮށް ދުއާކޮށްދޭތީ" ޝޮނިބަރޭ ސުލައިމާން ކިޔާ މީހަކު ޓުވިޓާގައި ބުނެފައިވެ އެވެ.

ހަތަރު އަހަރުން އެއްފަހަރު އުފަންދުވަސް ފާހަގަކުރަން ޖެހުމަކީ ކުރަން ޖެހޭ ދިގު އިންތިޒާރަކަށް ނޫނީ ނުވާނެ އެވެ.

ހަތަރު އަހަރު އެއްފަަހަރު އުފަންދުވަސް ފާހަގަކުރަން ޖެހޭތީ އެކަމާ ބެހޭ ގޮތުން ނައިޖީރިއާގެ ލަވަކިޔުންތެރިވާ ކޮރީޑޯ ބެއްލޯ ބުނީ އޭގެ ސަބަބުން އޭނާއަށް ކަންކަމުގައި ކެތްތެރިކަން އިސްކުރަން ދަސްވި ކަމަށެވެ.

ފެބްރުއަރީގައި 29 ނޯންނަ އަހަރުތަކުގައި އުފަންދުވަސް ފާހަގަކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީވެސް އެކި މީހުން ހިޔާލު ތަފާތު ވާކަމެކެވެ. މާޗް އެކެއް އުފަންދުވަހުގެ ގޮތުގައި ބަލަންވީ ހެއްޔެވެ؟

މާޗް އެކެއްގައި އުފަން ނުވިޔަސް ބައެއް މީހުން އެދުވަސް އުފަންދުވަހުގެ ގޮތުގައި ބަލަ އެވެ.

އުފަންދުވަސް ހަތަރު އަހަރުން އެއް ފަހަރު އަންނާތީ ދެރަވެދާނެ އެވެ. ނަމަވެސް ބައެއް މީހުންނަށް ބައެއް ހާލަތްތަކުގައި އެއީ ލިބޭ ފަސޭހައެކެެވެ.

އުފަންދުވަސް އައިސްގެން ފޭސްބުކްގައި ނުވެސް ދަންނަ މީހުންނަށް ވިޝްވެސް ކުރަމެއް ނޫން ހެއްޔެވެ؟ ފޭސްބުކްގައި މީހުން ސްޓޯކްކުރާ މީހުންނަށް އުފަންދުވަހަކީ މީހަކާ ވާހަކަދައްކަން ލިބޭ ރަނުގެ ފުރުސަތެކެވެ. ރަށްޓެހިވާންވެގެން އަންހެން ކުދިންގެ ކައިރީގައި މުގޯލި އަޅާ މީހުންވެސް އެންމެ ފުރަތަމަ އަހާލާނީ މިއެވެ. ބާތުޑޭ އަންނަނީ ކޮން އިރަކުން ހެއްޔެވެ؟


"އަހަރެންގެ ފޭކް އައިޑީއެއް ގެންގުޅޭނަމަ ގައިމު ވެސް ބާތުޑޭއަަކަށް ޖަހާނީ ފެބްރުއަރީ 29. އަހަންނަށް އުނދަގޫކުރާ މީހާއަށް އޭރުން ޖެހޭނީ ހަތަރު އަހަރު ކެތްކޮށްލަ ކޮށްލާ ހުންނަން،" ޓުވިޓާގައި މީހަކު ބުންޏެވެ.

ރާއްޖެއަކީ ގައިމު ވެސް ގިނަ މީހުން އުފަންދުވަސް ފާހަގަ ކުރާ ގައުމެކެވެ. މިއަދު އުފަންވި ކުދިން އުފަންދުވަސް ފާހަގަކުރަނީ ކިހިނެއް ހެއްޔެވެ؟