08 Dec 2011, 13:12
މިދިޔަ އަންގާރަ ދުވަހު ހަތް މެޖިސްޓްރޭޓް ކޯޓަކަށް އައްޔަންކުރި ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅެއްގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގެވިކަމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށް ވަކީލުން ތަކެއް ބުނެފިއެވެ.
ހުސްނުއް ސުއޫދުގެ ލޯފާމްގައި މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ސޫއޫދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންގެ ތެރޭއިން ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކުރެއްވި ގދ. ތިނަދޫ މީރާޒް، އަހުމަދު ޝަރީފާއި ކ. ގާފަރު މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކުރެއްވި ދ. މީދޫ ބިއްލޫރި ވިލާ އަލީ ޝަފީގަކީ ބަދުއަޚްލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވެފައިވާ ދެ މީހުން ކަމަށެވެ.
"މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި ފަނޑިޔާރުންގެ ތެރެއިން ގއ. ދެއްވަދޫ ކޯޓަށް އައްޔަންކުރެއްވި ގދ. ތިނަދޫ މީރާޒް، އަހުމަދު ޝަރީފާއި ކ. ގާފަރު ކޯޓަށް އައްޔަން ކުރެއްވި ދ. މީދޫ ބިއްލޫރި ވިލާ އަލީ ޝަފަކީ ބަދުއަޚްލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވެފައިވާ ދެ މީހުން،" ސުއޫދު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ޝަރީފުގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވެފައި ވަނީ އަންހެން ކުއްޖަކާއެކު އެކަހެރި ތަނެއްގައި ހުއްޓާ ފެނިގެން ހިންގި ޝަރީއަތުގައި ކަމަށެވެ. އަދި ޝަފީގުގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވެފައި ވަނީ މީހެއްގެ އަންބެއް ގާތަށް ވަދެ އޮއްވާ ފެނިގެން ހިންގި ޝަރީއަތުގައި ކަމަށެވެ.
ސޫދު ވިދާޅުވީ ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވެފައިވާތީ އެ ދެމީހުން ދާއިމީ ނުކުރުމަށް މީގެކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާއަކުން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީން އެގޮތަށް ނިންމި ޖަލްސާގައި އޭނާވެސް އިންނެވި ކަމަށެވެ.
ފަރީދު ވިދާޅުވީ ފަނޑިޔާރުންނަކީ އަޚުލާގީގޮތުން ރަނގަޅު ބަޔަކަށް ވާންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނޫގައި ބަޔާންކޮށްފައިވާއިރު ބަދުއަހުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވެފައި ވާ ދެ މީހުންނަކީ އަޚުލާގު ރަނގަޅު ބައެއްގެ ގޮތުގައި ކަނޑައަޅައި ފަނޑިޔާރުކަން ދިނުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"އެ ދެމީހުން ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާކަމަށް ޖޭއެސްސީން މިނިންމާ ފަނޑިޔާރުކަން މިދިނީ ކީއްވެބާއޭ ސުވާލު އުފެދޭ ކަމަކީ. އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި ފަނޑިޔާރުންގެ ގާނޫނާއި ގާނޫނު އަސާސީ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަނޑިޔާރުންނަކީ އަޚުލާގީ ގޮތުން ރަނގަޅު މީހުންނަށް ވާންޖެހޭނެ. އަދި އޭގެއިތުރުން ވަރަށް ރަނަގަޅު ބަޔަކަށްވެ މުޖުތަމައުގައި ނަމޫނާ ބަޔަކަށް ވާންޖެހޭނެ،" ފަރީދު ވިދާޅުވިއެވެ.
ކުރީގެ ޖިނާއީ ކޯޓުން ޝަރީފްގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ވަނީ އޭނާގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވެފައިވަނީ އަމިއްލަ އިއުތިރާފުން ކަމަށެވެ.
އަދި ޝަފީގުގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވާތީ ހަތް ފަހަރު ތައުޒީރުކޮށް ހަތަރު މަސްދުވަހަށް އަރުވާލުމަށް ހުކުމް ކުރާ ކަމަށެވެ.
ޖޭއެސްސީގެ މީޑިއާ އޮފިސަރު ހަސަން ޒަހީން މިއަދު ވިދާޅުވީ އެ ދެ ބޭފުޅުން އެ މަގާމަށް އަައްޔަން ކުރެއްވުމަށް ގާނޫނު ހުރަސްނާޅާ ކަމަށާއި ފަނޑިޔާރުނު ބުނަނީ ބަދުއަހުލާގީ މައްސަލައެއްް ސާބިތުވެ، ހުކުމެއް ތަންފީޒުކޮށްފައިވާ ބޭފުޅެއްގެ މައްޗަށް ކޮށްފައިވާ ހުކުމަކަށް ހަތް އަހަރު ވެއްޖެ ނަމަ އެފަދަ ބޭފުޅަކު އެފަދަ މަގާމަށް އައްޔަން ކުރުމަށް ގާނޫނު ހުރައްސްނާޅާ ކަމަށެވެ.
އަހުމަދު ޝަރީފާއި އަލީ ޝަފީގަކީ އެ މުއްދަތު ހަމަވެފައިވާ ބޭފުޅުން ކަމަށް ވެސް ޖޭއެސްސީ އިން ބުންޏެވެ.