08 Dec 2011, 12:07
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ޖީއެމްއާރުން ހިންގާ ބައިނަލްއަގުވާމީ އެއާޕޯޓް، ޑެލްހީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑަށް، އެ އެއާޕޯޓުން ފުރާ ޕަސިންޖަރުން އަތުން ނަގަން އުޅުނު "ޑިވެލޮޕްމެންޓް ފީ" އެކުންފުންޏަށް ކަނޑަނޭޅޭނެ ކަމަށާއި އެފަދަ ފީއެއް ނެގޭނީ ސަރުކާރުގެ "އެއާޕޯޓްސް އިކޮނޮމިކް ރެގިއުލޭޓަރީ އޮތޯރިޓީ"( އީރާ) އިން ކަނޑައަޅާ ރޭޓަކުން ކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމްކޮށްފި އެވެ.
އިންޑިޔާގެ ނޫސްތަކުގައި ނޮވެމްބަރު 15 ވަނަ ދުވަހު ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ އަމުރާ ގުޅިގެން ދިއްލީ އެއާޕޯޓުން ޑިވެލޮޕްމެންޓް ފީ ނަގާނެ ރޭޓްތައް ކަނޑައަޅައި، އެ ރޭޓުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފީ ނަގަން ފަށާނެ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 18 މަސް ދުވަސް ވަންދެން އެއާޕޯޓުން ފުރާ ކޮންމެ ޑޮމެސްޓިކް ޕެސެންޖަރެއްގެ އަތުން 200 ރުޕީސް އަދި އިންޓަނޭޝަން ޕެސެންޖަރެއްގެ އަތުން 1300 ރުޕީސް ނަގާނެ ކަމަށް އީރާ އިން ކަނޑައަޅާފައިވާ ކަމަށް އެ ނޫސްތަކުން ބުނެ އެވެ.
އިންޑިޔާގެ ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ޑިވެލޮޕްމެންޓް ފީ ނަގަން ވާނީ އީރާ އިން ކަނޑައަޅާ ރޭޓަކުން ކަމަށާއި އަދި އެފައިސާ ހަރަދުކުރަން ވާނީ އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ކަމަށެވެ.
އީރާއާ ހަވާލާދީ އިންޑިޔާގެ އޮންލައިން ނޫހެއް ކަމަށްވާ އެންޑީޓީވީން ބުނެފައި ވަނީ ޑިސެމްބަރު މަހު ދިއްލީ އެއާޕޯޓުން ފީނަގަން ފެށުމުން ޑަޔަލް އަށް މަހަކު އެގޮތުން ލިބެނީ ކިހާ ފައިސާއެއްތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އިރާ އިން އަޅާނެ ކަމަށެވެ.
ޖީއެމްއާރު އިންފްރާސްޓްރަކްޗާގެ ސީއެފްއޯ ސުބާ ރާއޯ އިއްޔެ އިންޑިޔާގެ ސީއެންބީސީ ޓީވީއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ދިއްލީ އެއާޕޯޓުން ނަގާ ފީއާއެކު އެ ކުންފުންޏަށް ލިބޭ އާމްދަނީ އަންނަ އަހަރު 8000 ކްރޯޑް ރުޕީސްއަށް އަރާނެ ކަމަށެވެ.