އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރުން ހިންގާ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަންނަ މަހުން ފެށިގެން ފުރާ ދެ އަހަރުން މަތީގެ ކޮންމެ މީހެއްގެ އަތުން ނެގުމަށް ޖީއެމްއާރުން ކަނޑައަޅާފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ދެ ޑޮލަރުގެ އިންޝުއަރެންސް ޗާޖަކީ ގާނޫނާ ހިލާފަށް ނަގަން ނިންމާފައިވާ އެއްޗެއް ކަމަށާއި ކޮންމެ ނަމެއް ކިޔި ނަމަވެސް އެ ފައިސާ އެ ގޮތަށް ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މި މައްސަލަ އަކީ ގައުމީ ޕާޓީގެ ނާއިބް ރައީސް އިމާދު ސޯލިހު ފިނޭންސް މިނިސްޓްރީއަށް ރައްދުވާ ގޮތަށް ކުރެއްވި ދައުވާއެކެވެ.

އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ސިވިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ ޖީއެމްއާރުން ނަގަން ނިންމާފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ދެ ޑޮލަރުގެ އިންޝުއަރެންސް ސާ ޗާޖް ނެގުމަކީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސަވިސް ޗާޖު ނެގުމާ ބެހޭ ޤާނޫނުގެ މަގުސަދާއި މަފްހޫމާ ޚިލާފް ކަމެއް ކަމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ ޖޫން 2010،28 ދުވަހު ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި 25 ޑޮލަރުގެ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖާއި ދެ ޑޮލަރުގެ އިންޝުއަރެންސް ސާ ޗާޖް ނޭގޭނެ ކަމަށް ބުނެފައިވާ މާއްދާ އަކީ ގާނޫނާ ޚިލާފު މާއްދާއެއް ކަމަށެވެ.

"ގާނޫނު ނަންބަރު 2009/10 (ގާނޫނު ނަންބަރު 78/71 ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓު ސާވިސް ޗާޖް ނެގުމާއި ބެހޭ ގާނޫނަށް ދިހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނޫ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް، އިބްރާހިމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ފައިސާ ނެގުމަކީ 78/71 ގެ މަގުސަދާއި އެ ގާނޫނުގެ މަފްހޫމާއި ޚިލާފް ކަމެއް ކަމަށާއި، ޖޫން2010،28 ދުވަހު ދިވެހި ސަރުކާރާއި ޖީއެމްއާރު-އެމްއެޗްބީ ކޮންސޯޓިއަމް އާއި ދެމެދު ވެފައިވާ ކޮންސެޝަން އެގްރީމެންޓްގެ އެނެކްސް 10ގެ ދެވަނަ ނަންބަރުގެ (އޭ) އާއި (ބީ) އަކީ ގާނޫނު ނަމްބަރު 78/71 ގެ މަގުސަދާއި އެ ގާނޫނުގެ މަފްހޫމާއި ޚިލާފް ދެ އަކުރު ކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިިން ބޭރަށް ފުރާ ދެ އަހަރުން މަތީގެ ކޮންމެ ފަސިިންޖަރެއްގެ އަތުން 78/71 ނަމްބަރު ގާނޫނު ބުނާ ގޮތުން 12 ޑޮލަރުގެ ޓެކްސްއެއް ނެގޭނެ އެވެ. އަދި އެ ޓެކްސް ނަގަން ޖެހޭނީ ދިވެހި ރުފިޔާ އިން ކަމަށެވެ.