ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްތަކާ ގުޅޭ ގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިފަހަކަށްއައިސް، މުޖުތަމައުގެ އެއްބައެއް އަނެއްބަޔަކާ މެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެެވެ.

އެގޮތުން އެކަން ހާސިލް ކުރުމަށް ޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދައްކާކަމަށް އެމްޑީޕީން ބުންޏެވެ.

"އެއް މައުޟޫޢަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާ މެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެވެ. އަދި، އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ދިޔުމެވެ. އޭގެ އެއް މިސާލަކީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައިވާ ކަމަށެވެ. އަދި ބުނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖުތަމައުއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށެވެ.

"ސަރުކާރުން އެ މަސައްކަތް ކުރަމުންދާއިރު، އެމަސައްކަތަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، އެމަސައްކަތް ފެއިލް ކޮށްލުމަށް ޓަކައި އެއްވެސް އަސްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގުވާހަކަތައް ފަތުރައި މުޖްތަމަޢުއު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ އެފަދަ ވާހަކަތައް ދައްކަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާ އެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. އަދި އޭގެ ބޭނުމަކީ ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުންކަމަށް ބުނެފައިވެ އެވެ.

"ވީމާ، ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސް ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯކްޝޮޕްތައް ކުރިއަށްގެންގޮސްފައި ވަނީ ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިޜޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަަމަށްވާ ކުއިލިއަމް ފައުންޑޭޝަންގެ ފަރާތުންނެވެ.

އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އެ ޖަމިއްޔާއަކީ ސެކިއުލާ ވިސްނުން ގެންގުޅޭ މުސްލިމުންނާ ދެކޮޅު ޖަމިއްޔާއެއް ކަަމަށް ބުނެ އިނގިރޭސިވިލާތުގެ ގިނަ މުސްލިމުން ވެސް ވަރަށް ބޮޑަށް އެ ޖަމިއްޔާއަށް ނަފްރަތުކުރެ އެވެ.

އެ ޖަމިއްޔާއިން ގެންދިޔަ ވޯކްޝޮޕްއެއްގައި މަޖިލިސް މެމްބަރަކު ހިމެނޭ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވޯކްޝޮޕާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ‏ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާތީ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.