މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވީޑް 19 ބައްޔާ ގުޅިގެން ޗައިނާއަށް ދަތުރުކުރެއްވި މޮންގޯލިއާގެ ރައީސް ހަލްތުމާގިން ބަތުލްގާ ކަރަންޓީނުކޮށްފި އެވެ.

އެމަނިކުފާނު އިއްޔެ ވަނީ ޗައިނާއަށް ދަތުރުކުރައްވައިފަ އެވެ.

ކޮވިޑް 19 ޗައިނާއިން ފެތުރެން ފެށިފަހުން ޗައިނާއަށް ދަތުރުކުރެއްވި ހަމައެކަނި ގައުމެއްގެ ލީޑަރަކީ ވެސް ބަތުލްގާ އެވެ.

އެމަނިކުފާނާ އެކު މޮންގޯލިއާގެ އޮފިޝަލުން ވެސް ޗައިނާއަށް ވަޑައިގެންނެވި އެވެ. ޗައިނާގައި ބަތުލްގާާ ވަނީ ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ އެކު ވާހަކަތައް ބާއްވައިފަ އެވެ.

އެ ހުރިހާ ބޭފުޅުން ވެސް ގައުމަށް ވަޑައިގަންނެވުމާ އެކު ވަނީ 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ.

ކޮވިޑް 19 ފެތުރޭތީ މޮންގޯލިއާ އިން ވަނީ އެގައުމާއި ޗައިނާއާ ގުޅޭ ބޯޑަރު ވެސް ބަންދުކޮށްފަ އެވެ.

މޮންގޯލިއާ އިން މިހާތަނަށް ކޮވިޑް 19 ބަލި ފެނިފައެއް ނުވެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި އާ ބާވަތުގެ ކޮރޯނާވައިރަހަށް މިހާތަނަށް 40 އަށް ވުރެ ގިނަ ގައުމުގެ ސަރަހައްދެއްގައި ތިބި 83،361 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުނު 2,857 މީހަކު ވަނީ މަރުވެފަ އެވެ.

އާ ކޮރޯނާވައިރަހަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ތައްޔާރުވެއްޖެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.