27 Feb 2020, 12:39
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލިޔޯން އަތުން ޔުވެންޓަސް ބަލިވި އިރު ޒިންމާ ނަގަން ޖެހޭނީ ކުޅުންތެރިން ކަމަށް އެ ޓީމުގެ ކޯޗު މޯރީޒިއޯ ސަރީ ބުނެފި އެވެ.
ލިޔޯންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ޔުވެންޓަސްގެ މައްޗަށް ހޯމް ޓީމުން ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. އެއް ގޯލުގެ ތަފާތަކާ އެކު ދެވަނަ ލެގަށް ޔުވެންޓަސް ދާ އިރު އެ ޓީމުގެ ކޯޗު ވަނީ ރޭގެ މެޗުން ލިބުނު ބަލީގެ ޒިންމާ ކުޅުންތެރިންގެ ބޮލަށް ޖަހައިފަ އެވެ.
"ވަރަށް އުނދަގޫ އަސްލު ބަލިވި ސަބަބު ބުނެދޭން. މުޅި މެޗުގައި ވެސް ކުޅުންތެރިން ތިބީ ވަރަށް މަޑު މަޑުން ޕާސް ޖަހާލަ ޖަހާލަ. މެޗުން މޮޅުވުމަށް މަސައްކަތް ކުރިތަނެއް ނުފެނޭ،" ސަރީ ބުންޏެވެ.
ސަރީ ބުނީ، މެޗުގެ މުހިއްމުކަން ކުޅުންތެރިންނަށް ނޭންގުމަކީ ހައިރާންވާން ޖެހުނު ކަމެއް ކަމަށެވެ. ޓީމު ކުރިއަށް ޖައްސައިގެން ކުޅެން ބުނުމުން ވެސް އެތަން ނުފެނުނު ކަމަށާއި ނަތީޖާއަކަށް ވީ އިދިކޮޅު ޓީމުން އެކަމުގެ ފައިދާ ނަގައި ޓީމު ކުރިއަށް ޖެއްސުމެވެ.
"އަހަރެން އަބަދު ވެސް ބުނާ ވާހަކައެއް އެއީ މަޑު މަޑުން ޕާސް ޖަހަން ނުތިބޭށޭ. އޭރަށް ރަނގަޅު ޕޮސިޝަންތަކަށް ހުސްވާކަށް ނޭނގޭނެ. މިކަހަލަ ބޮޑެތި މެޗުތަކުގައި އެކަހަލަ ގޯސްތައް ހަދައިގެން ލިބޭނެ ގެއްލުން މިއޮތީ ލިބިފައި،"
ރޭގެ މެޗުގައި ޔުވެންޓަސް އަށް އަށް ގޯލު ޖަހައިދޭން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ގިނަ ބޯޅަތަށް ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި ޕައޮލޯ ޑިބާލާ އާއި ގޮންޒާލޯ ހިގުއިން ކުރި މަސައްކަތްތަށް ވެސް ކާމިޔާބުނުވި އެވެ.
ޔުވެންޓަސްގެ މައްޗަށް ލިޔޯނުން މީގެ ކުރިން ކުރި ހޯދާފައި ނުވާ އިރު ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނިޓްގައި ލޫކަސް ޓޫސާޓް އެވެ. ހޫސެމް އޯއާ ނަގައިދިން ހުރަހަކުން ޓޫސާޓް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ވަނަ ލަނޑެއް ޖަހަން ލިޔޯންގެ މޫސާ ޑެމްބެލޭ ފޮނުވާލި ބޯޅަތަށް ގޯލާ ސީދާވާގޮތެއްނުވި އެވެ.
މި ދެ ޓީމުގެ ދެ ވަނަ ކުރިމަތިލުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ މެޗު އޮންނާނީ ޔުވެންޓަސްގެ ހޯމް ސްޓޭޑިއަމުގަ އެވެ.