28 Feb 2020, 14:58
ރޮހިންޖާ މުސްލިމުންގެ ހައްގުގައި ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖެ ތަމްސީލު ކުރަން މަޝްހޫރު ގާނޫނީ ވަކީލު، އަމާލް ކުލޫނީ ހަމަޖެއްސުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އަމާލް އަކީ، ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
އަމާލް ކުލޫނީ އަށް މަރުހަބާ ދަންނަވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ރާއްޖެ ތަމްސީލު ކުުރުމަށް އަމާލް މަސައްކަތް ކުރަން ހަމަޖެހުމުން ވަރަށް ބޮޑަށް އުފާ ކުރައްވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންނަކީ ރަނގަޅު މުސްލިމުންނަށްވީރު، އެހެން ގައުމުތަކުގެ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިވުމަކީ ރާއްޖޭގެ ޒިންމާއެއް ކަމަށެވެ.
ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަން ނިންމި ކަން އިއުލާން ކުރެއްވީ، މިދިޔަ އަންގާރަ ދުވަހު އެވެ. އެކަން އިއުލާން ކުރެއްވީ، ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ތަގުރީރު ކުރައްވަމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ރޮހިންޖާ މުސްލިމުންގެ ހިމާޔަތުގައި ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގާ ގަތުލުއާއްމުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިޔަންމާއަށް އަމުރުކޮށްފަ އެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.
ޝާހިދު ވިދާޅުވީ، ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ނިކުންނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓަށް ފެނިވަޑައިގަންނަވާކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި ރާއްޖެއިން ރޮހިންގާ މުސްލިމުންގެ ދިފާއުގައި އެކޯޓަށް ލިޔުން ހުށަހަޅާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަންމާ ސިފައިން ރޮހިންގާގެ ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިންގި އަނިޔާވެރި ލާއިންސާނީ އަމަލުތަކުގައި ރޮހިންޖާގެ އެތައް ހާސް ބަޔަކު ވަނީ މަރާލާފަ އެވެ. އެ އަނިޔާތަކާ ގުޅިގެން 700،000 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަވެސް ކޮށްފަ އެވެ.