އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ފުލުހުންނާ ސިފައިންގެ މުސާރަ 40 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށް އިދިކޮޅު މެންބަރުން މަޖިލީހުގައި ވިދާޅުވި ނަމަވެސް ފުލުހުންނާ ސިފައިންގެ މުސާރަށް އެހާވަރަށް ބޮޑު ކުރަން ނިންމާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ 14 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބައެއް ތަފްސީލްތައް މަޖިލީހަށް ހުށަނޭޅުމުން މިއަދު ކޮމެޓީއަށް އިނާޒު ހާޒިރުކޮށް މެންބަރުން ސުވާލު ކުރެއްވުމުން ވިދާޅުވީ ފުލުހުންނާ ސިފައިންނަކީ އަބަދުވެސް ރޭންކް ބަދަލުވާނެ ބައެއް ކަމަށާއި މަގާމުގެ ކުރިއެރުން ލިބުމާއެކު މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ. ނަމަވެސް އެއްވެސް ސަބަބަކާ ނުލައި 40 ޕަސެންޓް މުސާރަ ބޮޑު ކުރުމަށް ފިނޭސުން ނިންމާފައި ނުވާ ކަމަށް އިނާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާ ސިފައިންގެ ތެރެއިން އަންނަ އަހަރު އިތުރުވެގެންދާނީ 100 އެއްހާ ވަޒީފާ ކަމަށާއި އެއީ ފުލުހުންގެ 50 ވަޒީފާ އާއި އެމްއެންޑީއެފްގެ 50 ވަޒީފާ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންނާ ސިފައިންގެ މުސާރަ އަންނަ އަހަރު 40 ޕަސެންޓް ބޮޑު ކުރުމަށް ނިންމާފައިވާކަން އެނގުނީ ބަޖެޓް ކޮމެޓީން ހޯދި ތަފްސީލްތަކުން ކަމަށެވެ. އަދި ފުލުހުންނާ ސިފައިންނަށް މުސާރަ ބޮޑުކޮށް، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުނޮކޮށް، ގިނަ މުވައްޒަފުން ސަރުކާރުގެ ވަޒީފާތަކުން ވަކި ކުރާތީ އޭނާ ވަނީ ފިނޭންސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއަދުގެ ބަޖެޓް ކޮމެޓީގައި ކުރީގެ ޓީވީއެމްއާއި ދިވެހި ރާއްޖޭގެ އަޑުގެ ނަން ބަދަލުކޮށްގެން ހިންގާ އެމްއެންބީސީއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ދީފައިވާނެތޯ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ސުވާލު ކުރެއްވުމުން އިނާޒު ވިދާޅުވީ އެމްއެންބީސީއަށް ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ފައިސާ ދީފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ތަފްސީލްތައް މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވާނެ ކަމަށް އިނާޒު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލްތަކަށް އެދުމުން އިނާޒު ވިދާޅުވީ ސްޓެލްކޯ އާއި އައިލެންޑް އޭވިއޭޝަނާއި އެމްޕީއެލް އަންނަ އަހަރު ޕްރައިވަޓައިޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކުންފުނިތަކަށް ބަޖެޓުން ދީފައިވާ ފައިސާގެ ތަފްސީލް ކޮމެޓީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އިނާޒު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހުރިހާ ތަފްސީލެއް ހިނަމާފައި ނުވަނީ "ބަޖެޓް ފޮތް ބަރުވެދާނެތީ" ކަމަށް ވެސް އިނާޒު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މެންބަރުންނަށް ވަރަށް ބޮޑު ބުރުލެއް އަރާނެ ކަމަށް އިނާޒު ވިދާޅުވި އެވެ.
ކޮމެޓީއަށް އިނާޒު ހާމަކޮށްދެއްވި މައުލޫމާތުތަކުގެ ތެރޭގައި އަންނަ އަހަރު އެކަނިވެރި މައިންގެ 5000 ކުދިން ރާއްޖޭގައި އެބަތިބި ކަމަށާއި އެކުދިންގެ 12 މަސްދުވަހުގެ ހަރަދަށް 60 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަދަނަ ޕްލަސްގައި ނުހިމޭ މީހުން ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ދާންޖެހުމާއި އަތޮޅުތަކުގައި ހާލު ދެރަވެގެން އެމެޖެންސީގައި ދަތުރު ކުރަންޖެހޭ ފަރާތްތަކަށް ހަރަދު ކުރުމަށް 7.8 މިލިއަން ރުފިޔާ ބެޖެޓްގައި ހިމެނިފައިވާނެ ކަމަށް ވެސް އިނާޒު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ހަރަދުވާތީ މެންބަރުން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މިނިސްޓްރީއަށް އެހާބޮޑު އަދަދަކުން ހަރަދުވަނީ ކީއްވެގެންތޯ މެންބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.