08 Dec 2011, 11:26
ކުރީގެ ސަރުކާރުން މ. ކޮޅުފުށީ ރައްޔިތުންނަށް ވަރުވާއަށް ލިޔެދީފައިވާ އެ އަތޮޅު ފެންފުރާވެލި ދިގު މުއްދަތަކަށް އެހެން ބަޔަކަށް ކުށްޔަށް ދިނުމުގައި ކައުންސިލްގެ މަޝްވަރާ ހޯދާފައި ނުވާކަމަށް މ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސުލައިމާން ސޮއިކުރައްވައި މިއަދު ނެރުނު ނޫސް ބަޔާން ގައި ބުނެފައިވަނީ ކޮޅުފުށީ ރައްޔިތުންނަށް ވަރުވާއަށް ލިޔެދީފައިވާ ފެންފުރާވެލި ދިގުމުއްދަތަކަށް ކުށްޔަށް ދިނުމުގައި އެ ކައުންސިލާއި މަޝްވާރާ ކޮށްފައި ނުވާކަމަށާއި އެކަމަކީ ކައުންސިލްތަކުގެ ބާރު ކަނޑުވައިލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެށުން ކަމަށެވެ. އަދި އެކަމާއި އެ ކައުންސިލުން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އުފައްދާފައިވާ ލޯކަލް ކައުންސިލްތަކުގެ ޅަފަތުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތުގެ ފެށުމަށް [މިކަން] ވެދާނެތީ މި ކައުންސިލުން ކަންބޮޑުވަމެވެ،" މ. އަތޮޅު ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ސަރުކާރުން ވަނީ 21 އަހަރުގެ މުއްދަތަށް ފެންފުރާވެލި ކިއޯން ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައެވެ.
އެ ކައުންސިލުން ބުނީ ކުރީގެ ސަރުކާރުން ފެންފުރާވެލި ކޮޅުފުށީ ރައްޔިތުނަށް ވަރުވާއަށް ލިޔެދީފައި ވަނީ ކޮޅުފުއްޓަކީ ސުނާމީގައި ވީރާނާވެފައިވާ ރަށަކަށް ވާތީ ކަމަށެވެ. އަދި ބުނީ ކޮޅުފުށީ ރައްޔިތުން މިހާތަނަށް އާމްދަނީ ހޯދަމުން އައީ އެރަށުން ކަމަށާއި އެރަށް އެހެން ބަޔަކަށް ކުށްޔަށް ދިނުމުން ކޮޅުފުށީ ރައްޔިތުންނަށް ބޮޑެތި ދަތިތައް ތަހަންމަލް ކުރަން ޖެހިފައިވާ ކަމަށެވެ.