ފ. ނިލަންދޫގައި ހުންނަ އަތޮޅުގެއަށް ކުލި ނުދައްކާ އަތޮޅު ކައުންސިލްގެ ދެ މެންބަރަކު އަތޮޅުގެ ގޭގައި ތިއްބަވާ މައްސަލައިގައި ދެ ކައުންސިލަރުން ތިއްބަވާނެ ތަނެއް ހޯއްދެވުމަށް ހަތަރު ދުވަހުގެ މުއްދަތެއް ދީފި އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް އަހުމަދު މިއަދު ވިދާޅުވީ އަތޮޅުގޭ ކައިރިއަށް އެއްވި މީހުން އެ ސަރަހައްދު ދޫކޮށް ދުރަށް ދިޔައީ މިއަދު އިރުއެރި ފަހުން ކަމަށެވެ. އަދި އެއްވި މީހުންގެ ތެރެއިން އެކަކު ފުލުހުން ހައްޔަރު ކުރި ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ ރޭ ފަތިހު ފުލުހުންގެ ޓީމަށް އެ ރަށަށް ގޮސް އަތޮޅުގެ ކައިރިއަށް އެއްވި މީހުން ދުރަށްލީ ސުލްހަ ވެރިކަމާއެކު ކަމަށާއި އެކަކު ވެސް އެ ސަރަހައްދުން ހައްޔަރު ނުކުރާ ކަމަށެވެ.

ޖަލީލް ވިދާޅުވީ އަތޮޅުގޭގައި ތިއްބަވާ އެމްޑީޕީގެ، ބިއްލެއްދުއަށް ނިސްބަތްވެ ވަޑައިގަންނަވާ އަތޮޅު ކައުންސިލްގެ ދެ މެންބަރުން ވެސް ރޭ ތިއްބެވީ އެރަށުން ކޮޓަރި ކުއްޔަށް ހިފައިގެން ކަމަށެވެ.

"އިރުއެރި ފަހުން އެ ސަރަހައްދުން މީހުން އެއްކޮށް ހުސްވީ. މައުލޫމާތު ލިބިފައިވާ ގޮތުން ހަތަރު ދުވަހުގެ މުއްދަތެއް ފުލުހުން އެމީހުންނަށް މިހާރު ވަނީ ދީފައި އެތަނުން ނުކުންނަން. އަތޮޅުގެ މިހާރު ހަވާލުކޮށްފައިވަނީ ފުލުހުންނާ،" ނިލަންދޫ ކައުންސިލްގެ ރައީސް ޖަލީލް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްގެ ދެ މެންބަރަކު އަތޮޅުގޭގައި ތިއްބަވާ މައްސަލަ ހޫނުވެ، އަތޮޅުގޭގެ ބޮޑު ދެ ގޭޓުގައި ޗޭނު ތަޅޭއް އަޅުވާ ވަނީ ބަންދުކޮށްފަ އެވެ. އަދި އާންމުކޮށް ބޭނުން ކުރާ ދޮރުގައި ވަނީ ފިލާ ޖަހާ ބަންދުކޮށްފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Abdhul Jaleel Ahmed (mp3)