ސަރުކާރުގެ ވިސްނުން އޮތީ ހޮސްޕިޓަލަކަށްވުރެ މާފުޅާކޮށް ސިއްހީ ހިދުމަތް ދިނުމަަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ތިން ރަށެއްގައި އަލަށް އަޅާ ހެލްތު ފެސިލިޓީސްތައް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިީ ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަކީ ދައުލަތަށް މިހާރުވެސް ކުރިމަތިވެފައިވާ ވަރަށް ގޮންޖެހުމެއް ކަމަށެވެ.

އެހެންކަމުން ވިސްނުންތެރިކަމާއެކު ހަރަދުކުޑަކޮށް ފަސޭހައިން އެންމެންނަށް ހިތްހަމަޖެހޭގޮތަށް ސިއްހީ ހިދުމަތް ދިނުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ރަށެއްގައި އަލަށް އަޅާ ހެލްތު ފެސިލިޓީސްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މިއަދު މިފެންނަ ބަދަލު އިރާދަކުރެއްވިޔާ ވެގެންދާނީ އެކި އަތޮޅުތަކަށާއި އަދި މުޅި ރާއްޖޭގެ ސިއްހީ ނިޒާމަަށް އާދަޔާ ހިލާފު ބަދަލުތަކެއް ގެނުވާނެ މަސައްކަތްތަކަށް ކަމަށެވެ.

ހއ. ދިއްދޫ އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި އަލަށް އިމާރާތްކުރާ ހެލްތު ފެލިސިޓީސްތައް މިއަދުވަނީ އިފްތިތާހްކޮށްފަ އެވެ. އެ ޕްލޭންގެ ދަށުން ތިން ރަށުގައިވެސް ގިނަ ހިދުމަތްތަކާއެކު 55 އެނދުގެ ހޮސްޕިޓަލްއެއް ގާއިމް ކުރާނެ އެވެ.

"އެހެން ވީމާ، އާދެ އަޅުގަނޑުމެން މި އަތޮޅުތަކުގައި މި އިމާރާތްތައް ފެނުމުން މިއަށް ހޮސްޕިޓަލްތަކޭ ކިޔާހިތެއް ނުވޭ. އަދި ރަށްރަށުގައި ފުރިހަމަކަމާއެކީގައި އަޅުގަނޑުމެން ދެން ބިނާކުރާ ތަންތަނުގައި ހޮސްޕިޓަލްތަކޭ ކިޔާހިތެއް ނުވޭ އަޅުގަނޑު ގައިމުވެސް. އެހެން ނަމަވެސް އެތަންތަނުގެ ހޮސްޕިޓަލްގެ ހިދުމަތް އެބަދެވޭ. ހޮސްޕިޓަލަކަށް ވުރެ މާފުޅާ ވިސްނުމަކާއެކީގައި މިހާރު ސިއްހީ ހިދުމަތް ހިދުމަށް ދިނުމަށް މި ފޯރުކޮށްދިނުމަށް މިވިސްނަނީީ." މިނިސްޓަރު ވިދާޅުވި އެވެ.

ތިން ރަށެއްގައި އަލަށް އަޅާ ހެލްތު ފެސިލިޓީސްތައް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ހޮސްޕިޓަލްތައް ވެގެންދާނީ ތަމްރީން ދިނުމާއި ދިރާސާކުރުމާއި ރާއްޖޭގެ ސިއްހީ ދާއިރާގައި ތައުލީމް ހާސިލްކުރާ އެކި އެކި ފަރާތްތަކަށް އެކި އެކި ފުރުސަތު ލިބިދޭނެ މަރުކަޒުތަކެއްގެ ގޮތުގައިަކަމަށް އަމީން ވިދާޅުވި އެވެ.

"ހަމައެއާއެކު ތައުލީމީ ގޮތުންނާއި ވިސްނުމުގެ ގޮތުން އަދި ދިރާސާ ކުރުމިގެ ގޮތުން ރާއްޖެ ކުރިއެރުން ހާސިލްކުރާާ ކަމުގައި ވާނަމަ އިރާދަކުރެއްވިއްޔާ މިބިނާތައް ވެގެންދާނީ އެކަންކަމަށް އެ ތަންތަނަށް އެ ވިސްނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ބިނާތަކަކަށް." އަމީން ވިދާޅުވި އެވެ.