ސަރުކާރު ޒިންމާދާރުކުރަން ކުރާ މަސައްކަތްތުގައި ޑީއާރްޕީ އާއި މޯލްޑިވިއަން ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބް މުހައްމަދު މުނައްވަރު އުފެއްދެވި އެމްއާރްއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ދެ ޕާޓީގެ ފަރާތުން ވެސް ބުނެފައި ވަނީ ޑީއާރްޕީ އާއި އެމްއާރުއެމް ގުޅިގެން ކުރާ މަސައްކަތުގައި ދެ ޕާޓީން ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އެމްއާރުއެމްގެ ސިޔާސަތު ކަނޑައަޅާ ކޮމެޓީގެ މެންބަރު އަހުމަދު ޝަމީމް ވިދާޅުވީ ސަރުކާރުން ކުރަމުންގެންދާ ގޯސްކަންތައްތައް ހުއްޓުވައި ސަރުކާރު ހަމަމަގަށް އެޅުވުމުގައި އެ ޕާޓީ އާއި ޑީއާރްޕީ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމީ މިސަރުކާރު ޒިންމާދާރުކުރުވުމުގެ ގޮތުން އެ ޕާޓީން އެކަނި މަސައްކަތްކުރުމުގެ ބަދަލުގައި އިދިކޮޅު ޑީއާރްޕީ އާއި ގުޅިގެން މަސައްކަތްކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެ ޕަޓީ އަށް ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައި މިވަނީ ސަރުކާރުގައި މިހާރު ހުރި މައްސަލަތަކުގައި [ކަމުނުދާ ޕޮލިސީތަކުގައި] ދެ ޕާޓީ އެކުގައި މަސައްކަތްކޮށް އެކަންކަން ކާމިޔާބްކުރުމަށް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މި އެއްބަސްވުމަކީ ކޮންމެހެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރްޕީއާ އެކު ކޯލިޝަނެއް ހެދުމުގެ މަގްސަދުގައިވީ އެއްބަސްވުމެއް ނޫންކަމަށާއި ސަރުކާރު ޖަވާބްދާރީ ކުރުމަށް އިދިކޮޅު ކޮންމެ ފަރާތަކުން އެ ޕާޓީ އާއި ގުޅުމަށް އެދިއްޖެ ނަމަ އެމްއާރްއެމުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޑީއާރްޕީގެ ނައިބް ލީޑަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ސަރުކާރުން މިހާރު ހިންގަމުންގެންދާ ދީނާހިލާފް ކަންތަކާއި އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން އެއްވިސްނުމެއްގައި މަސައްކަތްކޮށް އެއް ޕްލެޓް ފޯމެއް ގާއިމްކޮށް އެކުގައި މަސައްކަތްކުރުމަކީ ގައުމަށް މިހާރު އެންމެ ބޭނުން އެއްކަންތަށް ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖެ އިގްތިސާދީ ގޮތުން ވެސް މިއިން ދުވަހަކު ވެސް ދަށަށް ނުދާހަ މިންވަރަށް ދަށަށްގޮސްފައިވާ ދަނޑިވަޅެއްގައި ރާއްޖެ ދަރަނިވެފައިވާ މިންގަނޑަކީ މިހާރު ވެސް ދުނިޔޭގެ ނިސްބަތުން ވަޒަންކުރާ ނަމަ ވަރަށް ކުރިޓިކަލް ސްޓޭޖެއްގައި އޮތް މިންގަނޑެއް ކަމަށާއި ގައުމެއްގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 60 ޕަސަންޓަށް ވުރެ މައްޗަށް އަރާ ނަމަ އެގައުމެއް ވަރަށް ނުރައްކާތެރި ފައްތަރަށް ވެއްޓުނީކަމުގައި އަންޑޭ ވިދާޅުވި އެވެ.

"ރައްޖޭގެ ދަރަނި މިހާރު އޮތީ ނޮމިނަލް ޖީޑީޕިއަށް ބަލާއިރު 85 ޕަސަންޓުގައި. ރިއަލް ޖީޑިޕީގެ ނިސްބަތުން ބަލާއިރު ނިސްބަތުން 128 ޕަސަންޓުގައި މިހާރު މިއޮތީ ރާއްޖޭގެ މުސްތަގްބަލް ސަލާމަތްކުރަން ޖެހިފައި،" އަންޑޭ ވިދާޅުވި އެވެ.

ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްއާރުއެމްގެ މެމްބަރެއް ނެތުމުން ޑީއާރުޕީ މެދުވެރިކޮށް އެމްއާރުއެމްގެ ވިސްނުން މަޖިލީހަށް ގެނައުމަކީ ވެސް ދެ ޕާޓީގެ ފަރާތުން ކުރަނެ ކަމެއްކަމަށެވެ.

އެމްއާރުއެމްގެ ވަގުތީ ހިންގާ ކޮމެޓީގެ މެމްބަރު އިބްރާހިމް ދީދީ (ކޭޑީ) ވިދާޅުވީ އެންމެ ބޮޑު ވިސްނުމަކީ އިދިކޮޅު ހުރިހާ ފަރާތްތައް އެއްގަލަކަށް އެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް އެއްބަސްވެވޭ ކަންކަން ހޯދައި ދަނެގަނެ މަސައްކަތް ކުރުމަކީ މައިގަނޑު ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއާރްއެމްގެ ފަރާތުން ބުނީ މިއަދު ޑިއާރްޕީ އާއި އެ ޕާޓީ އާއި ދެމެދު އެއްބާރުލުމަށް ނިންމި ނިންމުމަކީ އެއްވެސް އެގްރީމެންޓެއްގެ ދަށުން ކުރެވުނު ކަމެއް ނޫން ކަމަށާއި، 2013ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ނެރޭނީތޯ ނުވަތަ އިދިކޮޅު ޕާޓީއަކާ އެކު ކޯލީޝަން ހަދާނީތޯ އަދި ނުވިސްނާކަމަށާއި ، މިހާރުގެ ވިސްނުން ހުރީ ޑިމޮކްރަސީ ސަލާމަތްކޮށް ގައުމަށް ހަމަޖެހުންގެނެސް ސަރުކާރުން ކުރާ ގޯސްކަންތަށް ފާހަގަކޮށް ސަރުކާރު ޖަވާބްދާރީކުރުވުން ކަމަށެވެ.

ދެ ޕާޓީން ވެސް ބުނެފައި ވަނީ ގައުމީ އަދި ދީނީ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމަށް ވެވިފައިފަވާ އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއް ކަމަށާއި މިހާރު މިއޮތް ސަރުކާރުގެ ނޭއްގާނީ ހާލަތު ނައްތާލުމަށް އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްގަލަކަށް އަރައި އިތުރު ޕާޓީތަކުން އެބޭފުޅުންނާ ބައިވެރިވުމަކީ މަރުހަބާ ކިޔާނެ ކަމެއްކަމަށެވެ.