29 Feb 2020, 09:51
ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހީރޯޕަންތީ 2"ގެ ފަސްޓްލުކް ދައްކާލައިފި އެވެ.
ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ބޮލީވުޑަށް ތައާރަފްވި ފިލްމު ހީރޯޕަންތީ ވަނީ 2014 ވަނަ އަހަރު ރިލީޒްކޮސްފަ އެވެ. އެ ފިލްމުގެ ސީކުއަލެއް ހަދަން ނިންމި އިރު އެ ފިލްމުގެ ދެވަނަ ބައިން ވެސް ފެނިގެންދާނީ ޓައިގާ އެވެ.
"މި ފިލްމަކީ އަހަރެންނަށް ވަރަށް ހާއްސަ ފިލްމެއް. އަދި މި ފިލްމުގެ ފްރެންޗައިޒެއް އަހަރެންގެ މެންޓާ ސާޖިދު ސާ އާއެކު މަސައްކަތްކޮށްލަން ލިބުމަކީ މި ފިލްމު އިތުރަށް ހާއްސަވާ ސަބަބެއް. ފިލްމުގެ މަސައްކަތް ފެށުމަށް ވަރަށް ބޮޑަށް ކެތްމަދުވެފައި މިހުރީ،" ފިލްމުގެ ޕޯސްޓަރު ހިއްސާކުރުމަށް ފަހު ޓައިގާ ބުންޏެވެ.
ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާން އެވެ. ހީރޯޕަންތީގައި ޓައިގާ އާ އެކު ހަރަކާތްތެރިވާނީ ކްރިތީ ސެނަންއެވެ.
ޓައިގާ މިހާރު މަސައްކަތްކުރަމުން އަންނަނީ ބާގީ 3 ގަ އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ މާޗު މަހުގެ ހަ ވަނަދުވަހު އެވެ. މި ފިލްމުގައި ޓައިގާ އާ އެކު ހަރަކާތްތެރިވާނީ ޝްރައްދާ ކަޕޫރެވެ. މި ފިލްމުގެ ދެ ވަނަ ބައިން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. ބާގީ 3ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެ އެވެ. އަދި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއް ވެސް ހިމަނަން ވަނީ ނިންމާފަ އެވެ.