ގާނޫނު އަސާސީ އަށް ޒުވާނުން އަހުލުވެރިކުރުވުމުގެ ގޮތުން ޖުމްހޫރީ ޕާޓީން "ޖުމްހޫރީ އިމްތިހާން"ގެ ނަމުގައި ކުއިޒެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޖުމްހޫރީ ޕާޓީން ބުނީ އަންނަ ޖެނުއަރީ މަހުގެ 14ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖުމްހޫރީ ކުއިޒް"އަކީ ގާނޫނު އަސާސީގެ މައްޗަށް ބިނާކޮށްގެން، ދިވެހިންނަށް ހާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ލިޔުމުގެ އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުގައި ހިމެނޭ ހުރިހާ ސުވާލެއް ވެސް ބިނާކޮށްފައި ވާނީ ގާނޫނު އަސާސީގެ ތަފާތު ބާބުތަކުގެ މައްޗަށް ކަމަށެވެ.

އުމުރުން 16 އަހަރުން ފެށިގެން 30 އަހަރާއި ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭ މި އިމްތިހާނުން އެންމެ މަތީ މާކްސް ހޯދާ މީހަކަށް 15،000ރ. ދެ ވަނަ ހޯދާ ފަރާތަކަށް 10،000ރ. އަދި ތިން ވަނަ ހޯދާ ފަރާތަކަށް 5،000ރ.ގެ އިނާމެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ފުއާދު ގާސިމް މިއަދު ވިދާޅުވީ މިކުއިޒް ބޭއްވުމަށް ހަމަޖެހިފައި ވަނީ ވިލާކޮލެޖްގެ އޮޑިޓޯރިއަމްގައި ކަމަށާއި މިކުއިޒްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ޕާޓީގެ އޮފީހުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށްޓަކައި ގާނޫނު އަސާސީގައި ބުނާ ކަންކަން އޮޅުން ފިލުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް އަދި ޒިންމާއެއް ކަމުގައިވާއިރު "ޖުމްހޫރީ ކުއިޒް" އަކީ އެ ޕާޓީން އެ މަގުސަދުގައި ހިންގަން ރާވާފައިވާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށެވެ.